ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ލާމަރުކަޒީ ނިޒާމު އޮތީ މުޅީން ގަނޑުބަނޑުވެފަ އެވެ. ނޫން ނަމަ ބަޔަކު އޮތީ އެ ނިޒާމު ގަނޑުބަނޑު ކޮށްފަ އެވެ. ކައުންސިލްތަކަށް ގާނޫނުން ދީފައިވާ އެތައް ބާރެއް ސަރުކާރުގެ ތެރެއަށް ގެނެސް މަރުކަޒީ ސަރުކާރަށް ބަރޯސާވާން މަޖުބޫރު ކުރުވާފަ އެވެ. ނަމަވެސް މަރުކަޒީ ބަންދުން ކައުންސިލްތައް މިނިވަންކޮށް ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުން ބަދަލުކޮށް ރައްޔިތުން ބާރުވެރިކުރުވުމުގެ ވައުދު ރައީސް ސޯލިހް ގެންދެވީ ތަކުރާރު ކުރައްވަމުންނެވެ. ކެމްޕެއިން ތެރޭގައި އެމަނިކުފާނު ދެއްވެވި ކޮންމެ ތަގުރީރެއްގައި އެ ވައުދު އައު ކުރައްވަ އެވެ.
ނޮވެންބަރު 17، 2018 ގައި ވެެރިކަމުގެ ހުވާ ކުރެއްވުމަށް ގަލޮޅު ދަނޑުގައި އޮތް ރަސްމިއްޔާތުގައިވެސް ރައީސް އެންމެ ބޮޑަށް ދެއްކެވީ ލާމަރުކަޒީ ކުރުމުގެ މުހިންމު ކަމުގެ ވާހަކަ އެވެ. އެކަމުން ރައްޔިތުންނަށް އޮތް ފައިދާ އެވެ. އެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެ ދުވަހުވެސް ދެއްވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މި ރާއްޖެ ތަރައްގީކުރަން އޮތް މަގަކީ ރައްޔިތުން ބާރުވެރިކުރުވުން. އަދި މި ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް ދެމެހެއްޓޭނީ ވެސް އެ މަގަށް އަޅުގަނޑުމެންގެ މަސައްކަތްތައް މިސްރާބު ކުރެވިގެން. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ޔުނިޓަރީ ދައުލަތެއްގެ ސިފަ ނުގެއްލޭނޭ ހެން، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަމާއި މާލީ ތަނަވަސްކަން ލިބިދެވެން ޖެހޭ. އިރާދަކުރެއްވިއްޔާ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަކީ ބާރުވެރި، ފުދުންތެރި އިދާރާތަކަކަށް އަޅުގަނޑު ހަދާނަން"
އެ ފަހުން ވެސް އެ މަނިކުފާނުގެ މައިގަނޑު ވާހަކައަށް ހެއްދެވީ ވެސް ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމެވެ. ވެރިރަށް މާލެއަށް ތޮއްޖެހުން ކުޑަވެ، ސެންޓްރަލައިޒްވެފައި އޮންނަ އޮތުމަށް ނިމުމެއް ގެންނާނެ ކަމުގެ ވާހަކަ ފާހަގަކޮށްލެވެ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި މިހާތަނަށް އާދެވުނު އިރު ލާމަރުކަޒީ ނިޒާމަށް ފުރިހަމަ މަގެއް ވަނީ ސާފުކޮށް ދެއްވާފަ އެވެ.
ހަގީގީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެގެން ދިޔައީ ލާމަރުކަޒު ގާނޫނަށް 2019 ވަނަ އަހަރު ސަރުކާރުން އިސްލާހު ހުށައެޅުމުންނެވެ. އެ ކަން މިހާރު އޮތީ ހަގީގަތަކަށާް ހައްދަވައިދެއްވާފަ އެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ގާނޫނު އިސްލާހު ކުރުމާއެކު މާލީ ބާރުވެރިކަން ދިނުމުގެ ގޮތުން، ބަޖެޓް ބޮޑު ކުރުމަށް ފަސް ޕަސެންޓް އާމްދަނީ އަދި ބިމު ކުލީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބިދޭ ގޮތް ވަނީ ހަމަޖައްސައިދީފަ އެވެ. އަދި ފަސް މިލިއަނަށް ވުރެ ކުދި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ކައުންސިލްތަކުން ހިންގާ ގޮތަށް ހަމަޖައްސައިދީފައިވެ އެވެ. މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ ސީދާ ކައުންސިލަށް ދިނުމާއި، ރަށުގެ ބިން ކުއްޔަށް ދީގެން ލިބޭ އާމްދަނީގެ 100 ޕަސެންޓް ސީދާ ކައުންސިލަށެވެ.
ކުންފުނި އުފައްދައި އިގުތިސޯދީ ހަރަކާތް ހިންގުމުގެ ބާރު ކައުންސިލަށް ދީ ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކޮށްދެއްވައިފި އެވެ. ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުގެ މިލްކުވެރިކަން ލިބިދިނުމުގެ އިތުރުން، ލޯކަލް ކައުންސިލްތަކަށް ބަޖެޓުގެ ބާކީ ގޮތުގައި ހުރި ފައިސާ ދޫކުރަން ހަމަޖެއްސުން ވެސް ހިމެނެ އެވެ. މިއީ ރަށް ރަށުގެ ތަރައްގީއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަންތައްތަކެކެވެ.
ރައީސް ސޯލިހްގެ ލާމަރުކަޒީ ތަސައްވުރުގަައި ހަގީގީ ކުލަޖެހުމުގެ ވަގުތު މި އޮތީ ފެށިފަ އެވެ. އަލަށް ގެނައި އިސްލާހުތަކަށް ފަހު ބޭއްވި ކައުންސިލް އިންތިހާބު ނިމި އިންތިހާބުވި ކައުންސިލަރުން އިއްޔެ ވަނީ ހުވާކުރައްވާފަ އެވެ. ރަސްމީ މަސައްކަތަށް އާ ކައުންސިލަރުން މިއަދު އޮފީހަށް ނިކުމެފައިވަނީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ފުރިހަމަ ބާރުތަކާއި އިހުތިޔާރުތަކާއެކުގަ އެވެ.
ރައްޔިތުންގެ ބައިވެރިވުމާއެކު ގެނައި ބޮޑު ބަދަލު
ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެނައި ބޮޑު ބަދަލަކީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ގެނެސްފައިވާ ބަދަލުތަކެކެވެ. ކެމްޕެއިންގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްހެން ރައީސް ސޯލިހް ވަޑައިގެންނެވި އެވެ. އެތައް ހާސް ރައްޔިތުންގެ ޝަކުވާއާ ކަންބޮޑުވުންތައް އަޑު އެއްސެވި އެވެ. އަދި ހާއްސަކޮށް ލާމަރުކަޒީ ނިޒާމަށް ގެންނަން ރައްޔިތުން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން އެ ރައްޔިތުންގެ މަޝްވަރާ ހޯއްދެވި އެވެ.
ވެރިކަމަށް ވަޑައިގެން "ޖަޒީރާ ހޮޅުއަށި" ނަމުގައި ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދެވި އެވެ. އެއް ބައްދަލުވުން ހާއްސަކުރެއްވީ ވެސް ލާމަރުކަޒީ ނިޒާމަށެވެ. ރައްޔިތުންގެ އަޑުއެއްސެވުމަށް އެ ބައްދަލުވުންތައް ޗެެއާ ކުރެއްވެވީ ވެސް ރައީސް ސޯލިހެވެ. އަދި ކަންބޮޑުވުންތަކަށް ވަގުތުން ޖަވާބު ވެސް ދެއްވެވި އެވެ. އޭގެ ފަހުން ކައުންސިލަރުންނާއެކު ބޮޑު މަހާސިންތާއެއް ވެސް އެމަނިކުފާނު ކުރިއަށް ގެންދެވި އެވެ. ކްރޮސްރޯޑްގައި ކުރިއަށް ގެންދެވި އެ ބައްދަލުވުންތަކުގައި ކައުންސިލަރުން މެދުވެރިކޮށް ރައީސް ވަނީ މަޝްވަރާއާ ހިޔާލު ހޯއްދަވާފަ އެވެ.
