ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

އެޗްޕީއޭއިން އަޅަނީ ފިޔަވަޅު، މީހުން އަޅައެއް ނުލާ!

ކޮވިޑް-19 އިގެ ތިންވަނަ ރާޅަކީ އެންމެ ބޮޑުވަރު ވާނެ ރާޅު ކަމުގައި ސިއްހީ ތަޖުރިބާކާރުން ބުނަމުން މި ދަނީ ކެނޑިނޭޅި އެވެ. ރަށުތެރޭގައި ބޯކޮށް ކޮވިޑް އޮތް ކަމާއި ވައިރަހުގެ އާ ވޭރިއެންޓާއި އެކި ބަލިފެތުރޭލެއް އަވަސް ވާހަކައެކެވެ. އެއްވެ އުޅުމާއި މުޒާހަރާތައް ކުރުމާއި ޕާޓީ ބޭއްވުމާއި، ސްކޫލްތަކާއި، ކުޅިވަރު ކުޅުމާއި އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައި ފިޔަވަޅުތައް ވަރުގަަދަ ކުރިއެވެ. އެކަމަކު މާލޭގެ މަގުމަތިން ފެންނަނީ ތަފާތު މަންޒަރެކެވެ. އެއްވެސް އަމުރުތަކަށް ބޯލަނބާ ތަނެއް ނުފެނެ އެވެ.

މާލޭގެ އެންމެ ހުޅަނގުން ފެންނަނީ ގުރޫޕް ހަދާފައި މީހުން މޫދަށް އެރި ކަސްރަތު ކުރާ މަންޒަރެވެ. ހުއްޓުމެއް ނެތެވެ. ފަތިސް ވަގުތުގައި ގުރޫޕް ކްލާސްތަކެއްގެ ގޮތުގައި ދޮށީ އުމުރު ފުރައިގެ އަންހެނުން މޫދު ކަސްރަތު ކުރާ ތަން ފެނެެއެވެ. މާސްކެއް ވެސް ގައިދުރު ކަމެއް ވެސް ނޯވެ އެވެ. ތެމިގެން ކްލާސް ނިންމާލާ އެއް ދާންޏަކުންހެން އައުޓްޑޯ ޝަވަރުން ބޮލަށް ފެން އަޅައިގެން ގެއަށެވެ. ގައިދުރުކަމެއް ނެތެވެ. އެއީ އާންމު ހައި ރިސްކް ކެޓަގަރީއެވެ. އެ މީހުންގެ ހަޔާތުގައި އާދައަކަށް ވެފައި އޮތް ކަސްރަތު ދޫކޮށްލެވެން އެ މީހުނަށް ނެތީއެވެ.

މާލޭގެ އިރުމަތީ ފަރާތުގައި ކެފޭތަކުން ޓޭކް އަވޭ ހަދައިގެން މާސްކް ނާޅާ މަގުމަތީން ބައި ހަދާފައި ކޮފީ ބޯ މީހުންނެވެ. ރައްޓެހިންނާއި އަނގަ ތަޅާ ނުލައި އެ މީހުންނަށް ފަރުޖެއްސެން ނެތީ އެވެ. އެގޮތަށް ހީ ސަމާސާ ކުރުން ކޮންމެހެން ވެސް މުހިއްމު ވަނީ އެވެ. ދެން ފަތާ ޓްރެކްގައި ކުޑަކުދިން ހިމޭނޭ ގޮތަށް ސްކޫލް ބަންދުވިޔަސް އަދިވެސް ފަތަން ދަސްކޮށްދޭ ކްލާސްތައް ބަރާބަރަށް ކުރިއަށްދެ އެވެ. އިހަށް ދުވަހު ހުޅުވި އެކުވެނި ޓްރެކްގެ މަންޒަރަކީ ވެސް މިިއީ އެވެ. ރޭގަނޑު ގަޑީގައި ކަސްރަތު ކުރާ ބޫޓްކޭމްޕްތަކުގެ މީހުންނާއި ހަވީރު އެކި ކަހަލަ ސްޕޯޓްސް ކްލާސްތައް ބަރާބަރަށް ކުރިއަށް އެބަ ދެއެވެ. ހުނަރުވެރި އެތްލީޓުންވެސް އެމީހުންގެ ގުރޫޕްތަކާއެކު ޕްރެކްޓިހުގަ އެވެ.

