އިޒްރޭލް

އިޒްރޭލަށް އާ ބޮޑުޒީރެއް، ބާ ސިޔާސަތެއް

ޔަހޫދީ އިޒްރޭލުގައި އާ ސަރުކާރެއް އުފައްދަން ގާނޫނު ހަދާ މަޖިލީހުން ރުހުން ދިނުމާއެކު މިހާތަނަށް ބޮޑުވަޒީރު ކަމުގައި ހުންނެވި ބެންޖަމިން ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް އައީ އެވެ. އިޒްރޭލުގައި އަށް ޕާޓީއަކުން ކޯލިޝަން ހަދައި އެކުލަވާލި ވެރިކަން ފުރަތަމަ ދެއަހަރު ހިންގަވާނީ ނަފްތަލީ ބެނެޓް 49، އެވެ.

ގާނޫނު ހަދާ މަޖިލީހުގައި އާ ސަރުކާރަށް ރުހުން އޮތްތޯ ބަލަން ނެގި ވޯޓު ކޯލިޝަނަށް ކާމިޔާބު ކުރެވުނީ ވަރަށް ހަނިގޮ ތަކަށް، 60 ވޯޓް 59 ވޯޓުންނެވެ. އާ ސަރުކާރެއް އެކުލަވައި ލެވެނީ ސިއްރު ވޯޓުގެ އަޣުލަބިއްޔަތު ލިބޭ ބަޔަކަށެވެ.

އިޒްރޭލުގައި އާ ސަރުކާރު އެކުލަވާލާފައި ވަނީ ބެންޖަމިން ނަތަންޔާހޫއާ އިދިކޮޅު އަށް ފިކުރުގެ އަށް ޕާޓީއެއް ނަތަންޔާހޫއާ ދެކޮޅަށް އެކައްޗެއް ކިޔައި އެކުވެ ގުޅިގެނެވެ. އެހެންކަމުން ދިގު މުއްދަތަކަށް އިޒްރޭލުގެ މި ކޯލިޝަން ސަރުކާރު ދެމި އޮންނާނެ ކަމާ މެދު ވަރަށް ބޮޑަށް ޝައްކެވެ. ސަބަބަކީ ޕާޓީތަކަށް އެއްގަލަކަށް އެރުނީ ސަރުކާރެއް އުފައްދަން އޮތް ޝައުގުވެރި ކަމަށް ވުރެ ބޮޑަށް ބެންޖަމިން ނަތަންޔާހޫ ބޮޑުވަޒީރު ކަމުން ދުރު ކުރަން އޮތް ސިޔާސީ އެދުންވެރިކަމާ ހެދި އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓަށް ބަލާއިރު ބެންޖަމީން ނަތަންޔާހޫއަށް ގެއްލި ވަޑައިގެންފައި ވަނީ އެންމެ ވޯޓެކެވެ. އެހެންކަމުން ނަތަންޔާހޫ ދެން ފެނިވަޑައިގަންނަވާނީ ވަރަށް ބާރުގަދަ އިދިކޮޅު ލީޑަރެއްގެ ގޮތުގަ އެވެ. ނަތަންޔާހޫއަކީ ޔަހޫދީ ފިކުރު ތަންފީޒުކޮށް ދެމެހެއްޓުމުގައި ހަރުކަށި ގޮތް އިސް ކުރައްވާ އަދި އެކަމުގެ ތަޖުރިބާ ގިނަ ނުފޫޒު ވެސް ގަދަ އެހައި މުރާލި ވެސް ބޭފުޅެކެވެ.

ނަތަންޔާހޫ ވިދާޅުވާ ގޮތުން ފަލަސްތީން މިނިވަން ވާން ކުރާ މަސައްކަތްތަކަށް ދަތިކޮށް ގާޒާގެ ތެރެއިން ހާމާސް އިން ފޮނުވާ ރޮކެޓްތަކަށް ހުރަސް އަޅައި އަދި އީރާން ނިއުކްލިއާ ބާރަކަށް ވުން ހުއްޓުވޭ ވަރުގެ ގާބިލުކަން އޭނާގެ މައްޗަށް ކުރި ހޯދައިގެން އައި ސަރުކަރުގައި ނުހުންނާނެ އެވެ. ނަތަންޔާހޫ ވިދާޅުބާ ގޮތުގައި "އެއިން އެއްވެސް ކަމެއް ކުރަން އެ ބައިގަނޑު ނުދަންނާނެ" އެވެ.

