ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އިން ދިފާއުވުމަށް ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުން ބާއްވާފައި ވަނީ ދެފަރާތުން ވެސް ހެކި ހާމަކުރުމަށެވެ. އެކަމަކު ޔާމީން އަދި ނައީމް ވެސް އެދިވަޑައިގަތީ މުހިންމު ލިޔެކިޔުންތަކެއް އަދިވެސް ނުލިބޭތީ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. އެހެންކަމުން ގާޒީ އަހުމަދު ޝަކީލް ވަނީ ލިޔުމުން ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.
ދައުލަތުން މިއަދު ހެކި ހާމަކުރި އެވެ. އެކަމަކު ޝަރީއަތުގެ މަޖިލީހުގައި ހެކިތައް ކިޔައިދީފައެއް ނުވެ އެވެ.
ޔާމީންގެ ފަރާތްޕުޅުން ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވެސް ވަނީ ޝަރީއަތް ލައިވްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ގާޒީ ވިދާޅުވެފައި ވަނީ އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތް ފެށިގެންދާއިރު އަޑުއެހުންތައް ލައިވްކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު ކަމަށް ގާޒީ ވިދާޅުވި އެވެ. އެ ދުވަހު ދިފާއީ ހެކި ހާމަކުރުމާއި، މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ބެލުމަށް ދެފަރާތުން ވާހަކަދެއްކުން އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ދައުލަތުގެ ދައުވާގައި ބުނެފައި ވަނީ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރިސޯޓެއް ހެދުމަށް އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. ދެ ބޭފުޅުން ވެސް ވަނީ ދައުވާތަކަށް އިންކާރުކުރައްވާފަ އެވެ.