ވަޅަށްލާ ކުޑަ ކައްޓަފުޅި ފެނަށް ދިރޭ އުސޫލުން ދިވެހިން ކޮވިޑް-19 އަށް މާ ބޮޑަށް ދިރއްޖެހެން ހީވެ އެވެ. އެއްބަޔަކަށް ވެކްސިންގެ އެއް ޑޯޒް ޖެހުމުން ވައިރަސް "މަރުވެ" ނިމިއްޖެ އެވެ. އަނެއް ބަޔަކަށް ބޯޑަރާއި ސްކޫލް ބަންދު ނުކުރާތީ ހުރިހާ ފިޔަވަޅު ތަކަކީ ވެސް ސިޔާސީ އެއްޗެއްކެވެ. އެހެން ބުނެވޭން ވެސް އެބަ އޮތެވެ. ނަމްބަރުތައް 100 މަތީގައި އުޅޭއިރުވެސް އެކަކުވެސް މިހާރު ހާސްކަމެއް ނެތީއެވެ. މާ ދުވަސްވެ އެއްގޯސްވީމާ ބިރުފަހަނަޅައި ދިޔައީ އެވެ. އެންމެނެ ްހޭނުނީއެވެ. ވައިރަހާއި އެއްކޮށް އުޅެން މާ ބޮޑަށްވެސް ދަސްވެސް ކުރީ އެވެ. ރޭގަނޑު އިރާކޮޅު ފަށާ ކާފިއުގައި ދުއްވުންތައް މަދުވެފައި ވަނީ ޖޫރިމަނާއަށް ގަންނާކުރައްވާ ބިރުންނެވެ.

ދިވެހިންނަކީ އަބަދުވެސް ވަރަށް ފާޑެއްގެ ބަޔެކެވެ. ބައެއް މީހުން "ބޯހަރު" ކަމުން މާސްކް އޮންނަނީ ދަތްދޮޅީގަ އެވެ. މާސްކް ރަނގަޅަކަށް ނާޅަ އެވެ. ގައިދުރު ކަމެއް ބޭއްވޭ ކަމަކަށް ނުހަދަ އެވެ. އެއްމެންނާއި ވެސް މާ ރައްޓެހީ އެވެ. ގޭގައި ތިބޭވޭން ނެތީ އެވެ. ހާސްބޮޑުވަނީ އެވެ. ފުލް ލޮކްޑައުން އެއް ގޮތަކަށް ކަމަކު ނުދެއެވެ. ސެމީ ލޮކްޑައުން ވެސް ގޯހެވެ. އަދި "ލޮކްޑައުން އެންޒައިޓީ" ދެން ތަޖުރިބާ ކުރާނެ ހިއްވަރެެއް ގައިގައި ނުހުރެ އެވެ.

ފުރަތަމަ ދުވަހުން ފެށިގެން މަގަތު ސަފަށް ނުކުންނަވައި ވައިރަހާއި ކުރިމަތިލެއްވި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ މާހިރުން މިހާރު ވަރަށް ވަރުބަލި ވެއްޖެ އެވެ. ބައެއް ޑޮކްޓަރުންނަށް ވެސް ބަލި ޖެހިއްޖެ އެވެ. ރެޕިޑް ރެސްޕޮންސް ޓީމާއި ވޮލަންޓިއަރުން ވެސް އެމީހުންގެ ޒިންމާތަކުގައި އަހަރެއްހާ ދުވަސް ވީއެވެ. އެކަމު ބައެއް މީހުނަށް ކޮވިޑަކީ މާ ބޮޑު ކަމެއް ކަމަކަށް ނުދެކެއެވެ. އަދި ރައްކާތެރިކޮށް މާސްކް އެޅުމާއި ގައިދުރުކަން ބަހައްޓާ މީހުން ޖޯކަކަށް ހަދާ ޕްރެޝަރު ކުރަނީ "މާ ސީރީއަސް" ކަމަށެވެ.

މިއީ ސީރިއަސް ބައްޔެއް ނޫންތޯ އެވެ؟ ވަރަށް ސީރިއަސްވެގެން ނޫނީ މިކަމުން އަރައެއް ނުގަނވޭނެ ނޫންތޯ އެވެ؟

ކޮވިޑްގެ ލޮކްޑައުން ހާލަތުން އަރައިގަނެވި ކިރިޔާ "ނިއުނޯމަލް" އަކަށް ދެވޭހެން ހީވާ ހިސާބުން ފެނިގެން ދިޔައީ ވައިރަހަކީ މާ ބޮޑު އެއްޗެއް ނޫން ކަމުގައި ދެކޭ ތަނެވެ. އެޗްޕީއޭގެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ކުޑައިމީސްކޮށް ވާހަކަ ދައްކަމުން ދެ އެވެ.