ލާމަރުކަޒީ ނިޒާމަށް އެ ބަދަލުތައް ގެންނެވީ އެ ހުރިހާ މަސައްކަތަކަށް ފަހު ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކު އެވެ.
އާ ކައުންސިލަރުން މަގާމުގެ ހުވާ ކުރެއްވުމާއި ގުޅިގެން ހޯމަ ދުވަހު ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައިވެސް ރައީސް ވަނީ އެކަންކަން ފާހަގަކުރައްވާފަ އެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޝްވަރާއާ އެއްގޮތަށް ގާނޫނު އިސްލާހުކޮށް ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނައީ ރައްޔިތުން އެގޮތް ބޭނުންވުން ކަަމުގައިވެސް ވިދާޅުވި އެވެ.
"... ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގެނައި މި ބަދަލުތަކާ އެކު ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީހުގައި މިއަދު މިވަނީ މުޅިން އައު ސަފްހާއެއް ލިޔަން ފަށާފައި. މި ސަފްހާގެ ދެލިގަނޑު ފޭދުނަ ނުދީ ކުލަގަދަ އަކުރަކުން ލިޔުއްވަމުން ގެންދެވުމަކީ މިއަދު މަގާމާ ހަވާލުވެވަޑައިގަންނަވާ ތިޔަ ކައުންސިލަރުންގެ އެންމެ މަތީ ޒިންމާ ކަމުގައި ހެއްދެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،"
ރައީސް ވަނީ ރައްޔިތުންގެ ލާބަޔާއި މަސްލަހަތަށް އިސްކަން ދެއްވާ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްގޮތަށް ތަރައްގީގެ ޕްލޭންތައް ތައްޔާރުކޮށް އެ ޕްލޭނާ އެއްގޮތަށް ރަށްރަށާއި ސިޓީތައް ތަރައްގީކުރުމަށް ހާއްސަ ސަމާލު ކަމެއް ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. މީގެ ކުރިން މަރުކަޒީ ސަރުކާރުގައި ހުރި އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް ކައުންސިލްތަކާ ހަވާލުކުރެވިފައިވާތީ އަދި ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ގާނޫނީ ބާރުދީ ރަށްރަށުގެ އިހްތިސާސް ކަނޑައަޅާފައިވުމުން މިއީ ނިޒާމަށް ގެނައި ބަދަލުތަކުގެ ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު ކަމުގައި ރައީސް ވިދާޅުވި އެވެ.
ތިޔަ ބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ހަވާލުވެވަޑައިގަންނަވަނީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަ ބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ގައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު. ތިޔަ ބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ ތިޔަބޭފުޅުންނާ ހަވާލުކުރެވޭ ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ ތިޔަ ބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްގީ ކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މި ގެނައި ބަދަލުތަކުގެ ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
އާ ކައުންސިލަރުން ހުވާކޮށް މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންވެސް ސަރުކާރުން ވަނީ ރަށްތަކާއި އަތޮޅުތަކަށް ބާރުތައް ދޫކޮށްލުމުގެ މަސައްކަތް ފަށާފަ އެވެ. ރައްޔިތުންނާއި ގާތުން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް ކޮށްދީފަ އެވެ.