ޔަހޫދީ އިދިކޮޅު ޕާޓީތައް ގުޅިގެން އާ ސަރުކާރެއް އެކުލަވާލުމުގައި ޕާޓީތަކުން އެއްބަސްވެފައި ވަނީ ފުރަތަމަ ދެ އަހަރު ނަފްތަލީ ބެނެޓް ބޮޑުވަޒީރުކަން ކުރެއްވުމަށެވެ. ޔައީރު ލަޕީދަށް ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނީ އެ ދެ އަހަރަށް ފަހު އެވެ.

ދުނިޔޭގެ ސިޔާސީ ފިކުރުތަކުން އެކުލަވާލާ މި ކަހަލަ އެއްބަސްވުންތަކަކީ ހުސް ކަރުދާސްކޮޅަކަށް ވާ ފަހަރު ވެސް އާދެ އެވެ. ގިނަ ފަހަރު ކަން ހިނގަނީ ވެސް މިހެނެވެ. އާންމުކޮށް މަކަރުވެރި ޖާހިލުންގެ ތެރޭގައި އާންމު އާދައަކީ ވެސް މިއެވެ.

ނަފްތަލީ ބެނެޓާއި ބެންޖަމިން ނަތަންޔާހޫ ފިކުރީ ގޮތުން ކުޅުއްވާނީ އެއްރޯލެކެވެ. ހާސިލު ކުރައްވަން މަސައްކަތް ކުރައްވާނީ ވެސް އެއް ނަތީޖާ އެކެވެ.

ބެނެޓަކީ ވެސް ފަލަސްތީން ބިންތަކުގައި ޔަހޫދީން ގެދޮރުވެރި ކުރުވަން ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދި އަމަލީ ގޮތުން އެ މަސައްކަތްތަކުގައި އުޅުއްވި ބޭފުޅެކެވެ.

މެދުއިރުމަތީގެ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ނަތަންޔާހޫ ފަދަ އެހަ ހަރުކަށި ބޮޑުވަޒީރަކަށް ބެނެޓް ނުވެދާނެ އެވެ. އަދި ޒާތީ ގޮތްފޮތް އިސްކުރައްވާ ބޭފުޅަކަށް ވެސް ބެނެޓް ނުވެދާނެ ކަމަށެވެ. އެއީ ފަލަސްތީނާ ތޮޅެން ހަދައިގެން ނުވަތަ ގާޒާއާށް ހަމަލާ ދޭން ހަދައިގެން މަސްލަހަތު ގެއްލި ކޯލިޝަން ރޫޅިދާނެ ކަމަށް އޮތް ބިރާ ހެދި އެވެ.

ބެނެޓަށް އަނެއްކޮޅުން ގާނޫން ހަދާ މަޖިލީހުގައި ވެސް ޕްރެޝަރު ޖެހި ވަޑައިގަންނަވާނެ އެވެ. ނަތަންޔާހޫއާ ބައިވެރިން މިހާރު ވެސް ތިއްބެވީ ކޯލިޝަން ސަރުކާރު ރޫޅޭނެ ވަގުތެއްގެ އިންތިޒާރުގަ އެވެ. އަދި ކޯލިޝަންގެ ބަދަތައް ގުޑުވައި ވަކިކޮށްލުމަށްޓައި އެ ބޭފުޅުންނަށް ކުރެވުނުހާ ޖެއްސުމެއް ކުރައްވާ ގޮތަށެވެ. އެހެންކަމުން މި ވަގުތަށް އިޒްރޭލުގައި ބަދަލުވީ ބޮޑުވަޒީރެވެ. ސިޔާސަތު ބަދަލެއް ނުވާނެ އެވެ.