ލައިފްސްޓައިލް

ކައިވެނިކުރިކަން ހަނދާން ނެތުމުން އަލުން ކައިވެނިކޮށްފި

އެންޑްރޫ އާއި ކްރިސްޓީ މެކެންޒީ އަކީ އެމެރިކާގެ ވާޖީނިއާގައި ދިރިއުޅޭ ދެމަފިރިންނެވެ. މިދިޔަ ޖޫން މަހު ބައްޕައިންގެ ދުވަސް' ފާހަގަކުރަން ދެމަފިރިން ސްކޫޓަރެއްގައި ދަނިކޮށް ކާރަކާ އެކްސިޑެންޓުވެ އެންޑްރޫ ވަރަށް ބޮޑަށް ޒަޚަމްވި އެވެ. އަދި އެތައް ދުވަހަކު ކޯމާގައި އޮތެވެ.

އުމުރުން 58 އަހަރުގެ އެންޑްރޫއަށް ކޯމާއިން ހޭލެވުނުއިރު އޭނާގެ ހަނދާނުގެ ބޮޑުބައެއް ވަނީ ގެއްލިފަ އެވެ. ކްރިސްޓީ މަތިން ހަނދާން ހުއްޓަސް މާބޮޑަކަށް އޭނާއަކަށް ކްރިސްޓީއެއް ނޭނގެ އެވެ. އެމީހުން ކައިވެނިކުރީ 1985 ގައެވެ. އަދި އެންޑްރޫ ކޯމާއިން ހޭލެވުމާއެކު އޭނާ ހީކުރީ އެއީ 1993 ވަނަ އަހަރު ކަމަށް ކަމަށެވެ. އެހިސާބަށް އޭނާގެ ހުރިހާ ހަނދާނެއް ވަނީ ގޮއްސަ އެވެ. އަދި އޭގެ ކުރީގެވެސް ބައެއް ހަނދާންތައް ހުރީ ކުޑަކުޑަ ކޮށެވެ.

ކްރިސްޓީ، 54، ޕީޕަލްސް މެގަޒިން އަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި އެންޑްރޫ ކޯމާއިން ހޭލެވުމާއެކު ކޮންމެވެސް ކަމެއް ގޯސްކަމުގެ އިހްސާސް އޭނާއަށް ކުރެވުނެވެ. ސަބަބަކީ އެންޑްރޫއަށް ކްރިސްޓީ އެނގުނަސް އޭނާއަށް އެހާ ބޮޑަށް ނުބަލާތީ އެވެ. ކްރިސްޓީއާ ދިމާލަށް އެންޑްރޫ ބަލަނީ ކޮންމެވެސް ވަރަކަށް ދެކެފަރިތަ މީހަކަށް ބަލާ ގޮތަށެވެ.

"އެއީ އަހަރެންގެ ހަޔާތުގައި އެންމެ ބިރުގަތް ދުވަސް. އޭނާ އަހަރެންނާ އެއްގޮތަކަށް ވެސް އަޅައެއް ނުލި. މާބޮޑަށް ދަންނަ މީހަކަށް ވެސް ހަދައެއް ނުލި. އަހަންނަށް ހަދާނެ ގޮތް ހުސްވެފައި ހުރެވުނީ،" ކްރިސްޓީ ބުންޏެވެ.

އެންޑްރޫ އަށް ފަރުވާ ދޭ ޑޮކްޓަރުންނަށް ވެސް އޭނާގެ ހަނދާން ހުރި މިންވަރެއް ޔަގީނެއް ނޫނެވެ. އެންޑްރޫ ވާހަކަ ދައްކާ ގޮތުން ހީވަނީ އޭނާގެ ހުރީ މީގެ 29 ވަރަކަށް އަހަރު ކުރީގެ ހަނދާންތައް ކަމަށެވެ.

އެންޑްރޫގެ ހަނދާންތައް ނެތުމުން ކްރިސްޓީ އެވަގުތު ދެރަވި ނަމަވެސް ދެން ފާއިތުވީ ދުވަސްތަކުގައި ކަންތައްތައްވީ އޭނާ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. އެންޑްރޫ އަށް އަލުން ބަލުން ކްރިސްޓީ ދެކެ ލޯބި ވެވި އޭނާއަށް ޕްރޮޕޯސްކުރީ އެވެ. އަދި އެމީހުންގެ ދަރިންނާއި މާމަ/ކާފަ ދަރިންގެ ކުރިމަތީގައި މިދިޔަ އޮގަސްޓް 29 ވަނަ ދުވަހު އެންޑްރޫ އާއި ކްރިސްޓީ ވަނީ އަލުން ކައިވެނިކޮށްފަ އެވެ.

އެކްސިޑެންޓުގައި ކްރިސްޓީ އަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާ ލިބި ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭން ޖެހުނެވެ. ކްރިސްޓީ ބުނި ގޮތުގައި އޭރު އޭނާއަކަށް ފިރިމީހާގެ ހާލަތެއް ނޭނގެ އެވެ. ނަމަވެސް އަލުން އެންޑްރޫއާ ކައިވެނިކުރަން އޭނާ ބޭނުންވި އެވެ.

"އަހަރެމެން ދެ މީހުންގެ ލޯތްބަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް އޮތްކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. ބޮޑު އެކްސިޑެންޓަކަށް ވެސް އަހަރެމެން ގުޅުން ކަނޑައެއް ނުލެވުނު،" ކްރިސްޓީ ބުންޏެވެ.

ކްރިސްޓީ އާއި އެންޑްރޫ ކައިވެނިކުރިއިރު ކްރިސްޓީއަށް 16 އަހަރެވެ. އެންޑްރޫ އަށް 19 އަހަރެވެ. މާޗް 1985ގައި އެމީހުން ކައިވެނިކުރީ ހައި ސްކޫލްގައި ކިޔަވަން އުޅެމުންނެވެ.

މި ދެމަފިރިންގެ ދެ އަންހެން ދަރިން ތިބެ އެވެ. ލޮރެލައި، 31، އާއި 30 އަހަރުގެ އަމަންޑާ އެވެ.

"އަހަރެމެންގެ ދަރިން ވެސް ބުނާނެ އެމީހުންގެ މަންމަ އާއި ބައްޕައަކީ 'ތަތްވެފައި ތިބޭ ދެމީހުންނޭ'. އެއީ އަހަރެމެން އަބަދުވެސް ތަނަކަށް ދިޔަސް ތިބެނީ އަތާ އަތް ގުޅާލައިގެން. އަދި އުޅެނީ ވަރަށް ގާތްކޮށް،" ކްރިސްޓީ ބުންޏެވެ.

ދެވަނަ ފަހަރަށް ކައިވެނިކުރުމަށްފަހު ކްރިސްޓީ އާއި އެންޑްރޫގެ ލޯބި މިހާރު ވަނީ ކުރިއަށް ވުރެ ވެސް މާވަރުގަދަ ވެފަ އެވެ.