ލާމެހޭ ރަށްތައް

ވެރިކަަމަށް އަހަރެއް: ހަގީގީ ލާމަރުކަޒީ ނިޒާމާ ގާތަށް

Nov 17, 2019
4

މީގެ ބަރާބަރު އެއް އަހަރު ކުރިން ދިވެހި ރާއްޖޭގެ ވެރިކަމާއި އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގަތީ ދިވެހި ރައްޔިތުންނަށް ވަރަށް އުމްމީދީ ފޮނި ވާހަކަތަކެއް ހިއްސާ ކުރައްވަމުންނެވެ. އެދުވަހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ދެއްވި ހިތޯބުގައި ހިމެނުނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން ވަޑައިގަންނަވާނެ ވެރިޔަކު ދައްކަވާނެ އެންމެ ފުރިހަމަ ވާހަތަކެވެ. އޭގެ ތެރެއިންވެސް، ވެރިރަށް މާލެއަށް ތޮށްޖެހުން ކުޑަވެ، ސެންޓަރަލައިޒްވެފައި އޮންނަ އޮތުމަށް ނިމުމެއް ގެންނާނެ ކަމުގެ ވާހަކަ ވަކިން ފާހަގަ ކޮށްލެވެ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމަށް އަހަރެއް ވެގެން ދިޔަ އިރު، ލާމަރުކަޒީ ނިޒާމަށް ވަރަށް ފުރިހަމަ މަގެއް މިވަނީ ކޮށްޓަވައިދެއްވާފަ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި، މި ރާއްޖެ ތަރައްގީކުރުމަށް އޮތް މަގަކީ ރައްޔިތުން ބާރުވެރިކުރުވުން. އަދި މި ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް ދެމެހެއްޓޭނީވެސް އެމަގަށް އަޅުގަނޑުމެންގެ މަސައްކަތްތައް މިސްރާބު ކުރެވިގެން. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ޔުނިޓަރީ ދައުލަތެއްގެ ސިފަ ނުގެއްލޭނޭހެން، ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަމާއި މާލީ ތަނަވަސްކަން ލިބިދެވެންޖެހޭ. އިރާދަކުރެއްވިއްޔާ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަކީ ބާރުވެރި، ފުދުންތެރި އިދާރާތަކަކަށް އަޅުގަނޑު ހަދާނަން" ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ އެ ވާހަކަތައް ވެގެންދިޔައީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށްވެސް އުފާވެރި ވާހަކަތަކަކަށެވެ. އެ ރައްޔިތުން އަދިވެސް ތިބީ، ޒަރޫރީ ހިދުމަށްތައްވެސް ހަމަޔަށް ލިބެން ނެތް ރަށްތަކަށް ލާމަރުކަޒީ ކުރެވި، އެ ރަށްރަށަށް އަމިއްލައަށް ކަންކަން ކުރެވޭނެ ބަޖެޓާއި، ވަސީލަތްތައް މައި ސަރުކާރާއި ނުބައްސައި ލިބިގެންދާނެ ކަމުގެ އުމްމީދުގަ އެވެ. އެ އުމްމީދުތަކުގައި ކުލަޖެއްސުމަށްޓަކައި ރައީސް ސޯލިހުގެ ސަރުކާރުން މިހާރު ވަނީ ރަށު ކައުންސިލްތައް ބާރުވެރި ކުރެވި، މާލީ ތަނަވަސްކަން ލިބޭނެ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމަށްޓަކައި މަޖިލީހުގެ ތަޅުމަށް އެބިލް ފޮނުވާފަ އެވެ.

ފާއިތުވެގެން މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ކޮށްފައިވާ ބައެއް ކަންތައް ތަކުގެ ތެރޭގައި އެ ގާނޫނު އިސްލާހު ކުރަން ހުށަހެޅުމާއި، މާލީ ބާރުވެރިކަން ދިނުމުގެ ގޮތުން، ބަޖެޓް ބޮޑުކުރުމަށް %5 އާމްދަނީ އަދި ބިމު ކުލީގެ %40 ކައުންސިލްތަކަށް ލިބިދޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި 5 މިލިއަނަށްވުރެ ކުދި ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތައް ކައުންސިލްތަކުން ހިންގާގޮތަށް ހަމަޖެއްސުމާއި، މުނިސިޕަލް ހިދުމަތްކުން ލިބޭ އާމްދަނީ ސީދާ ކައުންސިލަށް ދިނުމާއި، ރަށުގެ ބިން ކުއްޔަށްދީގެން ލިބޭ އާމްދަނީ ގެ %100 ސީދާ ކައުންސިލަށް ދޭ ގޮތަށް ހެދުން ހިމެނެއެވެ.

މީގެ އިތުރުން، ކުންފުނި އުފައްދައިގެން އިގުތިސާދީ ހަރަކާތް ހިންގުމުގެ ބާރު ކައުންސިލަށް ދިނުމާއި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ %33 އަންހެނުންނަށް ހާއްސަ ކުރުން ނިންމުމާއި، ކައުންސިލްތަކުގެ އިހުތި ސާސްގެތެރޭގައި ހިމެނޭ ވަސީލަތްތަކުގެ މިލްކުވެރިކަން ލިބިދިނުމުގެ އިތުރުން، ލޯކަލް ކައުންސިލްތަކަށް ބަޖެޓުގެ ބާކީ ގޮތުގައި ހުރި ފައިސާ ދޫކުރަން ހަމަޖެއްސުން ވެސް ހިމެނެ އެވެ. ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާއިރު، ރައީސް ސޯލިހު ވަނީ އެ ގާނޫނާއެކު ރަށް ރަށުގެ ތަރައްގީއަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާނެ ކަމަށް ވިދާޅުވެފަ އެވެ.

"ގައުމުގެ ތަރައްގީއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ބާރުތައް އެއްތަނަކަށް، އާދެ، މާލެއަށް ޖަމާކޮށްފައި އޮތް އޮތުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ތަރައްގީ ހާސިލުކުރެވޭނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވިގެން. އެގޮތުން، މާލީ ގޮތުންނާއި ގާނޫނީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް، ގާނޫނަށް މިހާރު ވާނީ ބޮޑެތި އިސްލާހުތަކެއް ހުށަހަޅާފައި. އެ އިސްލާހުތަކާއެކު، ކައުންސިލްތަކުގެ ބަޖެޓް، ދެގުނަ ނުވަތަ ތިން ގުނައަށް އިތުރުވެގެންދާނެ. އޭގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް އިންގިލާބީ ބަދަލުތަކެއް އަންނަން ފަށާނެ." މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތޯބުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް އަހަރުދުވަސް ފުރިގެންދިޔަ އިރު، ލާމަރުކަޒީ ނިޒާމް ކުރިޔަށްވުރެވެސް ހަރުދަނާ ކުރެވި، އެ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިނގައިގަންނާނެ ކަމުގެ އުމްމީދު ބޮޑެވެ. ހާއްސަކޮށް، ލާމަރުކަޒީ ގާނޫނަށް ގެންނަަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތަކުގެ ސަބަބުން ރައީސް އެ ވިދާޅުވާފަދަ އިންގިލާބީ ބަދަލުތައް ރަށްރަށަށް ގެނައުމުގެ ދޮރުތައް ހުޅުވި، އެމަގަށް ކަންކަން ހިނގާނެ ކަމުގެ ޔަގީންކަން ލިިބިގެންދެ އެވެ.