ބޮޑު އިންތިހާބަކަށް ފައްކާވަމުން އަންނައިރު ސިޔާސީ ލީޑަރުންނާއި ޕާޓީތައް އަބަދުވެސް ތަސައްވުރެއް ކުރަހައިދޭނެ އެވެ. ތަފާތު މައްސަލަތަކުގެ ވާހަކަ ދައްކާ އެ ޕާޓީއެއްގެ ސިޔާސަތުތައް ކުރިއަށް ނެރޭނެ އެވެ. އެކަމަކު މި ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުން އެ ފަދަ ވާދަވެރި، ޒިންމާދާރު މަސައްކަތްތަކެއް ކުރާތަނެއް ނުފެނެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އައި ފަހުން އިދިކޮޅު ޕާޓީގެ ސިޔާސީ ރަނގަޅު ހަރަކާތެއް ނެތެވެ.
މި ސަރުކާރު އައީއްސުރެ ފެންނާން އޮތީ އެއް ޕާޓީއަކުން ހަދާނެ އެއްޗެއް ހަދަން މާ ބޮޑަށް ދޫކޮށްލެވިފައި އޮތް ސިޔާސީ މަސައްކަތްތަކެއް ހިނގާ ތަނެވެ. އޭގެ ނަތީޖާއަކަށް މިދިޔަ ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ހުރިހާ ޕާޓީތަކަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. އެއީ ހިތާމައެއް ކުރަން ޖެހިފައިވާ ކަމަކަށް ވެފައި ވެއެވެ. އޭގެ ފަހަށް ކުރީން ގަބޫލުކުރި ގޮތާ ހިލާފަށް ވެސް ލައްކަ ގިނަ ކަންކަން ހިނގައި ދިއުމަށްފަހު ބޯމަތިވެގެން މިއަންނަ ލޯކަލް ކަައުންސިލް އިންތިހާބާ ދިމާވާއިރު އިދިކޮޅުގެ ވަރުގަަދަ ކަމެއް ނުދެއްކެ އެވެ. -- ރައީސް ޔާމީން ޖަލުގައި ހުންނެވުމާއެކު އިދިކޮޅަށް ހުއްޖަތެއް އެބައޮތެވެ. އެކަމަކު އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ޕާޓީތަކުގެ ހަރަކާތް ކޮބައި ހެއްޔެވެ؟
ލޯކަލް ކައުންސިލްގެ ފުޅާ އަދި އުނދަގޫ އިންތިހާބަށް އެމްޑީޕީ އޮތީ ވަރުގަދައަށް ތައްޔާރުވެފަ އެވެ. މިހާރުވެސް މިއަހަރަށް މަޖިލިސް ހުޅުވައި މަޖިލީހުގައި ބިޒީވުމުގެ މާ ކުރިއަށް އެ ޕާޓީ ކެމްޕޭނަށް ނުކުމެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދާއެކު އެ ޕާޓީގެ މަސައްކަތްތައް ބައްޓަން ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރި ގޮތަށް އެއް ފޯމިއުލާއެއް ބޭނުން ކޮށްގެން މި އިންތިހާބު ވެސް ނަގާށެވެ. މައިގަނޑު ގޮތެއްގައި ވަކިވަކި ކައުންސިލަރުންނަށް ދޭ ވޯޓެއްގެ ބަދަލުގައި އެމްޑީޕީއަށް ދޭ ވޯޓަކަށް ހަދައިގެން ކެމްޕޭން ވަނީ ފަށާފަ އެވެ. މަޖިލިސް އިންތިހާބުގައި ހުރިހާ ދިމާއަކުން ގިނަ ވާހަކަ ނުދައްކާ "އެޖެންޑާ 19" އަށް ޕްރޮމޯޓް ކުރި ގޮތަށް މިފަހަރު ހުރިހާ ކައުންސިލްތަކުގެ ކެންޑިޑޭޓުން އެމްޑީޕީއާއެކު ޕްރޮމޯޓު ކުރަނީ ލާމަރުކަޒީ ނިޒާމް އެއީ އެމްޑީޕީގެ "ހަރު މުދަލަކަށް" ހަދައިގެނެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މުޅި ސްޓްރެޓަޖީ ބިނާކޮށްފައި ވަނީ މި ބަދަލު އެމްޑީޕީއާއެކު ގެނެސްފި ނަމަ ރަށަށް ލިބޭ ބާރައި ކުރިއެރުން ޕޯޓްރައިވާނެ ގޮތަށެވެ.
އެމްޑީޕީގެ ސަރުކާރު އޮތީ ކޯލިޝަންގަ އެވެ. އެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ހަރަކާތެއް ނެތެވެ. އެމްޑީޕީ ހަދާނެ ގޮތަކަށް ހަދަން "ހެދިފައި" ތިބީ އެވެ. ނޫނީ ބާރެއް ނެތި ކޯމާއަކަށް ގޮސްފައި ވަނީ އެވެ. އެމްޑީޕީ ހޭލައި އޮވެ މުޅި ރާއްޖޭގައި ފޯރިމަރަމުން ދާއިރު ރިޔާސަތު ހޯދަން އެ ޕާޓީގެ އެކުވެރިންނަށް ހެދި ލީޑަރުންނަށް ސަރުކާރު ތެރެއިން މަގާމުކޮޅެއް ދީފައި ވުމުން އެ ލީޑަރުންނާއި ޕާޓީތަކަށް ވަނީ ޣާފިލު ނިންޖަކުން ނިދާފަ އެވެ.
ކަންކަން ހިނގައި ދިޔަ ގޮތުން ސިޔާސީ ގޮތުން އެއްވެސް މަގެއް ފެންނާން ނެތުމުން މިވަގުތު ކޮންމެ ދުވަހަކު ޓްވީޓުން ޝުއޫރު ފާޅު ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވާ ގޮތަށް "ބަދަހި ކޯލިޝަން" އޮޔީ ހިޔާލީ ދުނިޔެއެއްގެ ތެރޭ، ގަދަ ނިދީގަ އެވެ.
ރައީސް މައުމޫންގެ އެމްއާރްއެމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އަދާލަތު ޕާޓީ ކެމްޕެއިނަށް ކުރާ ކަމެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ. އެއްވެސް ކަމެއް ނުކުރެ އެވެ. އެހެން ޕާޓީތަކާ ފައިހަމަ ނުކުރެވުނަސް ވާދައެއް ކުރެވޭތޯ އެންމެ ގަދައަށް މަސައްކަތް ކުރަން ޖެހޭ މި ދެ ޕާޓީ ކުރިއެކޭ ވެސް އެއްގޮތައް "ފިރުކެނީ" އެވެ. އަދި އެމްޑީޕީގެ ސަރުކާރުގެ ތެރެއިން ލިބުނު ސިޔާސީ މަންފާގެ ހިތަހަމަ ޖެހުމާއެކު އޮތީ ނިދާފަ އެވެ.
ގާސިމް އިބްރާހިމްގެ ޖޭޕީން ރައްޔިތުން މަޖިލިސް އިންތިހާބުގައި ޕީޕީއެމްއާކު ފާޑެއްގެ ކޯލިޝަނެއް ހެދި އެވެ. މިފަހަރު އެގޮތް ބަދަލުކޮށް ކޯލިޝަން ނަހަދާ ޕީޕީއެމްގެ މެންބަރުންތަކެއް "ދަމައިގަތީ" އެވެ. އޭރަށް ވެސް ހަމަަ އެ ޖެހެނީ އެއްތާކު އެވެ. ދޭތެރެ ދޭތެރެއިން މީހުން ސޮއި ކުރާ ޖަލްސާތަކުގައި ރައީސް މުހައްމަދު ނަޝީދަށް ފާޑު ކިޔުމާއި ގާސިމަށް ސަނާ ކިޔުން ފިޔަވައި ކުރާ އެއްކަމެއް ނެތެވެ.
މި ސަރުކާރާއެކު މި ރާއްޖޭގައި ހިނގައިދާ ނުރަނގަޅު އެއްވެސް ކަމެއްެ މަތީން ހަނދާނެއް ނެތެވެ. ހަމައެކަނި އެ ޕާޓީއަށް ފެންނަނީ މާ ދުރު ހިސާބެއްގައި އޮތް ރިޔާސީ އިންތިހާބެއްގެ ހުވަފެނެވެ.
ސިޔާސީ ހަރަކާތަށް އެމްޑީޕީ ކިތަންމެހާވެސް މޮޅެވެ. އެކަމަކު ސަރުކާރެއް ހިނގާކަށް އެމްޑީޕީ މޮޅެއް ނޫނެވެ. ސަރުކާރު ހިންގުމުގައި މުޅީން ހަދަމުން ދަނީ ގޯހެވެ. ނަމަވެސް އެމްޑީޕީ ސިޔާސީ ހަރަކާތުގެ މޮޅު ކަމުން ޖޭޕީ ވަނީ އަރާމުކޮށް ނިންދަވާ 2023 ގެ ހުވަފެނެއްގެ ތެރެއަށް ގެންގޮސްފަ އެވެ.
އެމްޑީޕީ އޮތީ ހޭލަ އެެވެ. ރައީސް ނަޝީދު 24 ގަޑި އިރު ދެފައި އެއްތާ ނުޖަހާ ސިޔާސީ މަސައްކަތުގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސީ ޓެކްޓިކްސްގައި ޖޭޕީ އާއި އެކުވެރި ޕާޓީތަކާއި ލިޑަރުން ނިންދަވާފައިވާ ގޮތް މޮޅެވެ. އެހެން ކަމުން އެއީ ކޯލިޝަންގައި ހަމައެކެނި ތަފާތެއް ދެއްކެވި ލީޑަރެވެ. އޭގެ ފައިދާވެސް އޮތީ އެމްޑީޕީއަށެވެ.
އެއްވެސް ފަޅިއަކަށް ޖެހިވަޑައިނުގެން މުޅި ރައްޔިތުންގެ މަޖިލިސް އިންތިހާބު ނިންމަވާލެއްވި ރައީސް ސޯލިހު އޭރު ބޭއްވި ކޮންމެ ޖަލްސާއެއްގައި ކޯލިޝަން ލީޑަރުން މަތިން ހަނދާން އާ ކުރައްވަ އެވެ. އަދި ކޯލިޝަނަށް ވޯޓު ދެއްވަން ވިދާޅުވެ އެވެ. ފަހު ވަގުތާ ޖެހެންދެން ވެސް ހުންނެވީ ހަމަހަމަ ކަންމަތީގަ އެވެ.
ނަމަވެސް މި ފަހަރު ކެމްޕެއިންގެ ކުރީކޮޅު ރައީސް ސޯލިހު މިހާރުވެސް ފަޅިއެއް ނަންގަވައިފި އެވެ. މާ ފާޅުގައި ކެމްޕެއިންގެ ތެރެއިން އެމްޑީޕީއަށް ކައުންސިން އިންތިހާބުގެ އަޣުލަބިއްޔަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވެއްޖެ އެވެ. އެހެން ނޫން ނަމަ އެ މަނިކުފާނުގެ ވައުދުތައް ފުއްދަން ހުރަސްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ އެވެ.
"އަޅުގަނޑުވީ ވައުދުތައް، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމަށް ވީ ވަައުދުތައް، ފުއްދޭނީ މި ކަން ދަންނަ ބަޔަކަށް. އަޅުގަނޑު ދަންނަ ގޮތުގައި މިކަން ދަންނަ ބަޔަކަށް ތިބީ އެމްޑީޕީ، އެހެންކަމުން ކައުންސިލްތަކުގެ އިންތިހާބު ބޮޑުތަނުން އެބަޖެހޭ އެމްޑީޕީއަށް ކާމިޔާބު ވާން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މިހާ އަވަހަށް ރައީސް ނެންގެވި މި ސްޓޭންޑާއެކު ސިޔާސީ މަސްރަހުން ބޮޑެތި ބަދަލުތަކެއް ފެނިގެން ހިނގައިދާނެ އެވެ. އެކަމަކު އަދި ވަގުތުކޮޅެއް ނަގާނެ އެވެ. މި ބަދަލުގެ ތެރެއިން އެކުވެރި ކޯލިޝަނަށް ނިދިން ހޭ ނުލެވިއްޖެ ނަމަ ގައުމުގެ ހުރިހާ ބާރުތައް އެއް ޕާޓީގެ މުށުތެރެއަށް ވަދެ، ވާދަ ވެރި ސިޔާސީ ނިޒާމުގެ ދުވަސްދާނެ އެވެ. ސަރުކާރާއި މަޖިލީހާއި ޖުޑިޝަރީއަށް ބަދަލު ގެނައުމުގެ ބާރާއި މާލީ ބާރުވެރިކަމާއެކު ތިބި ކައުންސިލްތައް ވެސް ލިބޭނީ އެންމެ ޕާޓީއަކަށެވެ.
އެ ޕާޓީއަށް އެއީ ވަރަށް ބޮޑު އުފަލަކަށް ވިޔަސް ޑިމޮކްރަސީގެ މައިގަނޑު އަސާސެއް ކަމަށްވާ "ހުރިހާ ރައްޔިތުންގެ އަޑު" ސަރުކާރަށް އިއްވައި ޒިންމާދާރު ކުރުމުގެ ވާހަކަ އެހާ ހިސާބުން ދެން ބާއްވާށެވެ. ކޯލިޝަން ގުޅުމުގެ ވާހަކަ މިހާ ވަރަށް ދައްކަން ޖެހެނީ ވެސް މިހެންވެ އެވެ.
ރައީސަށް ހަނދުމަފުޅުކޮށް އަރުވަން!
ނޮވެމްބަރު 17، 2018 ގައި ރާއްޖޭގެ ރައީސް ހުވާ ކުރެއްވުމަށް ފަހު ރައްޔިތުން ކުރިމަތީ ވަަރަށް ބޮޑު ވައުދެއް ރައީސް ސޯލިހު ވެވަޑައިގަތެވެ. ރައްޔިތުން ވޯޓު ދެއްވީ ކޯލިޝަނަކަށް ކަން ހިނދުކޮޅަކަށް ވެސް ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުން ވޯޓު ދެއްވީ އެންމެން އެކުގައި މަސައްކަތް ކުރަން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސަށް ހަނދުމަފުޅު އަރުވަން ޖެހޭ، ކަމަކީ ހަމައެކަނި އެ ދުވަހު ދެއްކެވި ވާހަކަފުޅެއް ނޫނެވެ. ސަރުކާރެއްގެ އުފެދުމާއި ވެއްޓުމުގައި އެންމެ އިސް ރޯލެއް އޮންނަ މި ކޯލިޝަން ފޯމިއުލާއަށް ރައްޔިތުންގެ އިތުބާރު އަލުން އަނބުރާ ހޯދަން ގިނަ ވާހަކަތަކެއް ދައްކަވާ މަސައްކަތްތަކެއް ކުރެއްވި އެވެ. އޭގެ ތެރެއިން އެކައްޗަކީ ކޯލިޝަން ޕާޓީތަކުގެ މެދުގައި ފުރަތަމަ ފަހަރަށް ލިޔުމުން ވެވުނު އެއްބަސްވުމެވެ.
"... ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު, ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމަށް 20 ޕަސަންޓު،" ކޮންމެ ޕާޓީއެއްގެ އިސް މެންބަރަކާއެކު ރައީސް ސޯލިހު ސޮއި ކުރައްވާފައިވާ އެ އެއްބަސްވުމުގައި ބުނެފައިވެ އެވެ.
