ހަބަރު

ކްލީކާއި އަލްފާ ބިޒްނަސް ސްކޫލުން އޭސީސީއޭގެ ޕްރޮފެޝަނަލް ލެވަލް ކޯސް ތަކެއް

އޭސީސީއޭ އިން ތައުލީމު ހާސިލް ކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ކްލިކް ކޮލެޖުގެ ފަރާތުން ސްރީލަންކާގެ އަލްފާ ބިޒްނަސް ސުކޫލުން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަލްފާ ބިޒްނަސް ސުކޫލުގެ ލެކްޗަރަރުންގެ އެހީގައި ރާއްޖޭގެ ދަރިވަރުންނަށް ކްލިކް ކޮލެޖުން ކިޔުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދެ ކޮލެޖުގެ ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ކްލީކް ކޮލެޖު ގެ ފަރާތުން ޑރ. ނައުޝާދް މުހައްމަދު ސޮއި ކުރެއްވިއިރު އަލްފާ ބިޒްނަސް ސުކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖްގެ ސީއީއޯ ޝެހެން ފާނެންޑޯ އެވެ.

އެކައުންޓް ދާއިރާ އިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މި ކޯސްތަކުގައި އާންމުކޮށް ކްލާސްތައް އޮންނަ އުސޫލުން ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ކްލާސް ގަޑީގައި އޮންލައިންކޮށް އަލްފާ ކޮލެޖްގެ ލެކްޗަރަރުން ކިޔައިވައިދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކްލިކް ކޮލެޖުން ބުނީ، މި ވަގުތުގެ ހާލަތު އޮތް ގޮތުން ކްލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް ހާލަތު ރަނގަޅުވުމުން ކުދިން ކްލާހަށް ހާޒިރުކޮށްގެން ކިޔަވައިދޭނެ ކަމަށެވެ.

ކިޔަވައިދޭން ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ޕާފޯމެންސް މެނޭޖްމެންޓްގެ އޭސީސީއޭ އެޕްލައިޑް ސްކިލްސް ލެވެލް އެފް5، ސްޓްރެޓެޖިކް ބިޒްނަސް ލީޑަރ ފޯ ޕްރޮފެޝަނަލް ލެވެލް، އޮޑިޓް އެންޑް އެޝޫރެންސްގެ އޭސީސީއޭ އެޕްލައިޑް ސްކިލް ލެވެލް އެފް8 ހިމެނެ އެވެ.

މި ކޯސްތަކަށް އެޕްލައި ކުރުން އަންނަ މާރޗް މަހުގެ އަށްވަނަ ދުވަހަށް ވަނީ ހުޅުވައިލާފަ އެވެ. ކްލާސްތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަމަހު 14 ވަނަ ދުވަހު އެވެ.

ކްލިކް ކޮލެޖްގެ އޭސީސީއޭ ކޯސް ކޯޑިނޭޓަރު ޝާހިދު ހުސެއިން ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދޭނީ އަލްފާ ކޮލެޖްގެ އެންމެ ކޮލިފައިޑް އަދި ތަޖުރިބާހުރި ލެކްޗަރަރުން ކަމަށެވެ. މި ލެކްޗަރަރުންގެ ތެރޭގައި އޭސީސީއޭ އިން ދުނިޔޭގެ ފެންވަރުން ވަނަ ހޯދާފައިވާ މީހުން ހިމެނޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އޭސީސީއޭގެ މަތީ ލެވެލްގެ ޕޭޕަރަށް ކިޔަވާ ކުދިންނަށް ހުޅުވައިލި މި ފުރުސަތަކީ ފުލްޓައިމް ކޯސްތަކެވެ. ކިޔަވައިދޭން ހަމަޖެހިފައިވާ ހުރިހާ ލެކްޗަރަރުންވެސް ހުރިހާ ވަގުތެއްގައި ކުދިންނަށް އެޓެންޑް ވާނެ ކަމަށް ކްލިކް ކޮލެޖުން ވަނީ ބުނެފަ އެވެ.