ދުނިޔެ

އައިއެސް އާއި ދެކޮޅަށް އެމެރިކާ ގިޔަރު މަތި ކުރަނީ

ވޮޝިންޓަން (ބީބީސީ) - ދިގުލަމުންދާ ސީރިޔާ ހާނގުރާމައިގަ އާއި އިރާގުގައި އައިއެސްއާއި ދެކޮޅަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭތީ، އެމެރިކާއިން އާ ހިތްވަރަކާ ރޭވުންތަކަކާއެކު ނިކުންނަން އުޅޭ ކަމުގެ ސިގުނަލެއް ދީފިއެވެ. މީގެ ތެރޭގައި ވައިގެ ހަމަލާތަކުގެ އިތުރުން ބިންމަތީގައި އައިއެސް އާއި ކުރިމަތިލުން ވެސް ހިމެނެއެވެ.

އެމެރިކާއިން އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައަށް ބަދަލެއް ގެންނަން އުޅޭކަމަށް އިޝާރާތް ކުރަމުން ނމި ދަނީ އެގައުމުން ބައިވެރި ވެގެން އައިއެސްގެ ކިބައިން ރަހީނުންތަކެއް ސަލާމަތް ކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އޭޝް ކާޓާ ވިދާޅުވީ ގާބިލު ބައިވެރިންނަށް އެހީތެރި ވާނެ ކަމަށާއި ވައިގެ މަގުންނާއި ބިންމަތިން އައިއެސް އާއި ކުރިމަތިލާން ވެސް އެމެރިކާއިން ފަސް ނުޖެހޭނެ ކަމަށެވެ. އަދި އެމެރރިކާގެ އަމާޒު ހިފާފައި ވަނީ ބޭނުން ކުރާ ހަތިޔާރު ވަރުގަދަކޮށް، ސިފައިން އިތުރުކޮށް އައިއެސް ކުޑަކަކޫ މައްޗަށް ތިރިކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ސީރިޔާއާއި އިރާގުގައި އައިއެސް އާއި ދެކޮޅަށް ހަމަލާތައް ފެށީ މިދިޔަ އަހަރުއެވެ. ބަރަކް އޮބާމާވެސް ވަނީ އައިއެސް ބަލިކުރަން އެމެރިކާ ބޭނުންވާ މިންވަރު ހާމަކޮށްފައެވެ.

އައިއެސް ބަލިކުރަން ބޭނުންވާ ގައުމުތަކުގެ ތެރޭގައި ރަޝިޔާއާއި އެމެރިކާ ހިމެނުނަސް މި ދެގައުމު އޮތީ އެ މަސައްކަތުގައި އެއް ސޮފުހާ އެއްގައެއް ނޫނެވެ. ރަޝިޔާއިން ބުނަނީ އައިއެސް ބަލި ކުރަން ޖެހޭނީ ބައްޝާރުލް އަސަދާއި އެކު ތެދުވެ ކަމަށެވެ. އެކަމަކު އެމެރިކާއިން ބުނަނީ އެއްވެސް ހާލެއްގައި އަސަދުގެ ސަރުކާރަށް ތާއީދު ނުކުރާނެ ކަމަށާއި އައިއެސް ބަލިކުރުމަށް އެގައުމުގެ ބައިވެރިޔަކީ ސީރިޔާ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރި ގްރޫޕެއް ކަމަށްވާ ސީރިޔަން ފްރީ އާމީ ކަމަށެވެ.