ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަތިމައްޗަށް ދައުވާތައް އުފުލަމުން ދަނީ ސަރުކާރުގެ ނާގާބިލަން ރައްޔިތުންނަށް ފަޅާ އަރާފާނެތީ ބިރުން، އިދިކޮޅުގެ އަޑު ކަނޑުވާލުމުގެ ބޭނުމުގައި ކަމަށް ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުންނެވެ. ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
ޖަމީލް ވިދާޅުވީ މި ދެ ދައުވާއަކީވެސް އަސާސެއް ނެތް ދެ ދައުވާ ކަމަށާ ދައުވާތަކަކީ އުފައްދާފައިވާ ދަައުވާތަކެއް ކަމަށެވެ. ދެ ދައުވާވެސް ބިނާ ކުރަނީ ރައީސް ޔާމީނަށް ރިޝްވަތު ދީފައިވުމަށް ކަމަށް ވީނަމަވެސް ރިޝްވަތު ދިން ކަމަށް ދައުލަތުން ތުހުމަތު ކުރާ ފަރާތުން އެކަމަށް ސާފު ބަހުން އިންކާރު ކުރާ ކަމަށެވެ. އަދި މި ހާލަތުގައި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ގެންނަނީ "ޒަމާންވީ ދެ މުޖުރިމުން" ކަމަަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލު އެ އިޝާރާތް ކުރައްވަނީ ކޮރަޕްޝަންގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ބޮޑު ހިޔާނާތް ހިންގި ދުވަސްވަރު އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ހުންނެވި އަބްދުﷲ ޒިޔަތަށެވެ. ހިޔާނާތުގެ ދައުވާތަކާއި ގުޅިގެން އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އަދި ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ޖަމީލު މިއަދުވެސް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ހެއްކަށް ހުށައަޅާ މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ ދެ ހެކިވެރިން ނޫން ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.
"އެ ދެ މީހުންގެ ހެއްކަކީ ބަލައިގަނެވޭނެ ހެއްކެއް ނޫން،" އަދީބު އާއި ޒިޔަތަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ދުވަސްވަރު ހިނގާދިޔަ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ގިނަ ބައެއްގެ ބައިވެރިވުން އެބައޮތެވެ. އެކަން މިހާތަނަށް ކުރި ތަހުގީގުތަކުން ވަނީ ހާމަވެފައެވެ. އަދި އަހުމަދު އަދީބުގެ މައްޗަށް ހިންގުނު ޝަރީއަތުގައި އަދީބުވެސް ވަނީ އެހެން ވިދާޅުވެފައެވެ. އަދީބު ވިދާޅުވީ ހިޔާނާތުގެ ފައިސާ ހުރިހާ ޕާޓީތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ އޭރުގެ ވެރިން އަދި ގިނަ ފަނޑިޔާރުންނަށް ލިބިލައްވާފައިވާނެ ކަމަށެވެ.
ބޮޑު ހިޔާނާތުގެ މަންފާ ލިބުނު އަދަދުތައް
- ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން
- ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
- މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
- ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން
- މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން
- ފަސް ފަނޑިޔާރުން (ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)
- ފުލުހުންނާއި ސިފައިންގެ ހަތް އޮފިސަރުން
މިއަދުގެ އަޑުއެހުމުގައި ޖަމީލު ވަނީ ހިޔާނާތުގެ ފައިސާ ލިބުނު އެހެން މީހުންނަށް ދައުވާ ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. އެކަން ނުކުރަނީ ޕްރޮސެކިއުޓަރު ޖެނެރަލްއަށް ހުރުން ދިން މަޖިލީހުގެ މެންބަރުންނަށް ތުހުމަތު ކުރެވޭތީތޯ ނޫނީ ޕީޖީ ގެންގުޅުއްވާ "ފުޅާ މަސްލަހަތު"ގެ ދަށުންތޯ ޖަމީލު ސުވާލު ކުރެއްވިއެވެ.
އަދި ވިދާޅުވީ މުޅި މައްސަލައަށް ބަލާއިރު ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭވަރުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށައަޅާފައި ނެތް ކަމަށެވެ.
"މުޅި މައްސަލައިން މި ތަމްސީލު ވަނީ މޭޒުމަތީ އޮންނަ ބަރުވެސް ހެކިދެއޭ ބުނެ ޝަރީއަތް ހިންގި ޒަމާނުގައި ކަންކުރާ އުސޫލަށް،" ކުރިން ޖަސްޓިސް މިނިސްޓަރުކަމާއި އިސް ގާޒީކަންވެސް ކުރެއްވި ޖަމީލް ވިދާޅުވިއެވެ.
ދައުވާގެ އަސާސެއް ނެތް ކަމަށް ތަކުރާރު ކުރައްވާ ޖަމީލް ވިދާޅުވީ ދައުވާތަކުގެ ބޭނުމަކީ އިދިކޮޅުގެ އަޑު ކަނޑުވާލުން ކަމަށެވެ. އެކަން ކުރަނީ ސަރުކާރު ނާގާބިލަން ރައްޔިތުންނަށް ފަޅާ އަރާފާނެތީ ބިރުން ކަމަށްވެސް ވިދާޅުވިއެވެ.