ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ދިފާއަށް ކޮންމެހެން މުހިންމު ވަނީ ހިފަހައްޓާފައި: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއަށް ކޮންމެހެން ބޭނުންވާ ލިޔެކިޔުންތައް ކްރިމިނަލް ކޯޓުން ހިފަހައްޓާފައިވާ ކަަމަށް އެމަނިކުފާނުގެ ވަކީލުން ތުހުމަތުކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެ ދެ މައްސަލަ ހިނގަމުންދާއިރު މަނީ ލޯންޑްރިންގެ އެހެން މައްސަލައެއްގައި ރައީސް ޔާމީން މިހާރުވެސް ހުންނެވީ ފަސް އަހަރުގެ ޖަލުގެ ހުކުމެއްގަ އެވެ.

ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސް ވަކީލު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތުގައި ދެން އޮތީ އެންމެ މުހިންމު މަރުހަލާ ކަމަށާ އެމަނިކުފާނު ކުށުން ބަރީއަކުރަން ފުއްގިރި ކުއްޔަށް ދިނުމާއި ގުޅޭ ލިޔުންތައް ކޮންމެހެންވެސް ހުށަހަޅަން ޖެހޭ ކަމަށެވެ.

އެ ލިޔެކިޔުންތަކަކީ އޭސީސީން 2017 ވަނަ އަހަރު އެމްއެމްޕީއާރުސީއާ ގުޅޭގޮތުން ހިންގި ބޮޑު ތަހުގީގުގެ ރިޕޯޓްގައި ހިމެނޭ ލިޔެކިޔުންތަކެވެ. އެ ރިޕޯޓްގައި އެ މައްސަލައާ ރައީސް ޔާމީނާ ގުޅުމެއް އޮތް ކަމަށް އޭސީސީން ބުނެފައި ނުވާއިރު މިހާރު އެކަންތައްތައް ފެންމަތިކުރުމަކީ އެމަނިކުފާނަށް ކުރާ ދައުވާގައި އެއްވެސް އަސާސެއް ނެތް ކަމުގެ ދަލީލެއްކަަމަށް ވަކީލު ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރިން ހިންގި ޝަރީއަތުގައިވެސް ދިފާއަށް ކޮންމެހެން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކެއް ދޫނުކޮށް ހިފެހެއްޓި ކަމަށެވެ.

އަދި ފުއްގިރި ލިޔެކިޔުންތަކާ ނުލައިވެސް މިހާރު ހުށަހަޅާފައި ހުރި ލިޔެ ކިޔުންތަކާއެކު މައްސަލަ ކުރިއަށް ގެންދެވިދާނެ ކަަމަށް ކޯޓުން ބުނާ ކަމަށާ ފަހުން އެ ލިޔުންތައް ދޭން ޖެހޭ ހިސާބަށް ދިއުމަށް ލިޔުން ދޫކުރާނެ ކަމަށް ކޯޓުން ބުނަމުންދާ ކަމަށެވެ. ނަމަވެސް އެ ލިޔުންތައް ހޯދަން ޕީޖީ އޮފީހާއި އޭސީސީ އަދި ފުލުހަށްވެސް މިހާރު ވަނީ ހުށަހަޅާފައެވެ. އެކަމުގައި ކުރިއެރުމެއް ނެތް ކަމަށް ބުނެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލިޔެކިޔުންތައް ނުލިބުމުން ރައީސް ޔާމީންގެ ވަކީލުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްވެސް ކޮށްފައެވެ.
އަދި ޝަރީއަތް މިވަގުތަށް މަޑުޖައްސާލަން އެދުނު ނަމަވެސް އެ ފުރުސަތު ދީފައިނުވާ ކަންވެސް ޖަމީލް ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ރައީސް ޔާމީން މާލެ ގެނެސް ޝަރީއަތް ކުރިއަށް ގެންދިއުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޔާމީންއަކީ ހައިރިސްކު ކެޓަގަރީގެ ބޭފުޅެއް ކަމުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ. ނަމަވެސް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ވެއްޖެނަމަ ވަކީލުންނަށް އެކަށީގެންވާ ފުރުސަތު ނުލިބުމުގެ ގެއްލުން އޮތް ކަންވެސް ޖަމީލް ފާހަގަ ކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި މުޅި ދިރިއުޅުން ހުއްޓިފައި އޮތް ވަގުތެއްގައި އަވަސް އަރުވާލައިގެން ޝަރީއަތް ކުރިއަށް ގެންދަން މަސައްކަތް ކުރާއިރު އެއީ މިހާރު ހިންގޭ ޝަރީއަތް އިންސާފުވެރި ނުވާނެ ކަމުގެ ހެއްކެއް ކަމަށެވެެ.

މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެ މަގާމުގައި ހުންނަވައިގެން ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރިވެދާނެ ކަމާމެދުވެސް ޖަމީލް ސުވާލު އުފެއްދެވިއެވެ. ޖަމީލް، ވަނީ ޝަމީމަކީ ވަކި ބައެއްގެ ޝަރީއަތް ކުރިއަށް ނުގެންދަން މަަސައްކަތް ކޮށް ވަކި ބަޔަކު "ކަތިލަ"ން މަސައްކަތް ކުރާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެކަމަށް މިސާލު ނެންގެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ކުރިއަށް ދަނިކޮށް އޭނާ ފުރުވާލި މައްސަލައަށް އިޝާރާތް ކޮށެވެ.