ފާހަގަކުރެވޭ އެންމެ ބޮޑު އެއް ބަދަލަކީ ސިއްހީ ދާއިރާ ލާމަރުކަޒު ކުރުމަށް ކުރެވުނު މަސައްކަތްތަކެވެ. އެ ގޮތުން ރީޖަނަލް ހޮސްޕިޓަލުތަކަށް ސަރުކާރުން ގެނެސްދިން ކުރިއެރުމާއި ހިދުމަތްތަކަށް ގެނެސްދިން ބަދަލު އެއީ ފާހަގަކުރެވޭ ފަދަ ކާމިޔާބެކެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ވަނީ ފާހަގަކުރެވޭ ފަދަ ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާ ރައްޔިތުންނާއި ގާތުން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާފަ އެވެ. ހިދުމަތްތަކާއި ވަސީލަތްތަކަށް ގެނެސްދެއްވި ބޮޑެތި ބަދަލުތަކާއެކު މާލެ އައިސް ހޯދަން ޖެހުނު ކިތަންމެ ފަރުވާއެއް މި ހޮސްޕިޓަލްތަކުން ލިބޭނެ މަގު ފަހިވެއްޖެ އެވެ. ކޮވިޑްގެ މި ހާލަތުގައި މާލެ ބަންދުވީއިރު ރައްޔިތުންނަށް ބޭނުންވާ އަސާސީ ފަރުވާ ނުހުއްޓި ކުރިއަށް ދިޔައީވެސް ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ހަރުދަނާ ކަމުގެ ސަބަބުން ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.
މީގެ އިތުރުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަތޮޅުތަކަށް ހާއްސަކޮށްގެން ހިންގުނު ތަރައްގީގެ މުހިންމު މަސައްކަތްތަކަކީ ވެސް ލާމަރުކަޒު ކުރުމަށް އިސްކަން ދީގެން ސަރުކާރުން ކުރި މަސައްކަތްތަކެކެވެ. 1169 މަޝްރޫއެއް މި ސަރުކާރުން ފަށާފައިވާއިރު އޭގެ ތެރެއިން 1153 މަޝްރޫއު ހިންގަނީ އަތޮޅުތަކުގަ އެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާ އާއި ހަކަތައިގެ ދާއިރާގެ މަޝްރޫއުތައް ގިނަ އެވެ.
މިދިޔަ ދެ އަހަރު ދުވަހަކީ އަތޮޅުތެރެއަށް ހާއްސަކޮށްގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރެކޯޑް އަދަދަކަށް ލޯނު ދޫކުރެވުނު ދެ އަހަރެވެ. މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 318 މިލިއަން ރުފިޔާގެ ލޯނު އަތޮޅުތެރޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވެ އެވެ.
ކުރީ ސަރުކާރުތަކަށް ދޫކޮށްލަން ނުކެރުނު ބާރުތަކެއް
ލާމަރުކަޒު ކުރުމާއި ރައްޔިތުންނާއި ގާތުން ހިދުމަތް ލިބޭނެ ގޮތް ހަދައިދިނުމަކީ މިދިޔަ ކޮންމެ ސަރުކާރެއްގެ ވެސް ވައުދެކެވެ. ކެމްޕެއިންގައި ވަރަށް ކުރިއަށް ނެރެގެން ވަރަށް ގިނަ ސިޔާސީ ލީޑަރުން އެ ވާހަކަތައް ތަކުރާރުކޮށް ފަށްފަށްކޮށް ދައްކަވާފައިވެ އެވެ. ނަމަވެސް ދައުރު ނިމިގެން ދަނީ އެއިން އެއްވެސް ވާހަކައެއްގައި ހަގީގީ ކުލަ ނުޖެހި އެވެ. ނޫން ނަމަ ކުރިން އޮތް ހާލަތަށް ވުރެވެސް ގޯސް ހާލަތަކަށް ލާމަރުކަޒު ނިޒާމު ހަރާބުކޮށްލާފަ އެވެ.