ޖޭޕީގެ އިސް މެންބަރަކު ވިދާޅުވި ގޮތުގައި މިގޮތަށް ބަހަން އެއްބަސްވެފައި ވަނީ ހަމައެކަނި ކެބިނެޓާއި ވަޒީފާތައް އެކަންޏެއް ނޫނެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ހުރިހާ ޕާޓީއަކުން ގުޅިގެން ވާދަކޮށް އެ ޕަސަންޓުން ސީޓުތައް ބަހަން ވަނީ ނިންމައިފަ އެވެ.
"ހަގީގަތުގައި އަޅުގަނޑުމެންގެ ވިސްނުމަކަށް އޮތީ ޕާޓީތައް ގުޅިގެން ވާދަ ކުރީމައޭ ކާމިޔާބު ވާން ފުރުސަތު އޮތީ. އެހެން ނަމަވެސް ގުޅިގެން މިހާ ވަރުގަދައަށް ވާދަ ކުރާނެ ފެންވަރުގެ އިދިކޮޅެއް ނެތް. ވަކިން ވާދަ ކުރިޔަސް ކާމިޔާބު ވެދާނެ ކަމަށް ވިސްނުނީ އެމްޑީޕީއަށް. އެހެންވެ މުޅީ އިންތިހާބު އެކީ ނަގަން ހިފީ. އެކަން ކުރަނީ ކޯލިޝަންގެ މައްޗަށް ފައިން އަރާފައި،" އެނާ ވިދާޅުވި އެވެ.
ކޯލިޝަން ދަމަހެއްޓުމުގެ ވާހަކަ ދެއްކެވީ ރައީސް ސޯލިހު އެކަންޏެއް ނޫނެވެ. ކޯލިޝަން ރޫޅުނަ ނުދީ ބަނދެލަން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ވާހަކަ، އެންމެ ފުރަތަމަ ދެއްކެވި ބޭފުޅަކީ ކުރީގެ ރައީސް އަދި މިހާރު ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް ސޯލިހާއި އެމަނިކުފާނުގެ ޕާޓީން 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އެކުލަވައިލި ރިޔާސީ މެނިފެސްޓޯގެ 97 ވަނަ ސޮފުހާގައިވާ ބުނެފައި ވަނީ ވަކި ޕާޓީއަކަށް ވެރިކަން ހިންގަން ބޭނުންވާ މެޖޯރިޓީ ނުލިބިއްޖެ ނަމަ ސިޔާސީ ޕާޓީތައް ގުޅިގެން އެކުލެވޭ ކޯލިޝަންތަކަށް ގާނޫނީ ހައިސިއްޔަތު ލިބިދޭން ވާނެ އެވެ. އަދި ވެރިކަމުގެ ބާރު މިހާރަށް ވުރެ ބޮޑަށް ބަހާލެވޭނެ ނިޒާމެއް ގާއިމް ކުރެވޭނެ އެވެ.
"... ރައްޔިތުން ބޭނުންވާހާ ހިނދަކު ވެރިކަން މަޖިލީހުގެ ތެރެއިން ބަދަލުވެގެން ދިޔުމުގެ ޖާގަ ތަނަވަސް ކުރެވި، ވެރިކަން ހިންގާ ފަރާތްތައް މާބޮޑަށް ޒިންމާދާރު ކުރެވި ޖަވާބުދާރީ ކުރެވޭނެ" އިތުރަށް ބުނެފައިވެ އެވެ.
މިއަދު ކަންތައްތައް މިހިނގަނީ އެ ގޮތައް ހެއްޔެވެ؟ އަމާޒު ހުރީ ވެރިކަން ހިންގާ ޕާޓީ އެއްގޮތަކަށް ވެސް ޒިންމާދާރު ނުކުރެވޭ ފަދަ ގޮތަކަށެވެ. މި ވާހަކަތަކާއި ވައުދުތަކާއި އެއްބަސްވުންތަކާއި މެނިފެސްޓޯ ހިފައިގެން އައި ކޯލިޝަން ސަރުކާރުގެ މިހާރުގެ ހާލަތަކީ ކޮބާ ހެއްޔެވެ؟
ކޯލިޝަން ނިދިން ހޭލަން ޖެހޭ!
