ކޮވިޑްގެ ބަލިމަޑުކަމުގައި 11 މަސް ދުވަސް ހޭދަވެގެން ދިޔައިރު ކޮވިޑްގެ ނުރައްކާ ވަރަށް ބޮޑުވި ދުވަސްތަކެއް ވެސް ހިނގައްޖެ އެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު 200 އިން މައްޗަށް ވެސް އެރި އެވެ. އޭގެ ސަބަބުން ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހުނެވެ. ކާފިއު ހިންގުމާއި މިސްކިތުގެ ޖަމާއަތް ހުއްޓާލުމާއި ސުކޫލު މަދަރުސާތައް ބަންދު ކުރުމެވެ. ކެފޭ / ހޮޓާތައް ބަންދު ކުރުމާއި ފިހާރަތަކުން ހިދުމަތް ހޯދޭ ވަގުތު ކުރުކުރި އެވެ. ދަތުރުފަތުރު މުޅީންހެން ހުއްޓި އެބަޔަކު ތިބި ތަނެއްގައި ތިބެން މަޖުބޫރުވި އެވެ.
ފިޔަވަޅުތަކަށް ލުއި ދޭން ފެށީ ނުރައްކާ ކުޑަވެ އަލުން އާންމު ހާލަތަށް ރުޖޫއަ ވެވިދާނެ ކަމުގެ އިޝާރާތްތައް ލިބެން ފެށުމުންނެވެ. އެހިސާބުން މިސްކިތްތައް ހުޅުވާލައި ނަމާދު ޖަމާއަތް ފެށިއެވެ. ސުކޫލު، މަދަރުސާތަކާއި ޔުނިވާސިޓީ ކޮލެޖްތަކުގެ ކިޔެވުން ފެށިއެވެ. ކާފިއުގެ ވަގުތު މަދު ކުރަމުން ގޮސް އެކަން މުޅީން އުވާލި އެވެ. އަދި އިތުރު އެތައް ލުއިތަކެއް ދިނެވެ.
މި ލުއިތަކާއެކު މާގިނަ ދުވަސްތަކެއް ހޭދަ ނުވަނީސް އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކުރަން މި ވަނީ ފަށާފަ އެވެ.
އަލުން ކާފިއު ހިންގަން ފަށާފައިވާއިރު ޕާޓީތަކާއި އެއްވުންތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނަލެވެ. މާލެއިން ރަށްރަށަށްދާ އެންމެން ކަރަންޓީންވާން މަޖުބޫރެވެ. ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ފިޔަވައި އެންމެން 10 ދުވަހުގެ ކަރަންޓީނެއްގައި ހުންނަން ލާޒިމެވެ. ކެފޭތަކާއި ސައި ހޮޓާތައް ރޭގަނޑު 11:30 ގައި ބަަންދު ކުރަން ޖެހެއެވެ. ކޮންމެ ރެއެއްގެ 12:00 އިން ފަތިހު 4:30 އަށް މާލެ، ވިލިމާލެ، ހުޅުމާލޭގައި ވެހިކަލް ދުއްވުމާއި މަގުމައްޗަށް ނުކުމެ އުޅުން މަނަލެވެ.
މި ހުރިހާ ފިޔަވަޅުތަކެއް އެޅީ ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތަށް އަލުން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ. ނިމިގެންދިޔަ މިދިޔަ ޖަނަވަރީ މަހަކީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި މަހެކެވެ. ޑިސެންބަރު 31ގެ ނިޔަލަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 13،757 މީހުންނެވެ. ނަމަވެސް މި މަސް ނިމުނުއިރު އެ އަދަދު ވަނީ 15،000 ފަހަނަ އަޅާ ގޮސްފައެވެ. މާނައަކީ މި މަހުގެ 31 ދުވަހުގެ ތެރޭ 2،037 މީހުން ކޮވިޑަށް ޕޮޒިޓިވްވުމެވެ.
މިއީ މި ފަހުން ޕޮޒިޓިވްވަމުން އައި އަދަދުތަކަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. މި މަހުގެ ފުރަތަމަ ތިން ހަފްތާގައި ކޮންމެ ދުވަހަކުވެސް ޕޮޒިޓިވް އަދަދުތައް ހުރީ ފަންސާހުން މަތީގައެވެ. ފަހު ހަފްތާގައި އެ އަދަދުތައް ހުރީ 100 އިން މަތީގައެވެ. ބައެއް ދުވަސް ދުވަހު އެ އަދަދު 145 އަށް އަރާފައިވެއެވެ.
- ޖަނަަވަރީ 26 ގައި 145 މީހުން ޕޮޒިޓިވްވި
- ޖަނަަވަރީ 27 ގައި 143 މީހުން ޕޮޒިޓިވްވި
- ޖަނަވަރީ 28 ގައި 106 މީހުން ޕޮޒިޓިވްވި
- ޖަނަވަރީ 29 ގައި 118 މީހުން ޕޮޒިޓިވްވި
- ޖަނަވަރީ 30 ގައި 122 މީހުން ޕޮޒިޓިވްވި
- ޖަނަވަރީ 31 ގައި 105 މީހުން ޕޮޒިޓިވްވި
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އަތޮޅުތެރޭގެ ރަށްރަށާއި ރިސޯޓްތަކުންވެސް ޕޮޒިޓިވްވާ އަދަދުތައް ވަނީ ބޮޑުތަނުން މަތިވެފައެވެ. އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ ދެއްވަދޫއިންނެވެ. އެ ކްލަސްޓާއާ ގުޅުންހުރި ބަލި މީހުން ހަ ރަށެއްގައި ތިބިއިރު އެ ކްލަސްޓާއިން މިހާތަނަށް 85 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މ. ކޮޅުފުށީގައިވެސް ކޮވިޑް ބަލީގެ 25 މީހަކު އެބަ ތިއްބެވެ. މި ވަގުތުވެސް އއ. މަތިވެރި، އއ. ތޮއްޑޫ އާއި ހއ. މުރައިދޫ އަދި ގއ. ދެއްވަދޫ އޮތީ މޮނިޓަރިންގައެވެ.
ރިސޯޓްތަކަށް ބަލާއިރު އެންމެ ގިނައިން ކޮވިޑްގެ ބަލި މީހުން ތިބީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓްގައެވެ. އެ ރިސޯޓްގައި 93 މީހަކު އެބަތިއްބެވެ. އަނަންތަރާ ކިހާވަށް ރިސޯޓުން 62 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޮޅުވެލި ރިސޯޓްގައި 78 މީހަކަށް ބަލިޖެހިފައިވެއެވެ. ރެސިޑެންސް މޯލްޑިވްސް ގައި 15 މީހަކު، އިރުވެލި ރިސޯޓްގައި ހަ މީހަކު އަދި އެނބޫދޫފަޅު ރިސޯޓުން މިހާތަނަށް ނުވަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މުޅި ރާއްޖޭގައި 41 ރަށެއްގައި 153 އެކްޓިވް ކޭސް ވެއެވެ.
- ދެއްވަދޫ ކްލަސްޓާއިން 85 މީހަކު ޕޮޒިޓިވް
- ކޮޅުފުށި ކްލަސްޓާއިން 25 މީހަކު ޕޮޒިޓިވް
- އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓްގައި 93 މީހަކު ޕޮޒިޓިވް
- އަނަންތަރާ ކިހާވަށް ރިސޯޓްގައި 62 މީހަކު ޕޮޒިޓިވް
- އޮޅުވެލި ރިސޯޓްގައި 78 މީހަކު ޕޮޒިޓިވް
- ރެސިޑެންސް މޯލްޑިވްސް ގައި 15 މީހަކު ޕޮޒިޓިވް
- ރާއްޖޭގެ 41 ރަށެއްގައި 153 އެކްޓިވް ކޭސް
މި މަހު ހަތަރު މަރު
ކޮވިޑްގައި މި މަހު ހަތަރު މީހަކު ވަނީ މަރުވެފައެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި ޖަނަވަރީ 24 ގައި މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން އިއްޔެ މަހުގެ ފަހު ދުވަހު މަރުވި އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 52 ވަނަ މީހާއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑްގައި މަރުވެފައިވަނީ 44 ދިވެހިންނާއި 8 ބިދޭސީންނެވެ. މި މަހަކީ ކޮވިޑްގައި ދިވެހިން ހޭދަކުރި 11 މަސްތެރޭ ދެވަނަ އެންމެ ގިނަ މީހުން މި ބަލީގައި މަރުވި މަހެވެ.
އެޗްޕީއޭއިން އިއްޔެ ބުނީ މިދިޔަ ހަފްތާގައި ކޭސްތަކުގެ އަދަދު ކޮންމެ ދުވަހަކު 100 އިން މަތީގައި ހުރުމަކީ ނުރައްކަލުގެ އިންޒާރެއް ކަމަަށެވެ. މިގޮތަށް ކޭސްތައް އިތުރުވާނަމަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރު ވެދާނެ ކަމަށްވެސް ބުންޏެވެ. އަދި އެކަމުގެ ސަބަބުން ކޮވިޑް-19 ނޫން އެހެން ބަލިތަކަށް ފަރުވާ ދިނުމަށްވެސް ބުރޫއަރާނެ ކަމަށެވެ. އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ވަނީ ފިޔަވަަޅުތައް ވަރުގަދަ ކޮށްފައެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ދަނީ ހިންގަމުންނެވެ. ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުން މަނަލެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ.