މުހައްމަދު އަސްލަމް

ހިޔާ ފްލެޓްތަކުގެ ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކުރި: އަސްލަމް

Aug 20, 2022
5

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ގިނަ މަސައްކަތްތަކެއް މިސަރުކާރުން ވެސް ކޮށްފައިވާ ކަމަށް ވިދާޅުވެ ހިޔާ ފްލެޓްތަކުގެ "ކުރެޑިޓް" ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ނަންގަވައިފި އެވެ.

ހިޔާ ފްލެޓްތަކުގެ ބޮޑު ބައެއް މިސަރުކާރުން ކުރި ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ހިޔާގެ 16 ޓަވަރު ނިންމާ، 7،000 ފްލެޓް ލިބޭ މީހުންވެސް ކަނޑައަޅާފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި 25 ބުރީގެ ހިޔާ ޓަވަރުތައް އެޅުމުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 19، 2017 ގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހިޔާ ފްލެޓްތަކުގެ އިންޓީރިއާ ބައެއް މަސައްކަތްތައް މިސަރުކާރުން ކުރި ނަމަވެސް ޓަވަރުތަކުގެ އޮނިގަނޑުގެ މައިގަނޑު ހުރިހާ މަސައްކަތެއް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެކަމަކު އެމްޑީޕީގެ ކޮންގްރެސްގައި މިއަދު ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކުރި ހުރިހާ މަސައްކަތެއްގެ ކުރެޑިޓް ނަގަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ހިޔާ ފްލެޓްތަކުގެ ބައެއް ޓަވަރުތަކުގައި ހުރީ ފައުންޑޭޝަން އެކަނި ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ފަށާފައިވާ "ވިނަރެސް" ފްލެޓުތަކުގެ ތެރެއިން ގިނަ ޓަވަރުތައް ވެސް ހުރީ ފައުންޑޭޝަން ނާޅައި ކަމަށާއި އެ މަސައްކަތުގެ ބޮޑު ބައެއް ނިންމީވެސް ރައީސް ސޯލިހުގެ ސަރުކާރުން ކަމަށެވެ.

"ފްލެޓްތަކުގެ ބޮޑުބައި އަޅުގަނޑުމެން މިސަރުކާރުގައި އެ އޮތް ޕްލޭނާ އެއްގޮތަށް ގެންގޮސް ނިންމީ،" އަސްލަމް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ބޮޑު ބައެއް މިސަރުކާރުން ވެސް ކުރި ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް ހިޔާ ފްލެޓް ލިބޭ މީހުން މިސަރުކާރުގައި އަލުން ކަނޑައެެޅުމަށްފަހު ފްލެޓްތައް ހަވާލުކުރީ އެތަންތަން ލިބުނު މީހުން އަމިއްލައަށް ފްލެޓްތަކުގެ އިންޓީރިއާ މަސައްކަތް ނިންމާ ގޮތަށެވެ. ހިޔާ ފްލެޓްތަކުގައި މިސަރުކާރުން ކުރި މައިގަނޑު މަސައްކަތަކީ އެ ތަންތަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އެކަމާ ގުޅޭ މައިގަނޑު މަސައްކަތްތައް މިސަރުކާރުން ނިންމީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގަ އެވެ.

ހިޔާ ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައި ނިންމީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު އަސްލަމް ވާހަކަވެސް ދައްކަވާފައިވެ އެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވީ ހިޔާ ފްލެޓްތައް ތަޅާލުމުގެ ބާރު އެމަނިކުފާނަށް އޮތް ނަމަ އެކަން ކުރެއްވީސް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވުނީ ހިޔާ ފްލެޓްތަކުގެ މައިގަނޑު މަސައްކަތްތައް ރައީސް ޔާމީންގެ ސަރުކާރުގައި ނިންމާފައިވާތީ ކަމަށެވެ.