ދުނިޔެ

ބްލިންކަންގެ އިންޒާރެއް ނަތަންޔާހޫ އަށް

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތައް ހިސާރުކުރުމާއި އެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުވަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅު ހަދާނެ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކަން ވިދާޅުވެއްޖެ އެވެ.

ބްލިންކަން މިރާގުގައި ވާހަކަދެއްކެވީ އިސްރާއީލުގެ ޔަހޫދީންގެ ހައްގުތަކަށް ވަކާލާތު ކުރާ ގްރޫޕެއް ކަމުގައިވާ ޖޭ ސްޓްރީޓާ މުހާތަބު ކުރައްވަމުންނެވެ.

ބްލިންކަން ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ބިމުގައި ޔަހޫދީން އިތުރަށް ވަޒަންވެރިކުރުވުމާއި، ހުޅަނގު އައްސޭރި އިތުރަށް ހިސާރުކުރުމާއި، މަސްޖިދުލް އަޤްޞާ ފަލަސްތީނުގެ ރައްޔިތުން އަތުން އަތުލުމާއި، އެފަދަ ތަންތަން ހަލާކުކޮށްލުމާ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ދެކޮޅު ހަދާނެ ކަމަށެވެ. އަޅުކަން ކުރަން ދާ މީހުން އެ ތަންތަނުން ގަދަކަމުން ބޭރުކޮށް އަނިޔާވެރިވުން ފަދަ އަމަލުތަކަކީ އެއްވެސް ޝަރުތަކާ ނުލައި އެކަންކަމާ ދެކޮޅު ހަދާނޭ ކަންތައްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

ހުޅަނގު އައްސޭރީގެ ބިންތައް ހިފައި އެތަނުގައި ޔަހޫދީން އާބާދުކުރުމަށް އިސްރާއީލުން ކުރާ މަސައްކަތްތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކުރާ ކަންތައްތަކެއް ކަމަށް އދ އިން ވެސް މީގެކުރިން ތަކުރާރުކޮށް ކަނޑައަޅާފައިވެ އެވެ. އިސްރާއީލްގެ އެފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނާއި އިސްރާއީލަށް މިނިވަން ދެ ދައުލަތް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިޔަނި އެޅި އަމާޒަށް ވާސިލް ނުވެވޭނެ ކަމަށްވެސް އދ އާއި އެމެރިކާ އިން މީގެކުރިން ބުނެފައިވެ އެވެ.

ބްލިންކަންގެ ވާހަކަފުޅުގައި ވަނީ އިސްރާއީލްގައި މިދިޔަ ނޮވެމްބަރު މަހު ބޭއްވި އާންމު އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ. ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނޭ އެންމެ ވަރުގަދަ އެއް ޕާޓީ ޖުވިޝް ޕަވާ ޕާޓީގެ ރައީސް އިތަމާރް ބެން ވިރް ފަދަ ޔަހޫދީންގެ ހަރުކަށި ފިކުރަށް ނިސްބަތްވާ ހަރުކަށި އެތައް ބޭފުޅަކު ހިމެނެ އެވެ.

ބްލިންކަން ވިދާޅުވީ ނަތަންޔާހޫގެ ސަރުކާރުގައި ކޮންމެ ބޭފުޅަކު ހިމެނުނު ނަމަވެސް އެމެރިކާ އަށް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ނަތަންޔާހޫގެ ސަރުކާރުން ކަނޑައަޅައި އުސޫލުތަކާއި އަމަލުކުރާ ގޮތްތަކަށް އެމެރިކާ އިން ބަލާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނަތަންޔާހޫގެ 12 އަހަރުގެ ވެރިކަން މިދިޔަ އަހަރު ނިމުމަކަށް އައި އިރު ފަލަސްތީންގެ ބިންތައް ހިސޯރުކުރުމާއި ފަލަސްތީން ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ދިނުމުގައި އެންމެ ގިނަ މަސައްކަތް ކޮށްފައިވަނީ ނަތަންޔާހޫގެ ސަރުކާރުގަ އެެވެ. އެހެންކަމުން ނަތަންޔާހޫ އަލުން އިސްރާއީލްގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަކީ ފަލަސްތީން ރައްޔިތުން އިތުރަށް ކަންބޮޑުވާ މައްސަލަ އެކެވެ.

އެމެރިކާގެ ރައީސް ކަމުގައި ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅަކު ހުންނަ ނަމަ ދުނިޔެ ދެއްކުމަށް ނަމަވެސް ފަލަސްތީނާއި އިސްރާއީލްގެ މައްސަލައިގައި ސުލްހަވެރި ހައްލުތަކެއް ހޯދުމަށް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރައްވަ އެވެ. އެގޮތުން ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އިސްރާއީލްގެ ބައެއް އަމަލުތައް އދ.ގައި ކުށްވެރިވެސް ކޮށްފައިވެ އެވެ. ނަމަވެސް އޮބާމާގެ ސަރުކާރަށްފަހު އިސްރާއީލާއި ފަލަސްތީންގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެމެރިކާ އިން އެދެވޭ މަސައްކަތްތަކެއް ކުރަމުން ނުދާ ކަަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.