ހަބަރު

އަދީބު ނައިބު ރައީސް ކަމުން ދުރުކުރަންޖެހޭ: މައުމޫން

ނައިބު ރައީސް ކަމުގެ މަގާމުން އަހުމަދު އަދީބު ދުރު ކުރަންޖެހޭ ކަމަށާއި އެކަން ކުރަންޖެހެނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައީސް ކަމުގެ މަގާމުން ދުރުކުރުމަށް ނައިބު ރައީސް މަސައްކަތް ކުރެއްވުމުން ކަމަށް ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

"ފިނިފެންމާ" ލޯންޗްކޮޅުގައި ރައީސް އަބްދުﷲ ޔާމީނަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް މައުމޫން ފަސް ކުރައްވާފައިވާ ބެންގަލޫރު ދަތުރުފުޅުގައި ފުރާ ވަޑައިގަންނަވަމުން މިއަދު މައުމޫން ވިދާޅުވީ ނައިބު ރައީސް އަދީބު ނައިބު ރައީސްގެ މަގާމުން ވަކިކުރަން ޖެހޭ ކަމަށާއި
އަދީބު އެ ޕާޓީން ވަކިކުރީ ވެސް ރައީސް ޔާމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުއްވުމުން ކަމަށެވެ.

"ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވި ނައިބު ރައީސް އަދީބ،ު ރައީސުލްޖުމުހޫރިއްޔާގެ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެއްބަރުންނާއި ވާހަކަދައްކައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނައްގަވަން މަސައްކަތް ކުރައްވައޭ އެހެންވީމަ އެއީ ޕާޓީގެ އުސޫލާއި ގަވާއިދާހިލާފު ކަމެއް،" ރައީސް މައުމޫން ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ލީޑަރު ކަމުން އަދީބު ވަކި ކުރީ ރޭގަ އެވެ. އަދި ނައިބު ރައީސް ކަމުގެ މަގަމުން އަދީބު ވަކި ކުރުމަށް މިއަދު ވަނީ މަޖިލީހަށް މައްސަލަ ވައްދާފަ އެވެ.

ރައީސް ޔާމީން ވިދާޅުވ ގޮތުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހަށް ވައްދަން ނައިބު ރައީސް އެމްޑީޕީގެ މެންބަރުނާ ވާހަކަފުޅު ދައްކަވައި އެކަމަށް މަސައްކަތް ކުރެއްވި ކަމަށާއި ޕީޕީއެމްގެ ޕީޖީ މެންބަރުނާ އެވާހަކަފުޅު ނައިބު ރައީސް ދެއްކެވުމުން އެ މެންބަރުން ރައީސާ އެކަން ހިއްސާ ކުރައްވާފައިވާ ކަމަށެވެ.