ފަލަސްތީނާ އިޒްރޭލާއެކު މަޝްވަރާ ކުރުން އަވަސް ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިރުޝާދު ދެއްވާ ކަމަށް، އެމެރިކާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، ރިޗާޑް މިލްސް ވިދާޅު ވެއްޖެ އެވެ.
ސެކިއުރިޓީ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ރިޗާޑް މިލްސް ވިދާޅުވީ ފުރަތަމަ ކުރައްވަން ޖެހިވަޑައިގެންފައި ވަނީ ފަލަސްތީނާއެކު އަލުން ގުޅުން ގާއިމު ކުރުން ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޓްރަމްޕް ސަރުކާރުގައި އެ ގުޅުން ވަނީ ވީދިފައި ކަމަށެވެ.
ފަލަސްތީނާ އިޒްރޭލާ ބެހޭ ގޮތުން ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވީ ރައީސް ބައިޑަން މަސައްކަތް ކުރައްވާނީ ސުލްހައަށް އޮތް ހަމައެެކަނި ހައްލަކީ ދެ ދައުލަތް ކަމަށް ބައްލަވައިގެން ކަމަށެވެ.
ރިޗާޑް މިލްސް ވިދާޅުވީ އެމެރިކާއިން މިނިވަން ދެ ދައުލަތަށް ސަޕޯޓްކުރި ނަމަވެސް އަމަލީ ސިފަ ޖެހޭނެ ވަކި ތާރީހެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި ކުރައްވަން ހުރީ ފަސޭހަ މަސައްކަތްތަކެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، މިހާރުން މިހާރަށް ކުރެވެން ހުރި ކަންތައްތަކާއިގެން ކުރިޔަށް ވަޑައިގަންނަވާނީ ކަމަށެވެ.
"ފުރަތަމަ ކަމަކަށް އޮތީ ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރު ކޮށްދޭން ފެށުން" މިލްސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވޮޝިންގްޓަންގައި ކުރިން ހުރި ޕީއެލްއޯ އޮފީސް އަލުން ހުޅުވުމަކީ ވެސް ވަރަށް އަވަހަށް ކުރައްވަން ޖެހިވަޑައިގެންފައި އޮތް ކަމެއް ކަމަށެވެ.
އެމެރިކާއިން އިންސާނީ އެހީގެ ގޮތުގައި ފަލަސްތީނަށް ދެމުންއައި އެހީގެ ތެރެއިން ޓްރަމްޕް ސަރުކާރުން ވަނީ 360 މިލިއަން ޑޮލަރު އުނިކޮށްފަ އެވެ. އަދި ވޮޝިންޓަންގައި ހުރި ޕީއެލްއޯ އޮފީސް ބަންދު ކުރީ ވެސް ޓްރަމްޕް އަންގަވައިގެންނެވެ.
މިހާރު އޮތް ހިސާބުން ފަށައިގަތުމަށް މަޝްވަރާ ކުރުން ވަރަށް މުހިންމު ކަމަށް މިލްސް ވިދާޅުވި އެވެ. މެދުކެނޑުނު ހިސާބުން މަޝްވަރާތައް ފަށައިގަންނައިރު ދެފަރާތުން އެއްބާރުލުން ނުހަނު އެދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. މަޝްވަރާތައް ކުރިއަށް ދާއިރު މަސްހަލަތު ގެއްލޭ ކަހަލަ އެއްވެސް ކަމެއް އިޒްރޭލުން އަދި ފަލަސްތީނުން ވެސް ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ.