އޭޑިކޭ ހޮސްޕިޓަލް

އީމާން ނިޔާވެއްޖެ: އޭޑީކޭ

ހުޅުމާލޭގައި އާދީއްތަ ދުވަހު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މާލެ ސިޓީ ވިލިމާލެ ދާއިރާގެ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން ނިޔާވެފައިވާ ކަމަށް އޭޑީކޭއިން ބުނެފި އެވެ.

އީމާން މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނީ އީމާން މަރުވީ ވެންޓިލޭޓަރުގައި އޮއްވައި ކަމަށެވެ. މަރު ޑިކްލެއާ ކޮށްފައިވަނީ މިއަދު ހެނދުނު 7:42 ގައި ކަމަށް ވެސް ބުންޏެވެ.

ހުޅުމާލެ ކުރެދިމާ ހިނގުމުގައި މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު 4:25 ހާއިރު އީމާން އެކްސިޑެންޓްވެފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް ސްޕީޑް ބްރޭކަރަކަށް އަރައިގެންނެވެ. އެކްސިޑެންޓަށްފަހު އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

އޭގެ ފަހުން އިތުރު ފަރުވާއަށް އެ ރޭ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އީމާން މަރުވެފައި ވަނީ އިއްޔެ އެ ހޮސްޕިޓަލުން އީމާންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ކަނޑައިލައިފައި ވަނިކޮށެވެ.

އީމާން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް އެވެ. އީމާން ހޮސްޕިޓަލަށް ގެންދެވުނީ ވެސް އެކްސިޑެންޓް ހިނގިތާ 20 ވަރަކަށް މިނެޓް ފަހުންނެވެ. އެހެންކަމުން ފަރުވާ ދިނުމުގައި ވެސް ލަސްތަކެއް ހުއްޓެވެ.

އެކްސިޑެންޓްގައި އީމާންގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ބޮލިގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑީގެ ބައެއް ބޭރަށް ނިކުމެފައިވެ އެވެ.

އީމާން މަރުވި ކަމަށް އިއްޔެ މީޑިއާގައި ރިޕޯޓު ކުރި ނަމަވެސް މަރުވި ކަމަށް އޭރު ނުނިންމާ ކަމަށް އޭޑީކޭއިން އިއްޔެ ބުނެފައިވެ އެވެ.