ލާމެހޭ ރަށްތައް

ލާމަރުކަޒީ ނިޒާމު ހަގީގީ ސިފައިގެ ތެރެއަށް

Feb 9, 2021
6

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ވިދާޅުވި އެވެ: "އަޅުގަނޑު ދެކޭ ގޮތުގައި، މި ރާއްޖެ ތަރައްގީ ކުރަން އޮތް މަގަކީ ރައްޔިތުން ބާރުވެރިކުރުވުން. އަދި މި ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް ދެމެހެއްޓޭނީ ވެސް އެ މަގަށް އަޅުގަނޑުމެންގެ މަސައްކަތްތައް މިސްރާބު ކުރެވިގެން. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ޔުނިޓަރީ ދައުލަތެއްގެ ސިފަ ނުގެއްލޭނޭހެން، ރަށު ކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަމާއި މާލީ ތަނަވަސްކަން ލިބިދެވެން ޖެހޭ. އިރާދަކުރެއްވިއްޔާ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަކީ ބާރުވެރި، ފުދުންތެރި އިދާރާތަކަކަށް އަޅުގަނޑު ހަދާނަން"

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތީ ރައްޔިތުންނަށް އެފަދަ ވަރަށް އުންމީދީ ވާހަކަތަކެއް ހިއްސާ ކުރައްވަމުންނެވެ. ފަހުން ވެސް އެ މަނިކުފާނުގެ މައިގަނޑު ވާހަކައަށް ހެއްދެވީ ވެސް ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމެވެ. ވެރިރަށް މާލެއަށް ތޮއްޖެހުން ކުޑަވެ، ސެންޓަރަލައިޒްވެފައި އޮންނަ އޮތުމަށް ނިމުމެއް ގެންނާނެ ކަމުގެ ވާހަކަ ފާހަގަ ކޮށްލެވެ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި މިހާތަނަށް އާދެވުނު އިރު ލާމަރުކަޒީ ނިޒާމަށް ފުރިހަމަ މަގެއް ވަނީ ސާފުކޮށް ދެއްވާފަ އެވެ.

ރައީސް ސޯލިހުގެ އެ މަސައްކަތްތައް ވެގެން ގޮސްފައި ވަނީ އަތޮޅުތަކުގެ ރައްޔިތުންނަށް އުފާވެރި ވާހަކަތަކަކަށެވެ. ސަބަބަކީ ރައްޔިތުން ތިބީ ޒަރޫރީ ހިދުމަށްތައް ވެސް ހަމަޔަށް ލިބެން ނެތް ރަށްތަކަށް ލާމަރުކަޒީ ކުރެވި އެ ރަށްރަށަށް އަމިއްލައަށް ކަންކަން ކުރެވޭނެ ބަޖެޓާއި، ވަސީލަތްތައް މައި ސަރުކާރާއި ނުބައްސައި ލިބިގެންދާނެ ކަމުގެ އުންމީދުގައި ކަމަށްވާތީ އެވެ. މިހާރު ވަނީ ރަށު ކައުންސިލްތައް ބާރުވެރި ކުރުވައި މާލީ ތަނަވަސްކަން ލިބޭނެ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ކޮށްފަ އެވެ.

ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރަން ގާނޫނު އިސްލާހު ކުރުމާއެކު މާލީ ބާރުވެރިކަން ދިނުމުގެ ގޮތުން، ބަޖެޓް ބޮޑު ކުރުމަށް ފަސް ޕަސެންޓް އާމްދަނީ އަދި ބިމު ކުލީގެ 40 ކައުންސިލްތަކަށް ލިބިދޭ ގޮތް ވަނީ ހަމަޖައްސައިދީފަ އެވެ. އަދި ފަސް މިލިއަނަށްވުރެ ކުދި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ކައުންސިލްތަކުން ހިންގާގޮތަށް ހަމަޖައްސައިދީފައި ވެއެވެ. މުނިސިޕަލް ހިދުމަތްކުން ލިބޭ އާމްދަނީ ސީދާ ކައުންސިލަށް ދިނުމާއި، ރަށުގެ ބިން ކުއްޔަށް ދީގެން ލިބޭ އާމްދަނީ ގެ 100 ޕަސެންޓް ސީދާ ކައުންސިލަށެވެ.

