އޭޑިކޭ ހޮސްޕިޓަލް

ފިރުޝާންގެ އެއް ފައި ބުރިކޮށްލައިފި

Feb 11, 2021
6

ފާރެއް ދަށުވެ ބޮޑެތި ޒަހަމްތަކެއްވި ގދ. ގައްދޫ ކުޑަ ކުއްޖާގެ ކަނާތު ފައި ބުރިކޮށްލައިފި އެވެ. އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު ކަނާތު ފައި ބުރުކޮށްލީ އޭނާގެ ފުރާނައަށް ނުރައްކާ އޮތުމުންނެވެ.

ފިރުޝާންގެ ފައިގެ ފަލަމަސް ގަނޑާ ދިމާއިންނާއި ކަށިމަތި ބިންދައިގެން ގޮސް އޭނާގެ އެއް ފައިގެ ފުންނާބު ވެސް އޮތީ ވަރަށް ބޮޑަށް ޗިސްވެފައެވެ. ތިނަދޫ ހޮސްޕިޓަލްގައި އޭނާގެ ކަށީގެ އޮޕަރޭޝަނެއް ކުރިއިރު އޭޑީކޭގައިވެސް ވަނީ ފަހުން ކަށީގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އާއިލާއިން ބުނީ އިއްޔެ ކުރި އޮޕަރޭޝަންގެ ތެރެއިން ފިރުޝާންގެ ކަނާތު ފައި ބުރިކޮށްލާފައިވާ ކަމަށެވެ.

އެ ހާދިސާގައި އޭނާގެ ބޮލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ފިރުޝާން ފާރެއްގެ ދަށުވީ ގައްދޫ ކައިރީގައި އޮންނަ ލޮނުދުއަހުުއްޓާ ކިޔާ ރަށަކަށް ދަތުރު ގޮސް އުޅުމުގެ ތެރޭގަ އެވެ. އެ ހާދިސާގައި އެހެން ކުއްޖަކަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅެވެ.

ލޮނުދުއަހުއްޓާއަކީ ކުރިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފަށައި މަސައްކަތް ހުއްޓާލާފައި އޮތް ރަށެކެވެ. އަދި އެ ރަށުގައި ހުރި ގިނަ އިމާރާތްތައް މިހާރު ހުރީ ވީރާނާވާން ކައިރިވެފައި ވެއެވެ.

ފިރުޝާންއަށް އެހީވުމަށް އާއިލާއިން މިހާރު ވަނީ އެދިފައެވެ. އަދި ފިރުޝާންއަށް އެހީވާން ފޭކް ބޭންކް އެކައުންޓްތައް ހިމެނޭ ޕޯސްޓައް އުޅޭތީ އެހީ ދިނުމުގައި ސަމާލުވާންވެސް އާއިލާއިން ވަނީ އެދިފަ އެވެ.