މިކަމުގައި މި ސަރުކާރު ތަފާތެވެ. ރައީސް ސޯލިހް ގެންދަވަނީ އަމަލާއި ބަހުން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ފުއްދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ހަގީގީ ލާމަރުކަޒު ނިޒާމެއް ރާއްޖޭގައި ތަންފީޒު ކުރެވޭނެ ދުވަހެއް ދެކެން ދިވެހިން ބޭނުންވާ ހުވަފެނުގައި ކުލަޖެެއްސެވުމަށް ރައީސް ރެއާއި ދުވާލު އެ ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ.
ރައީސް ވިދާޅުވާ ގޮތުގައި އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށް ވުރެ އެމްޑީޕީގެ ނިޔަތް މާބޮޑެވެ. އަދި އެމަނިކުފާނު ހުންނެވީ އެކަމަށް އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް އެ ބާރުތައް އޭގެ ހަގީގީ މާނައިގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މައްޗަށް ހިންގަމުން ދިޔަ "މުރަނަ" ވެރިކަން ބަދަލުކޮށް އޯގާތެރި ވެރިކަމެއް އުފެއްދީ އެމްޑީޕީންނެވެ. ލާމަރުކަޒީ ނިޒާމާ އެންމެ ރަހުމަތްތެރި ވިސްނުން އޮތީ އެމްޑީޕީގަ އެވެ.
"ލާމަރުކަޒު ނުވެ އޮތުމުން އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަހަންމަލު ކުރަމުންދާ ތަކުލީފުތައް އަޅުގަނޑުމެން އެމްޑީޕީއަށް އަބަދުވެސް ވަރަށް ސާފު. އެ މަންޒަރާއި އެ ތަޖުރިބާ އަޅުގަނޑުމެން މިތިބީ ކޮށްގެން. އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށް ވުރެ މާބޮޑު ނިޔަތެއް އަޅުގަނޑުމެންގެ އެބައޮތް. އެއީ އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް އެ ބާރުތައް އޭގެ ހަގީގީ މާނާގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުން. އެއީ އަޅުގަނޑުމެން މާކުރިން ނިޔަތް ގަނެފައިވާ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް،" ފެބްރުއަރީ 11 ގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ބައިވެރިވުން ކުރިއަށް ވުރެ މާބޮޑަށް ޝާމިލްވާ ގޮތަށް ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް ތަންފީޒުކޮށް ނިޒާމަށް ގެނައި ބަދަލުގެ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަކީ ރައީސް ސޯލިހްގެ މިހާރުގެ އެދިވަޑައިގަތުމެވެ.
ރައީސް ވަނީ ރައްޔިތުންގެ ލާބަޔާއި މަސްލަހަތަށް އިސްކަން ދެއްވާ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްގޮތަށް ތަރައްގީގެ ޕްލޭންތައް ތައްޔާރުކޮށް އެ ޕްލޭނާ އެއްގޮތަށް ރަށްރަށާއި ސިޓީތައް ތަރައްގީކުރުމަށް ހާއްސަ ސަމާލު ކަމެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. މީގެ ކުރިން މަރުކަޒީ ސަރުކާރުގައި ހުރި އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް ކައުންސިލްތަކާ ހަވާލުކުރެވިފައިވާތީ އަދި ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ގާނޫނީ ބާރުދީ ރަށްރަށުގެ އިހްތިސާސް ކަނޑައަޅާފައިވުމުން މިއީ ނިޒާމަށް ގެނައި ބަދަލުތަކުގެ ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު ކަމަށްވެސް ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ހަވާލުވެވަޑައިގަންނަވަނީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަ ބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ގައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު. ތިޔަ ބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ ތިޔަބޭފުޅުންނާ ހަވާލުކުރެވޭ ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ ތިޔަ ބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްގީ ކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މި ގެނައި ބަދަލުތަކުގެ ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު،" ހޯމަ ދުވަހު ގައުމާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވި އެވެ.