ހިޔާ މަޝްރޫއު

ފްލެޓް ހަވާލުކުރާނީ ޕްލޭނިންއިން އިތުރަށް ބެލުމަށްފަހު: ކޮމެޓީ

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންނަށްވެސް ފްލެޓް ހަވާލުކުރެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ފްލެޓް ހަވާލުކުރުމުގެ ޕްރޮސެސްގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް ފްލެޓް ކޮމެޓީން ބުނެފި އެވެ.

މިއަދު އާންމުކުރި ލިސްޓްގައި 6،720 މީހެއްގެ ނަން ހިމަނާފައި ވެއެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ވަނީ 7،000 ފްލެޓެވެ. އެ ފްލެޓްތަކަށް 25،000 ވުރެ ގިނަ މީހުން ފޯމް ހުށައެޅި އެވެ.

ފްލެޓް ކޮމެޓީން ބުނީ ކޮންމެ ކެޓަރީއެއްގެ ދާއިމީ ލިސްޓްވެސް ނެރެފައިވަނީ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމަށްފަހު ކަމަށެވެ. އަދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި، ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވެ ފްލެޓް ލިބިފައިނުވާ ފަރާތްތައް ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބު ބަޔާންކޮށްފައިވާނެ ކަމަށެވެ.

އަދި ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ހަވާލުކުރެވޭނީ އެއް ފްލެޓް ކަމުގައިކަމަށް ވާތީ، ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނީ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއް ފޯމު ހުށަހަޅާފައިވާ ކެޓަގަރީ އެއްގައި ކަމަށްވެސް ބުންޏެވެ. ދާއިމީ ލިސްޓު އިއުލާންކުރުމުން، އެ ފަރާތަކަށް ފްލެޓް ހަވާލުކުރެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ އިން ފްލެޓް ހަވާލުކުރުމުގެ ޕްރޮސެސްގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަަށްވެސް ބުންޏެވެ.

ވަގުތީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިން ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، ދާއިމީ ލިސްޓުން އުނިކޮށްފައިވާ ކަމަށްވެސް ފްލެޓް ކޮމެޓީން ވަނީ ބުނެފައެވެ.