އެމެރިކާ

ނައިޓް ކްލަބަށް ބަޑިން ހަމަލަ ދިން މީހާއާ އައިއެސްއާ ގުޅުމެއް ނެތް: އޮބާމާ

Jun 14, 2016
2

އެމެރިކާގެ އޮލާންޑޯ ސިޓީގެ ނައިޓް ކްލަބަކަށް ބަޑިން ހަމާލާދިން މީހާއާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނަމުގައި ހަރާކާތްތެރިވާ ޓެރަރިސްޓް ޖަމާއަތާ އެއްވެސް ގުޅުމެތް ނެތް ކަމަށް އެމެރިކާގެ ރައީސް ބަރަކު އޮބާމާ ވިދާޅުވެއްޖެ އެވެ. -- ހަމަލަ ދިން ނައިޓް ކްލަބަކީ ފިރިހެނުން ފިރިހެނުންނާ މަސްހުނިވެ ގުޅުން ހިންގާ ކްލަބެކެވެ.

ވޮޝިންޓަންގައި މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ ބަޑި ޖެހި މީހާ އައިއެސްއާ ގުޅުން އޮތް ކަމަށް ފެތުރި ނަމަވެސް އޭނާއާ އައިއެސްއާ ސީދާ ގުޅުން އޮތް ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.

"މިއީ އެމެރިކާގެ ތެރެއިން ވެސް ހައްދުފަހަނަ އެޅުން އިތުރުވަމުންދާ ކަމުގެ މިސާލެއް، އަދި މިއީ އެމެރިކާއިން އެކަމަކާ ކަންބޮޑުވާތާ ދުވަސްވީ މައްސަލައެއް،" އޮބާމާ ވިދާޅުވިއެވެ.

އޮބާމާ ވިދާޅުވީ 49 މީހުން މަރުވި މި ހާދިސާއަކީ އެންމެ މަތީ ޓެރަރިސްޓް ހަމަލާއެއްގެ ދަރަޖައިން ބަލަމުންދާ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި މި ހާދިސާއާ ބެހޭގޮތުން އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓަރަމްޕް ވިދާޅުވީ ގައުމުން ބޭރު މުސްލިމުން އެމެރިކާއަށް ވަނުން ވަގުތީ ގޮތުން މަނާ ކުރަންޖެހޭ ކަމަށެވެ.

"ހާހުން ހާހުން، އެމެރިކާއަށް އަންނަ ބައެއް މީހުން. އެބަޖެހޭ ހުއްޓުވަން. އޭގެ ތެރޭގައި އެބަހިމެނޭ ގިނަ އަދަދަކަށް މީހުން މަރާފައިވާ މީހުން. އެހެންވެ އަންނަ ކޮންމެ މީހަކަށް އެމެރިކާއަށް ވަދެވިގެން ނުވާނެ" ޓްރަމްޕް ވިދާޅުވިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަން ވިދާޅުވީ މިފަދަ ހަމަލާތައް ހުއްޓުވުމަށް އެންމެ މުހިންމު ކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކަމަނާ ވަނީ އެމެރިކާގެ މަގުތަކުގައި ބަޑި ގެންގުޅުމުގެ ފުރުސަތު ނުދޭން ގޮވާލާފައެވެ.