ލައިފްސްޓައިލް

އަންހެނުން ކަން ހަނދާން ނެތިގެން އަލުން ޕްރޮޕޯޒްކޮށްފި

އެމީހަކު އެންމެ ލޯބިވާ މީހުން ބަލިވެ އުޅުމަކީ ހީވެސް ނުކުރާ ވަރުގެ ބޮޑު ހިތްދަތިކަމެއް އިހްސާސް ކުރެވޭ ކަމެކެވެ. އެ ފަދަ މީހަކު ތިމާގެ މަތިން މުޅިން ހަނދާން ނެތުމަކީ އަދި އެއަށް ވުރެ ވެސް ފުން އަސަރުތަކެއް ކުރާނެ ކަމެއް ކަން ޔަގީނެވެ. އަލްޒައިމާ ނުވަތަ ހަނދާން ނެތޭ ބަލި ހުންނަ މީހަކަށް ދިމާވީ މިފަދަ ކަމެކެވެ. އުމުރުން ދުވަސްވަމުން ދިޔަ ވަރަކަށް އެމީހާގެ ހަނދާންތައް ގެއްލެމުން ގޮސް އެންމެ ފަހުން ހުރިހާ ކަމެއް ހަނދާން ނެތުނީ އެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކަނެކްޓިކަޓްގައި ދިރިއުޅޭ ޕީޓާ މާޝަލް އަށް ވެސް ދިމާވީ މިފަދަ ގޮތެކެވެ. ޕީޓާއަކީ 56 އަހަރުގެ މީހެކެވެ. އުމުރުން އެހާ ދުވަސް ނުވިޔަސް ޕީޓާއަށް އަލްޒައިމާގެ މައްސަލަ ކުރިމަތިވީތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. އެހެންވެ އޭނާގެ އަންހެނުންނާ ކައިވެނި ކުރިކަމެއް ވެސް ޕީޓާ މިހާރު ހަނދާނެއް ނެތެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ދުވަހެއްގައި ޕިޓާ ގޭގައި އަންހެނުންނާއެކު ޓީވީ ބަލަން އިންދާ ޓީވީން ބަޔަކު ކައިވެނި ކުރާ މަންޒަރެއް ފެނުމުން ޕީޓާ ވަނީ އޭނާގެ އަންހެނުން ލީސާ ކައިރީގައި އޭނާއާ ކައިވެނި ކޮށްފާނެތޯ އަހާފަ އެވެ.

ފިރިމީހާގެ އަލްޒައިމާ މައްސަލަތަކުގެ ވާހަކަތައް ލީސާ ވަނީ "އޯ ހެލޯ އަލްޒައިމާ" ކިޔާ ފޭސްބުކް ޕޭޖެއް ހުޅުވައި އޭގައި ޝެއާކޮށްފަ އެވެ. އަދި ހާދިސާ ލިސާ ކިޔައިދީފައި ވަނީ މި ޕޭޖްގައި ޝެއާ ކުރި ޕޯސްޓެއްގަ އެވެ.

ލީސާ ބުނި ގޮތުގައި ޕީޓާ އޭނާއަށް ޕްރޮޕޯސް ކުރިއިރު އޭނާއަކީ ޕީޓާގެ އަންހެނުން ކަމެއް ކުޑަކޮށް ވެސް ހަނދާނެއް ނެތެވެ.
"އޭނާއަށް އެނގޭހާ ވެސް އެއްޗަކީ އަހަންނަކީ އޭނަގެ އެންމެ ފެވަރިޓް މީހާކަން،" ލީސާ ބުންޏެވެ.

ނަސީބަކުން ލީސާ އާއި ޕީޓާގެ އަންހެންދަރިފުޅަކީ އިވެންޓްތަކާއި ވެޑިންތައް ޕްލޭންކުރާ މީހަކަށް ވާތީ އޭނާ މި ކައިވެނީގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ކޮށްލި އެވެ. ޕީޓާގެ ހާލަތަށް ބަލައި މި ކައިވެނި އިންތިޒާމު ކުރަން ހޯދި ގިނަ ޚިދުމަތްތައް އެމީސްމީހުން ފޯރުކޮށްދިނީ މުޅިން ހިލޭ ކަމަށް ވެސް ލީސާ ބުންޏެވެ.

މި ދެމަފިރިން އެމީހުންގެ ދެ ވަނަ ކައިވެނި ވެސް ވަރަށް ފުރިހަމައަށް ކުރި އެވެ. ނަމަވެސް ދެރަ ކަމަކީ ޕީޓާގެ ހަނދާން ނެތޭ މައްސަލަ އިތުރުވެ މިހާރު އޭނާ ދެ ވަނައަށް ކުރި ކައިވެނި މަތިން ވެސް ހަނދާން ނެތީމަ އެވެ.

ނަމަވެސް ލީސާ ބުނަނީ އޭނާއަކީ ދުނިޔޭގައި ހުރި އެންމެ ނަސީބުގަދަ އަންހެނާ ކަމަށް ދެކޭ ކަމަށެވެ. އޭނާ ހުވަފެނުން ވެސް ނުދެކޭ ފަދަ އުފާވެރި ހިތްގައިމު ދުވަހަކަށް އޭނާގެ ދެ ވަނަ ކައިވެނީގެ ދުވަސް ވެގެން ދިޔަ ކަމަށް ލީސާ ބުންޏެވެ.

"ޕީޓާ އެހާ އުފާވެފައި ހުއްޓާ މީން ޒަމާނަކު ވެސް ފެނުނު ހަނދާނެއް ނުވޭ. އެހާވެސް އުފަލުން އޭނަ ހުރީ،" ލީސާ ބުންޏެވެ.
ފިރިމީހާއާއެކު ހޭދަކުރާ ދުވަސްތަކުގެ ވާހަކަތައް ޝެއާކުރަމުން ލީސާ ދަނީ އަލްޒައިމާއަށް މީހުން ހޭލުންތެރިކުރުވަން އޭނާގެ ފޭސްބުކް ޕޭޖްގެ ބޭނުން ހިފަމުންނެވެ.