ފެނާއި ނަރުދަމާގެ ނިޒާމް

14 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ބީލަމަށް

Feb 16, 2021

ސާދަ ރަށެއްގައި ފެނާއި ނަރުދަމާ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން 14 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ބީލަމަށް ހުޅުވާލިއިރު މިދިޔަ ހަފުތާގައި 25 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ބީލަން އިއުލާނުކޮށް ވަނީ ކެންސަލް ވެސް ކޮށްފަ އެވެ. އަލަށް އިއުލާނު ކުރި 14 ރަށުގެ ތެރޭގައި ކުރިން ބީލަން ކެންސަލް ކުރި ބައެއް ރަށްތައް ވެސް ހިމެނެ އެވެ.

އަލަށް ބީލަމަށް ހުޅުވާލި ރަށްތައް

 • ވ. ކެޔޮދޫ
 • ވ. ރަކީދޫ
 • ގއ.ދެއްވަދޫ
 • ގއ.ނިލަންދޫ
 • ގދ. ނަޑެއްލާ
 • ކ. ހިންމަފުށީ
 • އދ. ދިއްދޫ
 • އދ. އޮމަދޫ
 • ލ. ހިތަދޫ
 • ލ. ކުނަހަންދޫ
 • މ. ނާލާފުށީ
 • މ. ރަތްމަންދޫ
 • ތ. ދިޔަމިގިލީ
 • ތ. މަޑިފުށީ

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުން ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުން ކަމަށެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ އެވެ.

މި ބީލަންތަކުގައި ބައިވެރިވެ ވޭނީ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގައި ހިމަނައިގެން ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއު ތަކެއް ހިންގަ އެވެ. މި އަހަރު ޕީއެސްއައިޕީ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 8.3 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަ ކުރަން 1.2 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.