ލައިފްސްޓައިލް

ލޯބި ލިބުނަސް ވޭނުގައި ދިރިއުޅޭ ދެމަފިރިން

އެމެރިކާގެ ވީޖީނިއާގައި ދިރިއުޅޭ ޓޭލާ ގިވެންސް އާއި ކޮލިން ކޮބެލީޖާ އަށް އެކަކު އަނެކަކު ދެކެ ލޯބި ވެވުނީ ވަރަށް ވެސް ހީނުކުރާ ތަނެއްގައި ތިއްބަ އެވެ. އެއީ ހޮސްޕިޓަލެއްގެ ރިކަވަރީ ރޫމް އެވެ.

ސީބީއެސް ނިއުސް އަށް ދިން އިންޓަވިއު އެއްގައި މިހާރު ކައިވެނިކޮށްފައިވާ ދެމަފިރިން ކިޔައިދިން ގޮތުގައި ވާޖީނިއާގެ އިނޯވާ ފެއާފެކްސް ހޮސްޕިޓަލުގައި 2011 ގައި ދެ މީޙުންގެ ހާޓް ޓްރާންސްޕްލާންޓް ހެދީ އެއް ދުވަހަކު އެވެ. މިއީ ވަރަށް އަޖައިބު އިއްތިފާގަކަށް ވިއެވެ.

މިހާޜު އުމުރުން 29 އަހަރުގެ ގިވެންސް ހާޓް ޓްރާންސްޕްލާންޓް ހެދީ ވައިރަލް ކާޑިއޮމަޔޯޕަތީ ކިޔާ ބައްޔެއް ހުރެގެންނެވެ. އަނެއްކޮޅުން މިހާރު 34 އަހަރު ފުރިފައިވާ ކޮބެލީޖާ އެ ފަހަރު ހެދީ ދެ ވަނަ ހާޓް ޓްރާންސްޕްލާންޓެވެ. އޭނާ އުފަންވީއިރުވެސް ހިތުގެ ވަރަށް ބޮޑު މައްސަލައެއް ހުރުމުގެ ސަބަބުންނެވެ.

ސާޖަރީ އަށް ފަހު ގިވެންސް އާއި ކޮބެލީޖާ ބަދަލުކުރީ ރިކަވަރީ ރޫމްގައި ހުރި ދެ އެނދަށެވެ. މި ދެ އެނދު ހުރީ ވަރަށް ގާތް ގާތުގަ އެވެ.

ގިވެންސް ބުނި ގޮތުގައި ފުރަތަމަ ބައްދަލުވުމުން 'ލޯބީގެ ކަނިތައް' ބުރައިގެނެއް ނުދެ އެވެ. ސަބަބަކީ އެ ދެ މީހުން ވެސް އެ ވަގުތު ވަރަށް ވަރުގަދަ ވޭންތައް ތަހައްމަލު ކުރަމުން ދިޔައިމަ އެވެ.

އެ ދެ މީހުންނަށް އަސްލު ރަނގަޅަށް ބައްދަލު ވެވުނީ އެމީހުންގެ ޓްރާންސްޕްލާންޓަށް ފަސް އަހަރު ފުރުނު ދުވަހު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އައިސް ތިއްބަ އެވެ.

އެ ދުވަހު ދެ މީހުން ހިތް ފުރެންދެން ވާހަކަ ދައްކަން ފުރުސަތު ލިބުނެވެ. އަދި ވަކިވެގެން ދިޔައީ ދެ މީހުންގެ ފޯނު ނަންބަރު ބަދަލުކޮށްފަ އެވެ. އެހިސާބުން ދެ މީހުން އެކުގައި ރޭގަނޑުގެ ކެއުމަށް ދިއުން ފަދަ ކަންކަން ފެށިގެން ދިޔަ އެވެ.

"އަހަރެމެން ދެ މީހުންނަށް އެކަކު އަނެކަކާ ވާހަކަ ދައްކަން ވަރަށް ފަސޭހަ. ދެ މީހުންނަކީ ވެސް ހާޓް ޓްރާންސްޕްލާންޓް ކޮށްފައިވާ މީހުންނަށް ވާތީ ސިއްހީ ގޮތުން ދެ މީހުންނަށް ވެސް ކުރެވެމުން ދިޔައީ އެއް ކަހަލަ އިހްސާސްތަކެއް،" ގިވެންސް ބުންޏެވެ.

ގިވެންސް ބުނި ގޮތުގައި ދެ މީހުންނަށް ކާން ޖެހެނީ އެއް ބޭސް ތަކެކެވެ. އަދި އެ ބޭސްތައް ކާން ޖެހެނީ ވެސް އެއް ގަޑިއެއްގަ އެވެ. އެކަހަލަ ބައިވަރުކަންތައްތަކާ ހެދި ދެ މީހުންގެ މެދުގައި ލޯބީގެ ހުޅުކޮޅު ދިއްލުނީ އެވެ.
"އަހަންނަށް ވަރަށް ކަމުދާ ގަޔާވާ ކޮންމެވެސް ކަންތައްތަކެއް ކޮބެލީޖާގެ ފަރާތުން ފުރަތަމަ ދުވަހު ވެސް ފެނުނު. އެކަމަކު ދެ މީހުންނަށް ލޯބި ވެވިދާނެކަމަކަށް ހިތަށް ވެސް ނާރާ،" ގިވެންސް ބުންޏެވެ.

ގިވެންސް އާއި ކޮބެލީޖާ ވަނީ 2019ގައި ކައިވެނިކޮށްފަ އެވެ. އަދި ދެ މީހުން މިހާރު ދިރިއުޅެމުންދަނީ މޭރީލެންޑްގަ އެވެ.

ނަމަވެސް އަދިވެސް މި ދެމަފިރިންނަށް ސިއްހީ ބޮޑެތި ގޮންޖެހުންތައް ދިމާވެ އެވެ. ކޮބެލީޖާ މިދިޔަ އަހަރު އޭނާގެ ހިތުގެ ހަތަރު ވަނަ ޓްރާންސްޕްލާންޓް ވަނީ ހަދާފަ އެވެ. އަދި ގިވެންސް ވަނީ ލޭގެ ކެންސަރަށް ފަރުވާ ހޯދާފަ އެވެ.

މި ދެމަފިރިން ގަބޫލުކުރާ ގޮތުގައި ދެ މީހުންގެ ވެސް ސިއްހީ ގިނަ މައްސަލަތަކެއް ހުރުމުން އެކަކު އަނެކަކުގެ އިހްސާސްތައް ދެނެގަނެ ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހައެވެ.

"އަހަރެމެންގެ ދެ މީހުން ސިއްހީ ގޮތުން ކުރަމުންދާ ތަޖުރިބާތަކަކީ އިންސާނެއްގެ ހަޔާތުގައި ކުރެވޭނެ އެންމެ އުނދަގޫ ތަޖުރިބާތައް. މިހާރު އަހަރެމެން ގަބޫލުކުރާ ގޮތުގައި ކޮންމެ ފަދަ ކަމެއް އަހަރެމެންނާ ދިމާވިޔަސް އެކަމަކާ ހިތްވަރާ އެކު ކުރިމަތިލާން އަހަރެމެންނަށް އެނގޭނެ،" ކޮބެލީޖާ ބުންޏެވެ.