ޖަމީލު ވިދާޅުވާ ގޮތުގައި ކޯލިޝަންގެ ވެރިން ތިއްބެވީ ހިޔާލީ ދުނިޔެ އެއްގަ އެވެ. މަޖިލިސް އިންތިހާބުގައި ވެސް ކޯލިޝަނެއް ނެތެވެ. އަދި ކައުންސިލް އިންތިހާބުގައި އަދި އަމުދުން ކޯލިޝަން ހިންގޭނެ މަގެއް ނެތެވެ.
އެއްބަސްވުންތަކަށް އިހުތިރާމް ނުކޮށް ވައުދުތައް ހަނދާން ނައްތާލުމުގެ ސަބަބުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. އޭގެ ސަބަބުން ސިޔާސީ ބާރުވެރިކަމުން މަހުރޫމްވެ ކޯލިޝަން ނިމެމުންދާނެ ކަމަށް ޖަމީލު ވިދާޅު ނުވިޔަސް އެއީ ދިވެހި ކުޑަކުއްޖަކަށް ވެސް އެނގޭ ވަރުގެ ކަމެކެވެ. އޭގެ ނަތީޖާއަކަށް ވާނީ އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް ސަރުކާރާ މެދު ކިތަންމެ ހިތްހަމަ ނުޖެހުނަސް އެމްޑީޕީގެ ވެރިކަމެއް ބަދަލު ކުރެވޭނެ ގޮތެއް ނެތިފައި ތިބެން ޖެހުމެވެ.
"އެމްޑީޕީގެ އަތަށް ސަރުކާރު ވެސް މަޖިލިސް ވެސް ޖުޑީޝަރީ އަދި ކައުންސިލްތައް ވެސް ލިބުނީމަ އޭގެ ހިތި ރަހަ ކޯލިޝަންގެ އެހެން ޕާޓިތައް ވެސް ދެކޭނެ. ރައީސް ނަޝީދު ބޭނުން ވަނީ ކެބިނެޓުން އެހެން ޕާޓީތައް ބޭރު ކުރަން. އެކަމަށް މާ ބޮޑު ހުރަހެއް ނޯންނާނެ. ލޯކަލް ކައުންސިލް އިންތިހާބު ނިމިގެން ދާއިރު ވެސް އެ ހިޔާލީ ދުނިޔޭގަ ތިބެއްޖެއްޔާ ކޯލިޝަން ނިމޭނެ،" އިދިކޮޅު ޕީޕީއެމްގެ މެންބަރަކު ވިދާޅުވި އެވެ.
ކޯލިޝަން ލީޑަރުން އިންތިހާބަކު ބަލިވެގެން ހިތާމަ ކުރިޔަސް ވަގުތު ފާއިތުވުމުގެ ކުރިން ނިދިން ތެދުވާން ޖެހެ އެވެ. މި ރާއްޖޭގައި މިހާރު މިހިނގާ ކަންކަމުގެ މައްޗަށް ލޯ ހުޅުވާލައި އަނގައިން ބުނެލަން ވިޔަސް ކޯލިޝަންގެ ލީޑަރުން ނިދިން ހޭލަން ޖެހެ އެވެ.
ކެބިނެޓުގެ މަގާމެއް ގެއްލިދާނެ ކަމުގެ ބިރަށް، ކައިރި ބޭފުޅުން އެމްޑީ ކަމާއި ސްޓޭޓް މިނިސްޓަރުކަން ގެއްލި ދާނެ ކަމުގެ ބިރަށް އަދި އެކުވެރިންނަށް ޕްރޮޖެކްޓްތައް ނުލިބިދާނެ ކަމުގެ ބިރަށް "އަމިއްލައަށް ލޯ މަރައި ނިދައި" ސިޔާސީ އެހެން ހުރިހާ ބާރުވެރިކަމެއް ދޫކޮށްލުމުން ވާނެ ހައެތި ފެންނާނެ ކަން ގައިމެވެ.