ރައީސް އަބްދުﷲ ޔާމީން

ލިޔުންތައް ލިބުން ލަސްވެ އަޑުއެހުން މިމަހު 13 އަށް

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުންތައް ފަށައިފި އެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހައްގުތައް ކަށަވަރުކުރުމުގެ ބައެވެ. އެކަމަކު ބައެއް ލިޔެކިޔުންތައް މިއަދުގެ ވަގުތެއްގައި ލިބިވަޑައިގަތުމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކޯޓުގައި ވިދާޅުވީ ލިޔުންތައް ބަލައި ދިރާސާކުރަން އެކަށީގެންވާ ވަގުތު ލިބިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ހައްގުތައް ކަށަވަރުކުރުމަށާއި އަދި ދައުވާ ސާފުކޮށްދިނުމަށް މިމަހުގެ ތެރޭގައި އިތުރު ދެ އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ. އެއީ މިމަހުގެ 13 އަދި 27 ވަނަ ދުވަހުގެ ހެނދުނު 9:30 ގައެވެ.

އާރަށުގެ މައްސަލަ ކުރިއަށް ގެންދަނީ މި މައްސަލައިގައި ދެން ހިމެނޭ ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމާ ވެސް އެކީ އެވެ. މިއަދުގެ އަޑުއެހުމުގައި ޔޫސުފް ނައީމަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް އިސް ގާޒީ ދެއްވެވި އެވެ.

ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ވަނީ، ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ރިސޯޓެއް ހެދުމަށް ވ. އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. އެހެންވެ އާރަށުގެ މައްސަލާގައި ޔޫސުފް ނައީމުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ވެސް ރައީސް ޔާމީންގެ އިތުރު މައްސަލައެއް ކުރިއަށް އެބަދެ އެވެ. އެއީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ޝަރީއަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.