އެމެރިކާގެ މިހާރުގެ ނައިބް ރައީސް ކަމަލާ ހެރިސް، ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަދި އަނބިކަނބަލުން މިޝޭލް އޮބާމާ ތާއީދުކުރައްވައިފި އެވެ.
ކަމަލާ ހެރިސްއަށް ތާއީދުކުރެއްވި ކަމަށް އޮބާމާ އިއުލާންކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އޮބާމާގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ކުރީގެ ރައީސް ބިލް ކްލިންޓަންއާއި ޑިމޮކްރެޓިކް ޕާޓީގެ ނުފޫޒުގަދަ އެތައް ބޭފުޅަކު މިހާރު ވަނީ ހެރިސްއަށް ތާއީދުކުރައްވާފަ އެވެ.
އެމެރިކާގެ ސެނެޓު އަދި ކޮންގްރެސްގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެންބަރުންވެސް ވަނީ ހެރިސްއަށް ތާއީދުކުރައްވާފަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޑިމޮކްރެޓިކް ޕާޓީން ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަސައްކަތް އެ ޕާޓީން ފަށާފައި މިވަނީ އެމެރިކާގެ ރައީސް ބައިޑަން ރިޔާސީ އިންތިހާބުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
ޑިމޮކްރެޓިކް ޕާޓީގެ ގިނަ ބައެއްގެ ތާއީދު ހެރިސްއަށް ލިބިފައިވާތީ ޑިމޮކްރެޓުންގެ ޓިކެޓް އޭނާއަށް ލިބިވަޑައިގަންނަވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ.
އެމެރިކާގައި ކަޅު ނަސްލުގެ ބޮޑު އާބާދީއެއް އޮތްއިރު އޭގެ ގިނަ މީހުންގެ ތާއީދު ހެރިސްއަށް ލިބިފައިވާތީ ރިޕަބްލިކް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ހެރިސްގެ ފަރާތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މުރާސިލުން ދެކެ އެވެ.