ކުންފުނި އުފައްދައި އިގުތިސޯދީ ހަރަކާތް ހިންގުމުގެ ބާރު ކައުންސިލަށް ދީ ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 އަންހެނުންނަށް ހާއްސަ ކޮށްދެއްވައިފި އެވެ. ކައުންސިލްތަކުގެ އިހުތި ސާސްގެތެރޭގައި ހިމެނޭ ވަސީލަތްތަކުގެ މިލްކުވެރިކަން ލިބިދިނުމުގެ އިތުރުން، ލޯކަލް ކައުންސިލްތަކަށް ބަޖެޓުގެ ބާކީ ގޮތުގައި ހުރި ފައިސާ ދޫކުރަން ހަމަޖެއްސުން ވެސް ހިމެނެ އެވެ. މިއީ ރަށް ރަށުގެ ތަރައްގީއަށް އިންގިލާބީ ބަދަލުތަކެއް އައުމެވެ.

މި ބަދަލުތައް ރަނގަޅަށް ހިގައިގަންނާނީ ކޮވިޑްގެ ނުރައްކަލުން ސަލާމަތްވެވި އަދި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭވި ރަނގަޅު ދައުރެއް ހިނގައިގަތުމުންނެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ އިސްވެ ހުންނަވައި މިހާ ވަނީ ރަނގަޅު ހިސާބަކަށް އާދެވިފަ އެވެ.

ގައުމުގެ ތަރައްގީއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ބާރުތައް އެއްތަނަކަށް، މާލެއަށް ޖަމާކޮށްފައި އޮތް އޮތުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ތަރައްގީ ހާސިލު ކުރެވޭނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވިގެން
އިބްރާހިމް މުހައްމަދު ސޯލިހު | ރައީސުލްޖުމްހޫރިއްޔާ

ރަށްރަށުގެ ކައުންސިލްތަކަށް ބާރުވެރިކަން ދިނުން، ލާމަރުކަޒީކޮށް ރަށްތައް ތަރައްގީ ކުރުން މާލެއަށް ބަރޯސާވުން ނިމުމަކަށް ގެނައުން މިއީ ރައީސް ސޯލިހުގެ ވައުދެކެވެ. އަދި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގާ، ރައްޔިތުންނާއި ގާތުން ވެރިކަމެއް ކުރުމުގެ ވިސްނުމަކީ އެމްޑީޕީގެވެސް ވައުދެކެވެ.

އެ ވިސްނުމާއެލު މާލެ ފިޔަވާ ރާއްޖޭގެ އެހެން ހިސާބުތަކަށް ރާއްޖެއިން ބޭރުން ގެންނަ މުދާ ސީދާ ބޭލޭނެ ގޮތް ހައްދަވާ ރާއްޖެއިން ބޭރުގެ ޕޯޓުތަކާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ޕޯޓުތައް މިހާރު ވަނީ ގުޅުވާލާފަ އެވެ. އަދި ރައީސް ސޯލިހުގެ ވިސްނުންފުޅަކީ ރާއްޖޭގައި ގާއިމު ކުރާ ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދު ނޫން އެހެންތަނެއްގައި އެޅުމެވެ. ފަސް ރަށެއްގައި ޓާޝަރީ ހޮސްޕިޓަލް އެޅުމެވެ.

މި ސަބަބުތައް ހުރުމުން ލާމަރުކަޒީ ނިޒާމްގެ ހަގީގީ ސިފަ ޖެހި އެ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިނގައިގަންނާނެ ކަމުގެ އުންމީދު މިހާރު ވަރަށް ބޮޑެވެ. އިންގިލާބީ ބަދަލުތައް ރަށްރަށަށް ގެނައުމުގެ ދޮރުތައް ހުޅުވި، އެމަގަށް ކަންކަން ހިނގާނެ ކަމުގެ ޔަގީންކަން މިހާރު ވަނީ އަތޮޅާއި ރަށަށް ލިބިފަ އެވެ.

"ގައުމުގެ ތަރައްގީއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ބާރުތައް އެއްތަނަކަށް، އާދެ، މާލެއަށް ޖަމާކޮށްފައި އޮތް އޮތުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ތަރައްގީ ހާސިލު ކުރެވޭނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވިގެން،" ރައީސް ސޯލިހު ވިދާޅުވެފައި ވެއެވެ.