ހުޅުމާލޭގައި އިއްޔެ ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މާލެ ސިޓީ ވިލިމާލެ ދާއިރާގެ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން މަރުވި ކަމަށް އަދި ނުނިންމާ ކަަމަށް އޭނާއަށް ފަރުވާ ދެމުންދާ އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން މިހެން ބުނީ އީމާން މަރުވެއްޖެ ކަމަށް ބުނެ މިއަދު ހެނދުނުން ފެށިގެން މީޑިއާތަކުގައި ރިޕޯޓް ކުރަމުން ދަނިކޮށެވެ. މީޑިއާތަކުން އެ ހަބަރު ގެނެސްދިނީ އާއިލާގެ ބައެއް މީހުންނާއި ސިޓީ ކައުންސިލްގެ އޮފިޝަލުންނާ ހަވާލާދީ އެވެ.
އަވަސް އިން ސުވާލު ކުރުމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ދެންމެ ވިދާޅުވީ އީމާން މަރުވި ކަމަށް އޭނާއަށް ފަރުވާ ދޭ ޑޮކްޓަރުން އަދި ނުނިންމާ ކަަމަށެވެ. އެހެން ކަމުން އީމާން އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ވިދާޅުވިއެވެ.
"މެޑިކަލީ ޑޮކްޓަރުން އަދި ޑެތް ޑިކްލިއާ ނުކުރޭ އިނގޭތޯ،" އައްފާލް ވިދާޅުވިއެވެ.
ހުޅުމާލެ ކުރެދިމާ ހިނގުމުގައި އިއްޔެ ހަވީރު 4:25 ހާއިރު އީމާން އެކްސިޑެންޓްވެފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް ސްޕީޑް ބްރޭކަރަކަށް އަރައިގެންނެވެ. އެކްސިޑެންޓަށްފަހު އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.
އޭގެ ފަހުން އިތުރު ފަރުވާއަށް ރޭ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ.
އީމާން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް އެވެ. އީމާން ހޮސްޕިޓަލަށް ގެންދެވުނީ ވެސް އެކްސިޑެންޓް ހިނގިތާ 20 ވަރަކަށް މިނެޓް ފަހުންނެވެ. އެކްސިޑެންޓްގައި އީމާންގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ބޮލިގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑީގެ ބައެއް ބޭރަށް ނިކުމެފައިވެ އެވެ.