ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނުގެ މިއަދުގެ އަޑުއެހުންވެސް ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ކޮށްފައިވާ ދައުވާތަކުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

މިއަދު 9:30 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފައި ވަނީ އެމަނިކުފާނު އެދިވަޑައިގެން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާއިރު އިއްޔެ އެ މަނިކުފާނު ތަހުގީގަށް ފުލުހަށް ހާޒިރު ކުރުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ދިނުމާއި ހިފުމުގެ ދައުވާތަކުގައި ދިފާއަށް ކޮންމެހެން ބޭނުންވާ ލިޔެކިޔުންތައް ހިފަހައްޓާފައިވާ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ވަކީލުން ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތުގައި ދެން އޮތީ އެންމެ މުހިންމު މަރުހަލާ ކަމަށާއި އެމަނިކުފާނު ކުށުން ބަރީއަކުރަން ރ. ފުއްގިރި ކުއްޔަށް ދިނުމާއި ގުޅޭ ލިޔުންތައް ކޮންމެހެންވެސް ހުށަހަޅަން ޖެހޭ ކަމަށެވެ.

އެ ލިޔެކިޔުންތަކަކީ އޭސީސީން 2017 ވަނަ އަހަރު އެމްއެމްޕީއާރުސީއާ ގުޅޭގޮތުން ހިންގި ބޮޑު ތަހުގީގުގެ ރިޕޯޓްގައި ހިމެނޭ ލިޔެކިޔުންތަކެވެ. އެ ރިޕޯޓްގައި އެ މައްސަލައާ ރައީސް ޔާމީނާ ގުޅުމެއް އޮތް ކަމަށް އޭސީސީން ބުނެފައި ނުވާއިރު މިހާރު އެކަންތައްތައް ފެންމަތިކުރުމަކީ އެމަނިކުފާނަށް ކުރާ ދައުވާގައި އެއްވެސް އަސާސެއް ނެތް ކަމުގެ ދަލީލެއްކަަމަށް ވަކީލު ވަނީ ވިދާލުވެފަ އެވެ.