ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން ސަރުކާރުން ގަތުމަށް ލިބެންހުރި 36 ފްލެޓް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަކުރި ކެޓަގަރީ އާއި މާލޭ ރަށްވެހިންނަށް ހާއްސަކުރި ގެޓަގަރީގެ މީހުންނަށް ދިނުމަށް ނިންމައިފި އެވެ.
ހިޔާ މަޝްރޫއަށް އިއުލާން ކުރިއިރު އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެއް ކޮޓަރީގެ ތިން ކެޓަގަރީއަކުން ފްލެޓް ދޭން ނިންމި އެވެ. ނަމަވެސް ނަމަވެސް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ބުނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު ހުޅުމާލެ ފޭސް ދޭއް ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައި ކަމަށާ އެ މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓް ކަމަށެވެ.
"..އެހެންކަމުން މިހާރު ސަރުކާރަށް ގަތުމަށް ލިބެންހުރި 36 ފްލެޓް ހިޔާ މަޝްރޫއުގެ H14 [ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ] ކެޓަގަރީއަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓް ކުރުމަށްފަހު ބާކީވާ ފްލެޓްތައް ހިޔާ މަޝްރޫއުގެ H12 [މާލޭ ރަށްވެހިންނަށް ހާއްސަ] ކެޓަގަރީއަށް އެލޮކޭޓްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފަ،"
ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އުވާލާފައިވާ ތިން ކެޓަގަރީއަކީ H11 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ) އާއި H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ) އާއި H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ] ކެޓަގަރީއެވެ.
2018 ވަނަ އަހަރު ހިޔާ މަޝްރޫއަށް އިއުލާން ކުރިއިރު އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެއް ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް ދޭއް ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުގައެވެ.