ހަބަރު

ފުލުހުންނަށް ސައިކަލު ހަދިޔާ ކުރި މައްސަލަ ހޫނުވެއްޖެ

Feb 2, 2021
11

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލު ވިޔަފާރިކުރާ ލިޓަސް އޮޓޯ މޯބައިލްސްއިން ފުލުހުންނަށް ސައިކަލުތަކެއް ހަދިޔާކުރި މައްސަލަ ހޫނު ވެއްޖެ އެވެ.

އިއްޔެ ލިޓަސްގެ ފަރާތުން ހަދިޔާކުރި އޯޖޫ ބްރޭންޑްގެ ހަތަރު ސައިކަލާ ހަވާލުވެ ވަޑައިގަތީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެވެ.

އަމިއްލަ ކުންފުންޏަކުން ދިން މިފަދަ ހަދިޔާއެއް ފުލުހުން ގަބޫލު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެގޮތުން، ކުށް ހުއްޓުވުމަށް އޮންނަ މުއައްސަސާއަކުން އަމިއްލަ ފަރާތަކުން ދޭ ހަދިޔާއެއްގައި ހިފުމަކީ ވަކި ބަޔަކަށް ބުރަވެ، ފުލުހުންގެ މިނިވަންކަމަށް އެޅޭ ހުރަހެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފަ އެވެ.

ނޭޝަނަލް ވިސިލްބްލޮވާ ސެންޓަރުގައި ނަމުގައި ޓްވިޓާގައި ހަރަކާތްތެރިވާ ފަރާތަކުން ބުނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާނެ ކަމަށެވެ.

"އަމިއްލަ ފަރާތްތަކުންދޭ މިފަދަ ހަދިޔާ ފުލުހުންގެ މުއައްސަސާއިން ގަބޫލުކުރުމަކީ ބަލައިގަނެވޭނެ ކަމަކަށް ނުވާތީ، މައްސަލަ ބައިދިނުމަށް އޭސީސީއަށް ފޮނުވިއްޖެ،" އެ ފަރާތުން ބުންޏެވެ.

ނަމަވެސް، އެ މައްސަލަ އަދި ލިބިފައިނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ ކުރިން، އެމްއެންޑީއެފް ނޮދަން އޭރިއާގެ މައި މަރުކަޒު ހުންނަ ޅ. މާފިލާފުށީގައި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އެހީތެރިކަމާއެކު އެގެޒެކެޓިވް ބުލޮކެއް އަޅައިދިނުމުގެ މައްސަލަ ވެސް ހޫނުވެފަ އެވެ. އެ ފަހަރުވެސް އަމިއްލަ ފަރާތަކުން ދިން އެހީތެރިކަމެއް ގަބޫލު ކުރުމުން އެމްއެންޑީއެފަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.