އެކްސިޑެންޓް

މުލީގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް

މ. މުލީގައި ގުދަނެއްގެ ތެރެއަށް ޕިކަޕެއް ވައްދަން އުޅެނިކޮށް ޕިކަޕްގެ ތެރޭގައި މީހަކު ތާށިވެ ލިބުނު އަނިޔާތަކުގެ ސަބަބުން ހާލު ދެރަވެގެން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދޭން ފަށައިފި އެވެ.

މިދިއަ ހޮނިހިރު ދުވަހުގެ މެންދުރެއްހާއިރު ހިނގި އެ ހާދިސާގައި ތަށީވެ ބޮޑެތި އަނިޔާތައްވީ މުލީ / ސިލްމާވިލާ، އުމުރުން 28 އަހަރުގެ އަހްމަދު ރައިހާނަށެވެ.

މުލީގެ ކައުންސިލް ރައީސްް ޝަމްއޫނު ރަމީޒު މިއަދު ވިދާޅުވީ ރައިހާން ތާށިވެ އަނިޔާވީ ގުދަނަށް ޕިކަޕެއް ވެއްދުމުގެ ތެރޭގައި ކަމަށާއި ޕިކަޕާައި ގުދަނުގެ ދޮރާއި ދޭތެރޭގައި ރައިހާން ތާށިވި އިރު އޭނާ ހުރީ ޕިކަޕުގެ ތެރޭގައި ކޮޅަށް ކަމަށެވެ. ހާދިސާގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. ރައިހާންގެ ބޮލުގެ ތިން ތަނަކަށް ބޮޑެތި ގެއްލުންތަކެއްވުމުގެ އިތުރުން ސިކުނޑިއަށް ވަނީ ގެއްލުން ވެފައެވެ. އަދި ލޮލުގެފެނުން ފުސް ވެފައި ވެއެވެ.

"ރައިހާން އެވަގުތު ހުރީ ޕިކަޕުގެ ފޮށިގަނޑު މަތީ ކޮށްޅަށް. ހިލަ ބަރު ކުރަން ގުދަނަށް ވެއްދި ވަގުތު ރައިހާންއަށް ބޯ ތިރި ނުކުރެވުނީ. ޕިކަޕާއި ގުދަނުގެ ދޮރުގެ މަތީ ދޮރުކަންޏާ ފޫއްޓެއްގެ ޖާގަވެސް ނެތް،" ޝައްމޫން ވިދާޅުވި އެވެ.

ރައިހާންއަށް އިތުރު ފަރުވާއަށް މާލެ ގެނެއީ ހޮނިހިރު ދުވަހު ހަވީރު އެވެ. އޭނާއަށް މިހާރު ފަރުވާ ދެނީ އޭޑީކޭގެ އައިސީޔޫގަ އެވެ. އޭނާގެ އާއިލާއާ ހަވާލާ ދީ ޝަމްއޫން ވިދާޅުވީ އޭނާގެ ހާލު މިހާރު ކުރިއަށް ވުރެ ރަނގަޅުވަމުން އަންނަ ކަމަަށެވެ.