ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ ޓީމުން ވަކިކުރަން ގޮވާލާފައި ނުވާނެ ކަމަށާ ލީގަލް ޓީމަށް ޕީޕީއެމް/ޕީއެންސީގެ އިތުބާރު އެބައޮތް ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނާއިިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ ޖަމީލް، ރައީސް ޔާމީންގެ ލީގަލް ޓީމުން ވަކިކުރަން ގޮވާލާފައިވާ ކަަމަށް ބުނެ ބައެއް ނޫސްތަކުން ފެތުރި ހަަބަރު ދޮގުކޮށެވެ. ބައެއް ރިޕޯޓްތައް ބުނަނީ ޝުޖާއު އެކަމަށް ގޮވާލާފައިވަނީ ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ތިއްބަވާ ވައިބަރު ގުރޫޕްގައި ކަމަށެވެ. ޝުޖާއު އެކަމަށް ގޮވާލާފައި ވަނީ ރައީސް ޔާމީންގެ ނާއިބެއްގެ ގޮތުގައި ހުންނަވަނިކޮށް ޖަމީލް މަގާމުން ދުރުކުރި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓްގައި ހިންގަމުންދާ މައްސަލައަށް އިޝާރާތް ކޮށް ކަމަށެވެ.
އެ ވާހަކަތައް ދޮގުކޮށް ޝުޖާއު ވިދާޅުވީ ޕީޕީއެެމްގެ ސަފުތަކުގެ ބަދަހިކަން ފެނި ޖެހިލުންވެ ރޫޅާލަން ކުރާ މަސައްކަތްތަކަށް ޖާގަ ނުދޭނެ ކަމަށެވެ. އަަދި ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ ޓީމުން ވަކިކުރަން ގޮވާލާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.
"ރައީސް ޔާމީންގެ ލީގަލް ޓީމަށް ލީޑާޝިޕްގެ އިތުބާރު އެބައޮތް. 2023 ގައި ރައީސް ޔާމީން ވެރިކަމަށް ގެންނާނަން،" ޝުޖާއު ވިދާޅުވިއެވެ.
ނާއިބް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅީ ޖަމީލެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ހުށައެޅުއްވި އެ މައްސަލާގައި ވަނީ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެވެސް ބޭއްވިއެވެ. މީގެ ކުރިން އޮތް އަޑުއެހުމެއްގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގައި ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ޖަމީލް، މަގާމުން ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓަށް ދެވޭނެ ހައްލެއް ނެތް ކަމަށާ އަލުން މިފަދަ މައްސަލައެއް ތަކުރާރުވުމުގެ ފުރުސަތު ނުދިނުމަށް މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުން މުހިންމު ކަމަށެވެ.
ދައުލަތުގެ ވަކީލާ މިހެން ވިދާޅުވުމުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ މި މަސއްސަލައަށް އޮތް ހައްލަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވަކީލާ ވަނީ ދާދި ފަހުން ސުޕްރީމް ކޯޓުގައި ނިމިގެންދިޔަ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲގެ ގޮޑީގެ މައްސަލާގައި ފަނޑިޔާރުން ދެއްކެވި ބައެއް ވާހަކަތަކުން ޖަވާބު ދެއްވާފައެވެ. ވަކީލާ ވިދާޅުވި ކޮންމެ ކަމެއްގައި ދުސްތޫރީ ހައްލެއް ނޯންނާނެ ކަމަށް އެ މައްސަލާގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް ހައްލެއް ހޯދާ ދެވެން ނެތް މިފަދަ މައްސަލައެއްގައި ވަކި ގޮތަކަށް ކޯޓަށް ގޮތްތަކެއް ބުނެދެވިދާނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށްވެސް ވަކީލާ ވިދާޅުވިއެވެ.
ޖަމީލްގެ ވަކީލް، ކުރީގެ ޕީޖީ އަހްމަދު މުއިއްޒު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ޖަމީލިގެ އަސާސީ ހައްގެއް ގެއްލިފައިވާތީ ކަމަށެވެ. އަސާސީ ހައްގެއް ގެއްލިއްޖެ ކަމަަށް ގަބޫލު ކުރެވޭނަމަ އިންސާފުވެރި ހައްލެއް ހޯދުމަށް ކޯޓަށް ދެވިދާނެ ކަމަށް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އެހެން ވިދާޅުވީ ފަނޑިޔާރު އަޒްމިރަލްދާ ވަނީ އެ މައްސަލާގައި ޖަމީލްގެ ގެއްލުނު އަސާސީ ހައްގަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ ވަކީލުން ބޭނުން ކުރުމުގެ ހައްގު ނުދީ ވަކިކުރުމަކީ ގެއްލުނު ވަރަށް ބޮޑު ހައްގެއް ކަމަށެވެ. އަދި ވަކީލެއް މެދުވެރިކޮށް ދިފާއުވުމަށްވެސް ފުރުސަތު ދީފައިނުވާ ކަމަށާ އެއީ ވަރަށް މުގައްދަސް ހައްގެއް ކަން ގާނޫނު އަސާސީން ސާފު ކަމަށެވެ. މި ހާލަތުގައި ކޯޓަށް ދިއުމަކީ ހައްގު ގެއްލުނު ފަރާތަށް އޮތް ހައްގެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"އަސާސީ ހައްގުތަކެއް ވަނީ ނިގުޅައިގެންފައި އަޅުގަނޑުގެ މުވައްކިލު މަގާމުން ވަކިކުރުުމުގައި،"