އެޗްޑީސީ

ހިޔާއަށް ސެކިއުރިޓީ ގާޑުންނާއި ސާފުކުރާ މީހުން

ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓާނެ ގާޑުންނާއި އެތަން ސާފުކުރާނެ މުވައްޒަފުން އެޗްޑީސީން ނަގައިފި އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރި ކަމަށާއި އެތަނުގެ ސާފުތާރިހުކަން ދެމެހއްޓުމަށް ސެކިއުރިޓީ މީހުންނަށާއި ތަން ސާފު ކުރާ މީހުން މިހާރު ނަގާފައިވާ ކަމަށެވެ. އަދި އިއްޔެއިން ފެށިގެން އެ ހިދުމަތައް ފްލެޓްތަކަށް ލިބެމުންދާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އެޗްޑީސީން މިދިޔަ މަހުގެ 22 ވަނަ ދުވަހު ހަވާލުކުރީ ވަށި ޕްރައިވެޓް ލިމިޓެޑް އާއި އެވެެ.

ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގެ ދަށުން ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯއާއި ބޭސްމެންޓް ޕާކިން އޭރިއާ ބެލެހެއްޓުމަށް 24 ގަޑިއިރު ސެކިއުރިޓީ ގާޑެއް ހުންނާނެ އެވެ. އަދި ފްލެޓްތަކުގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާ ބެލައި، ހާދިސާއިން ހިނގައިފިނަމަ އެކަން އެންގުމަކީ ވެސް ގާޑުގެ ޒިންމާ އެކެވެ.

މީގެ އިތުރުން ހިޔާ ފްލެޓްތައް ސާފު ކުރުމުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައިވަނީ ހަތަރު ފަރާތަކަށެވެ. އެއީ އެލްއެމް އެންޓާޕްރައިސިސް، ޕާމް ގްލޯ، ކޭއެސްއޭ މޯލްޑިވްސް، ލީރޯ އިންވެސްޓްމެންޓަށެވެ.

އެލްއެމް އެންޓާޕްރައިސިސް ކުންފުނިން ސާފުކުރާނީ ޓަވަރު އެކަކުން ހަތަރަށެވެ. ޕާމް ގްލޯއިން ސާފުކުރާނީ ޓަވަރު ފަހަކުން އަށަކަށެވެ. ކޭއެސްއޭ މޯލްޑިވްސް އިން ސާފުކުރާނީ ޓަވަރު ނުވަޔަކުން 12 އަށެވެ. ލީރޯ އިންވެސްޓްމެންޓިން ސާފު ކުރާނީ ޓަވަރު 13 އިން 16 އަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

ފްލެޓްތައް ސާފުކުރާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދަމު 12:00 އަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

ހިޔާ ފްލެޓްތަކުގައި 1500 އަށްވުރެ ގިނަ އާއިލާ މީހާރު ދިރިއުޅެމުންދާއިރުގައި އެތަނުގައި ވައްކަމުގެ މައްސަލަތައްވެސް ވަރަށް ގިނަ އެވެ. އަދި ފްލޯތަކުގައި ކުނި ބަހައްޓާ މައްސަލަވެސް ވަނީ ބޮޑުވެފަ އެވެ. ސެކިއުރިޓީ އަދި ސާފުކުރުމުގެ ހިދުމަތް ފެށުމުން އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ އެ ކަންބޮޑުވުންތައް ނިމިގެންދާނެ އެވެ.