ހަބަރު

އަދީބާމެދު ލަސްނުކޮށް ޕާޓީން ފިޔަވަޅު އަޅާނެ: އަބްދުއްރަހީމް

Oct 26, 2015
1

ޕީޕީއެމްގެ ނައިބު ލީޑަރުގެ މަގާމު ވެސް ފުރުއްވާ، މިހާރު ހައްޔަރު ކޮށްފައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބާ މެދު ޕާޓީގެ ފަރާތުން އަޅާނެ ފިޔަވަޅެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"އަވަސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ޒިންމާދާރު މަގާމެއްގައި ވެސް ހުންނެވި، އަދީބާ މެދު ކުރެވޭ ސީރިއަސް ތުހުމަތުތަކުގެ ސަބަބުން އެމަނިކުފާނާ މެދު ޕާޓީ އިން ފިޔަވަޅު އަޅަން ލީޑާޝިޕްގެ ބޭފުޅުންގެ މެދުގައި ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ. އަދި އެ ވާހަކަތަކަށް ފަހު ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އަދީބާ މެދު އަޅާނެ ފިޔަވަޅެއް ލީޑަޝިޕް އިން އަވަހަށް ނިންމާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ލީޑަޝިޕްގެ ތެރޭގައި އެ ވާހަކަތައް ދެކެވެމުން މި އަންނަނީ. އަދީބާ މެދު އަޅާނެ ފިޔަވަޅެއް ލަސްނުކޮށް އަޅުގަނޑުމެން އާންމު ކުރާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، އަދީބުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މަޖިލީހުގެ ގިނަ މެންބަރުންތަކެއް މިއަދުވެސް ތާއީދު ކުރެއްވުމުން އެ މައްސަލައަށް އޮތް ތާއީދު ހާމަވެ އެވެ. އަދި އަދީބުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ކުރަން ޖެހޭ މަސައްކަތްތައް ޕީޖީ ގްރޫޕުން ބާރު ދުވެލީގައި ގެންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޕީޖީ ގްރޫޕުން އެ މަސައްކަތްތައް އެ ގެންދަނީ ކުރައްވަމުން. މިކަމަށް ތާއީދު އެބަ އޮތް މަޖިލީހުގެ މެންބަރުންގެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދީބު މިހާރު ވަނީ ސަރުކާރުގެ ހުރިހާ މަސްއޫލިއްޔަތުތަކަކުން ރައީސް އިއްޔެ ދުރުކުރައްވައިފަ އެވެ.

ޗައިނާ ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މާލެ ވަޑައިގަތްތަނުން އަދީބު ހައްޔަރުކޮށް ދޫނިދުއަށް ގެންގޮސްފައި ވަނީ، ދައުލަތަށް އެންމެ ބޮޑު ހިޔާނާތްވި ކަމަށް ތުހުމަތުކޮށެވެ. އަދި މީގެ އިތުރުން ފިނިފެންމާ ލޯންޗްގައި ރައީސް އަވަހާރަކޮށްލަން ބޮން ގޮއްވާލި މައްސަލައިގައި ވެސް އެމަނިކުފާނަށް ވަނީ ތުހުމަތުތައް ކޮށްފަ އެވެ. އެހެން ނަމަވެސް އެ ހުރިހާ ތުހުމަތެއް އަދީބު ދޮގު ކުރައްވައި ތަހުގީގަށް އަންނަނީ އެއްބާރުލުން ދެއްވަމުން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވި އެވެ.