މާލޭގެ ވިޔަފާރި ބަނދަރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސްޓިޑެންޓުގައި ޒަހަމްވި މަޖޫރީ މީހާގެ ގިނަ އޮޕަރޭޝަންތަކެއް ކޮށްފި އެވެ.
ވެއްޓުނު ކާޕެޓް ރޯލެއްގެ ދަށުވެ ޒަހަމްވި 29 އަހަރުގެ ފިރިހެންމީހާއާ ބެހޭ ގޮތުން އައިޖީއެމްއެޗުން ބުނީ އޮޕަރޭޝަންތަކެއް ކުރި ނަމަވެސް އޭނާގެ ހާލަތު އަދިވެސް ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އެހެން ނަމަވެސް މަޖޫރީ މީހާއަށް ލިބުނު ގެއްލުންތަކާބެހޭ ތަފުސީލީ މައުލޫމާތުތައް އެ ހޮސްޕިޓަލަކުން ނުދެ އެވެ.
އެ މީހާއަކީ މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕުގައި މަސައްކަތް ކުރަމުން އައި މަޖުރީއެކެވެ. އޭނާގެ ގައިމައްޗަށް ކާޕެޓް ރޯލް ވެއްޓުނީ ކެރޭނަކުން ރޯލް ދޯންޏަކަށް އެ އަރުވަން އުޅުމުގެ ތެރޭގަ އެވެ. މި އެކްސިޑެންޓަށް ފަހު އެމްޕީއެލް އިން ވަނީ އެ މައްސަލަ ބަލައި ނިމެންދެން މިނާ އާއި އެ މަސައްކަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މިދިއަ މަހު ވިޔަފާރި ބަނދަރުގައި ވެއްޓުނު ބިއްލޫރި ޕެލެޓެއް ދަށުވުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ޒުވާނަކު މަރުވެފައި ވެއެވެ.