ދުނިޔެ

އޮބާމާގެ ގެ ކައިރިން މަރުވެފައި އޮއްވާ ފެނުނީ ކާކުކަން އެނގިއްޖެ

އެމެރިކާގެ ކުރީގެ ރައީސް ބާރަކް އޮބާމާގެ އާއިލާ ދިރިއުޅުއްވާ ގެ ކައިރީގައި -- ކޯރެއްގައި ގެނބިގެން މަރުވެފައި އޮއްވައި ފެނުނީ އޮބާމާގެ އާއިލާއަށް ކައްކައިދޭ ޓަފާރީ ކޭމްބެލް، 43، ކަމަށް ފުލުހުން ބުނެފި އެވެ.

އޮބާމާ ދިރުއުޅުއްވަނީ އެމެރިކާގެ މެސަޗުސެޓްސްގަ އެވެ.

އޭނާ މަރުވި ސަބަބެއް ކަމަށް ފުލުހުން ލަފާކުރަނީ ފަލިޖަހާ އުޅަނދެއްގައި، ކޯރުގައި ފަލިޖަހަނިކޮށް ދިމާވި ހާދިސާއެއްގައި ގެނބިގެންނެވެ.

މި ހާދިސާއާ ގުޅިގެން އޮބާމާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓަފާރީ އަކީ އެ އާއިލާގެ މެމްބަރެއްގެ ލޯބި ދީގެން ގެންގުޅުނު މީހެއް ކަމަށެވެ. އޭނާ އަކީ ވަފާތެރި، އޯގާތެރި އަދި މީހުންނާ މެދު އާދަޔާޚިލާފަށް ރަހުމް ހުންނަ މީހެއް ކަމަށްވެސް ވަނި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން އޮބާމާގެ އާއިލާއަށް ޓަފާރީ ތައާރުފުވީ -- އެމެރިކާގެ ރައީސްގެ މަގާމުގައި އޮބާމާ ވައިޓް ހައުސްގައި ހޭދަކުރެއްވި ދުވަސްތަކުގައި ކަމަށެވެ. އެއިރު ޓަފާރީ އަކީ ވައިޓް ހައުސްގައި ކައްކާއެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

އޮބާމާއަށް ރައީސްގެ ދައުރު ހަމަވެވަޑައިގަތުމުން، ވައިޓް ހައުސް ދޫކުރައްވައި 2017 ގައި އާއިލާ، އެހެން ގެއަކަށް ބަދަލުވިއިރު ޓަފާރީއަށް ދައުވަތު ދިނުމުން ގަބޫލުކޮށް އެ އާއިލާއާ އެކު ބަދަލުވީ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ފުލުހުން ބުނި ގޮތުން ޓަފާރީ ގެނބުނު ދުވަހު އޭނާއާ އެކު އެހެން މީހަކު ވެސް އެ ކޯރަށް ފަލިޖަން ދިޔަ އެވެ. އަދި ފުލުހުން އެ ތަނަށް ދިޔައީ މީހަކު ގެނބިގެން އުޅޭ ކަމަށް ލިބުނު ރިޕޯޓަކަށެވެ.

ފުލުހުން އެ ތަނަށް ދިޔައިރު ގެނބުނު ކަމަށް ބުނި މީހާގެ ހިލަމެއް ވެސް ނެތުމުން -- ކޯރުގެ އަޑި ބެލުމަށް ސޯނާ ބޭނުންކުރި ކަމަށް ތަހުގީގު ޓީމުން ބުނެ އެވެ. އަދި ކޯރުގެ އައްސޭރި ފަށުން 98 ފޫޓު ދުރުގައި އަދި އަށް ފޫޓު އަޑިން އިންސާނެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.

އެ މީހަކު ކޯރު އަޑިން ނަގައި ހޯދި ހޯދުމުން އެއީ އޮބާމާގެ އާއިލާއަށް ކައްކައިދޭ މީހާކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.