އެކްސިޑެންޓް

އުންމީދު ކަނޑައިލައި އީމާން ވެންޓިލޭޓަރުން ނަގަނީ

ހުޅުމާލޭގައި އިއްޔެ ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދު ކަނޑައިލައި ވެންޓިލޭޓަރުން ނަގަން ނިންމައިފި އެވެ.

ހުޅުމާލެ ކުރެދިމާ ހިނގުމުގައި އިއްޔެ ހަވީރު 4:25 އެހާކަންހާއިރު އީމާން އެކްސިޑެންޓްވެފައި ވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް ސްޕީޑް ބްރޭކަރަކަށް އަރައިގެންނެވެ. އެކްސިޑެންޓަށްފަހު އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

އޭގެ ފަހުން އިތުރު ފަރުވާއަށް ރޭ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އީމާން އަދިވެސް ހެޔެެއް ނާރަ އެވެ. އޭނާގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދު ކަނޑައިލައި ވެންޓިލޭޓަރުން ނަގަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން އަވަސް އަށް ވަނީ ޔަގީންކޮށްދީފަ އެވެ.

ބައެއް ހަބަރުތަކުގައި އީމާން ނިޔާވެފައިވާ ކަމަށް ރިޕޯޓު ކުރި ނަމަވެސް އެކަން ސިޓީ ކައުންސިލުން ޔަގީން ކޮށެއް ނުދެ އެވެ.

އީމާން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް އެވެ. އީމާން ހޮސްޕިޓަލަށް ގެންދެވުނީ ވެސް އެކްސިޑެންޓް ހިނގިތާ 20 ވަރަކަށް މިނެޓް ލަހުންނެވެ. އެހެންކަމުން ފަރުވާ ދިނުމުގައި ވެސް ލަސްތަކެއް ހުއްޓެވެ.

އެކްސިޑެންޓްގައި އީމާންގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑީގެ ބައެއް ބޭރަށް ނިކުމެފައިވެ އެވެ.