ދުނިޔެ

އެމެރިކާގެ އެހީއަށް އިޒްރޭލުން އާދޭސް ކުރަނީ

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގަންޒް މި ހަފުތާގައި އެމެރިކާއަށް ކުރައްވާ ދަތުރުގައި އެއް ބިލިއަން ޑޮލަރަށް އެދި ދަންނަވާނެ އެވެ. އެމެރިކާއަކީ އިޒްރޭލުން އެއްޗަކަށް އެދުމުގެ ކުރިން ކޮންމެ އެއްޗެއް ދޭން ތައްޔާރަށް އޮތް ގައުމެކެވެ. އެހެންކަމުން އެއްބިލިއަން ޑޮލަރަކީ އިޒްރޭލަށް މިހާރު ވެސް ލިބިފައި ހުރި ފައިސާ ކަމަށް ބަލަންވީ އެވެ.

އެމެރިކާއިން އަހަރު ދުވަހަށް ދަންމާލައިގެން ކޮންމެ އަހަރަކު އިޒްރޭލަށް ދޭ ފައިސާއިން ބޮޑު ބައެއް ހޭދަ ކުރަނީ ގައުމީ ދިފާއު ވަރުގަދަ ކުރާށެވެ. އިޒްރޭލުގެ ވައިގެ ސިފައިންނާއި މިސައިލް ޑިފެންސް ސިސްޓަމް ވަރުގަދަ ކުރާށެވެ. އެހެން ނަމަވެސް އޮތް ހިތާމައަކީ ފީ ފަޓާސްތަކެއް ފަދަ ރޮކެޓްކޮޅެއް ގެންގުޅޭ ހަނގުރާމަވެރި ގުރޫޕެއް ވެސް ބަލި ކުރެވިފައި ނުވާތީ އެވެ.

އިޒްރޭލުން މިފަހަރު ހޯދާ އެއްބިލިއަން ޑޮލަރުގެ ބޮޑު ބައި ހޭދަ ކުރާނެ ކަމަށް ވަނީ އަޔަން ޑޯމް އިތުރަށް ކުޅަދާނަ ކުރުމަށެވެ. މިދާކަށް ދުވަހު އިޒްރޭލުން ފަލަސްތީންގެ ގާޒާއަށް 11 ދުވަސް ވަންދެން ދިން އުދުވާނީ ހަމަލާތަކުގައި ހަމާސްއިން ފޮނުވި ރޮކެޓްތައް މަތަ ކުރުމަށް އަޔަށް ޑޯމް ކުޅަދާނަ ނޫންކަން ވަނީ ސާބިތުވެފަ އެވެ.

ދުނިޔޭގައި ނެތްވަރުގެ ބާރުވެރި ކަމާއެކު ވެސް، ހަމާސްގެ ފީ ރޮކެޓްތައް ދެކެ އިޒްރޭލުގެ އަސްކަރިއްޔާ އޮތީ ސިހިސިހި އެވެ. ބުނެވޭ ގޮތުގައި އިޒްރޭލުން އެހާ އަވަހަަށް ހަނގުރާމަ ހުއްޓާލަން އެއްބަސްވީ ވެސް ހަމާސް މާވަރުގަދަ ވެއްޖެ ކަމަށް ބުނެ އެވެ.

ބެނީ ގަންޒް އެމެރިކާއަށް ވަޑައިގެން ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިންއާ ބައްދަ ލުކުރައްވާނެ އެވެ. އަދި ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާންއާ ވެސް ބައްދަލު ކުރައްވާނެ އެވެ. މި ބައްދަލު ކުރެއްވުމުގައި އީރާންގެ ނިއުކްލިއާ ޑިލާ ބެހޭ ގޮތުންނާއި މެދުއިރުމަތީގައި ދިގު މުއްދަތަކަށް ސުލްހަ ދެމަހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.