ލައިފްސްޓައިލް

ދެމަފިރިން ލިފްޓެއްގައި ތާށިވެ ކައިވެނީގެ ރިސެޕްޝަނަށް ދެވުނީ މާ ލަހުން

އަލަށް ކައިވެނިކުރި ދެމަފިރިން ލިފްޓެއްގައި ތާށިވެ ދެ ގަޑިއިރު ވަންދެން ތިބެން ޖެހުމުގެ ސަބަބުން އެމީހުންގެ އަމިއްލަ ރިސެޕްޝަނަށް ދެވޭ ގޮތެއް ނުވި އެވެ.

އެމެރިކާގެ ނޯތު ކެރޮލައިނާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅު ދެ މީހުން ކަމަށްވާ ވިކްޓޯރިއާ އާއި ޕާނަވް ޖާގެ ކައިވެނީގެ އުފަލުގައި ބޭއްވި ރިސެޕްޝަން އޮތީ ގްރޭންޑް ބޮހޭމިއަން ހޮޓެލްގެ 16 ވަނަ ފަންގިފިލާ ގައެވެ.

"އަހަރެމެންނަށް ލިފްޓުން އެރުނީ ގާތްގަނޑަކަށް ފަސް ވަރަކަށް ފޫޓު މައްޗަށް. އެހިސާބުން ލިފްޓް ހުއްޓި އަހަރެމެން އޭގެ ތެރޭގައި ތާށިވީ. ދޮރު ހުރީ ކުޑަކުޑަކޮށް ހުޅުވިފައި. އެހެންވެ އަހަންނަށް އެނގުނު މީ އާދައިގެ ކަމެއް ނޫންކަން،" ޕާނަވް ބުންޏެވެ.

ޕާނަވް އާއި އޭނާގެ އަންހެނުންގެ އިތުރުން ރިސެޕްޝަނަށް ދިޔަ މެހެމާނުންގެ ތެރެއިން ހަތަރު މީހަކުވެސް އެ ވަގުތު ލިފްޓްގައި ތިއްބެވެ. މި މީހުންގެ ތެރޭގައި ވިކްޓޯރިއާގެ ކޮއްކޮ ވެސް ހިމެނެ އެވެ.

"ލިފްޓް ރަނގަޅުކުރަން އައި މީހުން ވަރަށް މަސައްކަތް ކޮށްގެން ވެސް ލިފްޓް ހިނގާ ގޮތެއް ނުވި. ދެން އޮތް ގޮތަކީ 'ރޯޕް ރެސްކިއު' ކަން އަހަރެމެންނަށް ވިސްނުނު،" ލިފްޓްގައި ތިބި މީހުން ސަލާމަތްކުރަން މަސައްކަތްކުރި ފަޔާފައިޓާ ޑޭވިޑް ބަޓް ބުންޏެވެ.

އެންމެ ފަހުން ފަޔާ ފައިޓަރުން ވަނީ ލިފްޓްގެ މަތީބައި ނައްޓާލައި ވާގަނޑެއް ތިރިކޮށްގެން ފަހަރަކު މީހަކު އޭގެން ނަގާ ސަލާމަތް ކޮށްފަ އެވެ.

އެމީހުންނަށް ރިސެޕްޝަން ހޯލަށް ދެވުނުއިރު ގަޑި ޖެހިގެން ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ފާއިތުވެއްޖެ އެވެ.