މާހިރުން ގެންދެވީ އަބަދުވެސް އިންޒާރު ދެއްވަމުންނެވެ. ކޮވިޑް-19 ރާއްޖެއަށް ލެއްގީއްސުރެ ދައްކަމުން ގެންދެވީ އެއްވާހަކައެކެވެ. ރާއްޖޭގެ އެހެން އަތޮޅުތަކަށް ވައިރަސް ފެތުރިޔަ ނުދިނުމަށް ވީހާވެސް ބޮޑަށް މަސައްކަތް ކުރާށެވެ. މިހާރު އައްޑޫ އަދި ފުވައްމުލަކުން ކޭސްތައް ފެނި އެ އާބާދީތައް އުޅެނީ ބިރެއްގެއެވެ. އަހަރެއްހާ ދުވަސްވަންދެން މޭގައި އަތްޖަހާލައިގެން "ކޮވިޑްފްރީ" ކިޔަމުން އައި ދެކުނާއި ރާއްޖެގޭ އެހެން އަތޮޅުތަކަށް ވައިރަސް ފެތުރި މުޅި ރާއްޖޭގައި ރައްކާތެރިކަން ފިޔަވަޅު އަޅައި މިހާރު މޮނިޓަރިންގަ އެވެ.

ކެފޭ ހޮޓާ، ކަސްރަތު ކްލާސްތައް މިހެން ގޮސް މި ހުރިހާ އެއްޗެއް މިއޮތީ ފައިސާ އާއި ގުޅިފައެވެ. ސިއްހީ ކާރިސާ އާއި އެއްވަރަށް އިގްތިސޯދީ ކާރިސާ އެކެވެ. ކުދި ވިޔަފާރިތައް ސަލާމަތް ވާން އޮތީ މިތަން ތަނުން ދޭ ހިދުމަތްތައް ދެވިގެންނެވެ. އެހެން ނޫނީ މި ފަދަ ވިޔަފާރި ކުރާ މީހުންގެ އަތްމަތި ދަތިވެ އެވެ. މުސާރަތަކެއް ނުދެވެއެވެ. ވިޔަފާރި ލޯނު އަދައެއް ނުކުރެވެ އެވެ. ކުލި ނުދެއްކި ހާލުގައި ޖެހެ އެވެ. މި ހުރިހާ ކަމެއް އޮތުމުން މި ފަދަ ހިދުމަތްދޭ ތަންތަން ރައްކާތެރިވާންވީ އެވެ. ގައިޑްލައިންތަކަށް ތަބާވާންވީ އެވެ. ބަލި ކޮންޓްރޯލްވެ އިންފެންކްޝަން ރޭޓް ދަށްވެއްޖެ ނަމަ ހާލަތު ބަދަލުވެ ވިޔަފާރު ބަދަލުވާނެ އެވެ.

ފިހާރަތަކާއި އޭޓީއެމް ފަދަ ތަންތާ ޑިސްއިންފެކްތް ކުރުމަށާއި ގައިދުރު ކުރުމަށް ސަމާލުވާންވާން ޖެހެ އެވެ. އެޗްޕީއޭގެ ގައިޑްލައިންތަކުގައި ބުނާ ވަރަށްވުރެ ގިނަ މީހުނަށް ނުވަދެވޭ ގޮތަށް ހަދަން ޖެހެ އެވެ.

ކޮވިޑް ހުއްޓުމަށް ފަރުދީ ޒިންމާ ވަރަށް ބޮޑެވެ. ފަރުދީ ޒިންމާ އޮތީ މާސްކް އަޅާ ގައިދުރުކުރުމުގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގަ އެވެ. ރައްޓެހި ތިމާގެ ގޭ މީހެއް ޕޮޒިޓިވް ވެއްޖެ ނަމަ އަދި ތިމާ ޑައިރެކްޓް ކޮންޓެކްޓަށްވެއްޖެ ނަމަ ކަރަންޓީނު ވާންވީ އެވެ. އަމިއްލައަށް ޒިންމާ ނަގަންވީއެވެ. ޓެސްްޓް ހަދަން އޮންނަން އުސޫލުން އެ ކަން ކަން ކުރިއަށް ގެންދަންވީއެވެ.

މި ދުވަސްކޮޅަކީ ބަލި ނުހަނު ހަލުއި ކަމާއެކު ފެތުރޭ ދުވަސްވަރެކެވެ. އެހެން ކަމުން ހުންއައިސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ފުލޫ ކްލިނިކަށްގޮސް ޓެސްޓްތައް ހަދަންޖެހެ އެވެ. އަދި ނަތީޖާ ލިބެންދެން އެކަހެރިވާންވާން ޖެހެ އެވެ. އެއް އަހަަރު ދުވަސް ވީ އިރުވެސް ކެނޑި ނޭޅި މީޑިއާ ތަކުގައި މިގޮތަށް އަމަލު ކުރުމަށް އެދޭއިރުވެސް ބައެއް މީހުން ގޭގައި ޕެނެޑޯލް އިން ހަމަޖައްސާލަނީ އެވެ. އެންމެން މަސައްކަތް ކުރަންވީ އަރައިގަންނާށެވެ. ގަދަބަސް ބުނުމާއި ބޯ ހަރުކަން ދޫކޮށްލާށެވެ. ދަރިން ސްކޫލަށް ދެވެން އޮތީ މި ވައިރަހުން ރައްކާތެރިވެގެންނެވެ.