ބިދޭސީން

ވޯކް ޕާމިޓް މެޑިކަލް ހަދައިދޭން ރަޖިސްޓްރީވާން ހުޅުވާލައިފި

ރާއްޖެ އަންނަ ބިދޭސީން ވޯކް ޕާމިޓް ހޯދުމުގެ ކުރިން ހައްދަންޖެހޭ ވޯކް ޕާމިޓް މެޑިކަލް އެގްޒަމިނޭޝަންގެ ހިދުމަތް ހަދައިދޭ ފަރާތްތައް ރަޖިސްޓްރީވާން ހުޅުވާލައިފި އެެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާންއެއްގައި ވަނީ އެފަދަ ހިދުމަތް ދޭ ފަރާތްތަކުން މިއަދުން ފެށިގެން ރަޖިސްޓްރީ ވާން ހުޅުވާލައިފަ އެވެ.

މެޑިކަލް އެގްޒަމިނޭޝަންގެ ހިދުމަތް ހަދައިދޭ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެފަދަ ފަރާތްތަކުން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީވެފައި އޮތުން ހިމެނެ އެވެ. އަދި ރެޖިސްޓްރީވާން ހުށަހަޅާއިރު ހެލްތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަން ވެސް ޖެހެ އެވެ.

މެޑިކަލް އެގްޒަމިނޭޝަންގެ ހިދުމަތް ހަދައިދޭ ފަރާތްތަކުން މިނިސްޓްރީން ކަނޑައަޅާ އިންތިޒާމެއްގެ ތެރެއިން މެޑިކަލް ރިޕޯޓް މިނިސްޓްރީއާ ހިއްސާކުރަން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މެޑިކަލް އެގްޒަމިނޭޝަންގެ ހިދުމަތް ހަދައިދޭ ފަރާތްތައް ރަޖިސްޓްރީވާން ބޭނުންނަމަ ރަޖިސްޓްރީވާން ހުށަހަޅަން ޖެހޭ ފޯމް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ. އެ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވެ އެވެ.