ކާނާ

ދަ މަންހަޓަން ފިޝް މާކެޓް މާލޭގައި ހުޅުވައިފި

Feb 6, 2021

ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒް ބްރޭންޑެއް ކަމަށްވާ ދަ މަންހަޓަން ފިޝް މާކެޓުގެ ރެސްޓޯރެންޓްގެ އައުޓެލެޓެއް މާލޭގައި ހުޅުވައިފި އެވެ.

ދަ މަންހަޓަން ފިޝް މާކެޓުގެ އައުޓްލެޓެއް ހުޅުމާލޭގައި ވެސް ހިންގަ އެވެ. ދަ މަންހަޓަން ފިޝް މާކެޓު މާލޭގެ އައުލެޓް ހުޅުވާފައި ވަނީ ކުރީގެ އެމްއީއެސް ސްކޫލް ކައިރީގައި އިންޑިއާއިން ދިހަވަރަކަށް އަހަރުން އަޅައިދިން ހޮޓެލް ސްކޫލްގެ އިމާރާތުގެ ތިރީގަ އެވެ.

ދަ މަންހަޓަން ފިޝް މާކެޓު ރާއްޖޭގައި ހިންގާ ކުންފުނީގެ ވެރިޔާ، އިބްރާހިމް ނައީމް އަވަސް އަށް މިއަދު ވިދާޅުވި ގޮތުގައި މާލޭގައި ރެސްޓޯރެންޓް ހުޅުވާފައިވާއިރު، ރަނގަޅު ތަރުހީބެއް ވެސް މާލޭގައި ދަނީ ލިބެމުންނެވެ. އަދި ހުޅުމާލޭގެ ރެސްޓޯރެންޓެކޭ އެއް ފެންވަރަށް މިތަނުން ވެސް ހިދުމަތް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަންހަޓަން މާލޭގެ ރެސްޓޯރެންޓުގެ މެނޫތަކަށް ކުޑަ ބަދަލެއް ގެނެސް ފުރިހަމަކޮށްފައި ވާނެ. އެހެންވެ ވަރަށް ބޮޑަށް ރަނގަޅުވެސް ވާނެ. އަގުތައް ވެސް ހުންނާނީ ރީޒަނަބަލް މިންވަރަކަށް،" ނައީމް ވިދާޅުވި އެވެ.

ދުނިޔޭގެ 11 ގައުމެއްގައި ހިންގަމުން ގެންދާ ދަ މަންހަޓަން ފިޝް މާކެޓުން ރާއްޖޭގައި ރެސްޓޯރެންޓެއް ހިންގަނީ ހުޅުމާލެ ސެންތްރޯ މޯލްގަ އެވެ. މަންހަޓަންގެ ރާއްޖޭގެ ރެސްޓޯރެންޓުން މި ބްރޭންޑުން ރަނގަޅު އާމްދަނީއެއް ލިބެ އެވެ. އަދި 2017 ވަނަ އަހަރު އެންމެ ރަނގަޅު އާމްދަނީއެއް ހޯދި އައުޓްލެޓަކަށް ވެސް ރާއްޖޭގެ އައުޓްލެޓް ހޮވިފައިވެ އެވެ.