އޮފްބީޓް

ލޯބީގެ އަޖުމަބަލަން ޗޭނުގަނޑަކުން ބަނދެވިގެން

ލޯބިވެގެން އުޅޭ ދެ މީހުންގެ ގުޅުމުގައި ހުރި ވަރުގަދަ ކަމެއް ވަޒަން ކުރަން ބޭނުމިއްޔާ ކުރާނީ ކޮންކަމެއް ހެއްޔެވެ؟ އެކަކާ ބެހޭގޮތުން އަނެކަކަށް މައުލޫމާތު އެނގޭ ވަރެއް ދެނެގަންނަން ކުއިޒެއް ބާއްވާނީ ހެއްޔެވެ؟ ނުވަތަ އެކަކު އަނެކަކާ ވާހަކަ ނުދައްކާ ހުރެވެނީ ކިހާ އިރެއް ވަންދެންތޯ ބަލާނީ ހެއްޔެވެ؟ ލޯބީގެ ގުޅުމުގައި ހުރި ބާރު ވަޒަންކުރަން ޔުކްރޭނުގެ ޒުވާން ޖޯޑެއް މިކަހަލަ ކަމެއް ނޫނެވެ. ދެ މީހުންގެ ދެ އަތް ޗޭނުގަނޑަކުން ގުޅުވާލީ އެވެ.

ލޯބިވެރިންގެ ދުވަހު އެ ދެ މީހުން ޗޭނުގަނޑުން ބަނދެވިފައިވާއިރު ކުރިޔަށް އޮތް ތިން މަސް ދުވަހު އެމީހުން އުޅެން ނިންމާފައި ވަނީ މިގޮތަށެވެ.

ޔޫކްރޭއިންގެ އެލެކްސެންޑްރާ އާއި ވިކްޓޯރިއާ ތިން މަސް ވަންދެން ދުވާލެއްގެ 24 ގަޑިއިރު އުޅެނީ އެއްކޮށެވެ. ހަމަ ގައިމުވެސް ދެ މީހުންނަށް އެކުގައި މުޅި އުމުރަށް އުޅެވިދާނެތޯ ޓެސްޓްކޮށްލަން މިއީ ހަމަ ވަރަށް ރަނގަޅު ގޮތަކަށް ވާނެ އެވެ.

މި އެކްސްޕެރިމެންޓް ސުޕަވައިޒް ކޮށްދެނީ ޔުކްރެއިނުގެ ނެޝަނަލް ރެޖިސްޓާ އޮފް ރެކޯޑްސް ވިޓަލީ ޒޮރިން އެވެ. އޭނާ ބުނި ގޮތުގައި މި ދެ ލޯބިވެރިންގެ އަތުގައި ޗޭނު ޖަހާފައިވަނީ ދެ މީހުންގެ ދެ އަތްތިލަ ދޭތެރޭ މަދު ސެންޓިމީޓަރެއްގެ ދުރުމިން ހުންނަ ވަރަށެވެ.

މި ޗެލެންޖް ފެށުމުގެ ކުރިން ޒޮރިން ވަނީ މި ޒުވާން ޖޯޑުގެ ނަފްސާނީ ދުޅަހެޔޮކަން ދެނެގަނެފަ އެވެ. ލޯބިވެރިންގެ ދުވަހު މި ދެ މީހުންގެ އަތުގައި ޗޭނު ޖެހީ ޔުނިޓީ ސްކަލްޕްޗާ ކިޔާ ސަރަހައްދެއްގެ ބޭރުގަ އެވެ.

އެލެކްސެންޑްރާ ބުނި ގޮތުގައި އެމީހުން އެ އުޅެނީ ރެކޯޑެއް ހަދާށެވެ. އެ ދެ މީހުންގެ އަތް ގުޅުވާފައިވާ ޗޭނުގަނޑު ވަނީ ވެލްޑިންކޮށްފައި ކަމަށާއި އެ ނެއްޓޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ. އަދި އެންމެ ފަހުން އިން ބޮޅު ނެޝަނަލް ރެޖިސްޓާ އޮފް ރެކޯޑްސް އިން ސީލުކޮށްފައިވާ ކަމަށެވެ.

ޗޭނު ޖެހުމަށްފަހު މި ދެ މީހުންނަށް ފުރަތަމަ ކުރިމަތިވި އިމްތިހާނަކީ ވެރިކަން ކުރާ ރަށުން އެ މީހުންގެ އަމިއްލަ ރަށަށް ދާން ކުރި 325 މޭލުގެ ދިގު ދަތުރެވެ. މި ދަތުރުގައި އެ މީހުން ފާޚާނާއަށް ދާން މަޑުކުރާ ފަހަރުތަކުގައި ވަންނާތީ އަންހެނުންގެ ފާޚާނާއަށްތޯ ނުވަތަ ފިރިހެނުންގެ ފާޚާނާއަށްތޯ އެމީހުން ޚިޔާރުކުރަން ޖެހުނެވެ. އެންމެ ފަހުން އެމީހުން ނިންމީ އަންހެނުންގެ ފާޚާނާއަށް ވަންނާށެވެ. ފިރިހެނަކު އަންހެނުން ވަންނަ ފާޚާނާއަށް ވަނުމުން ސާފުކުރަން ހުރި އަންހެންމީހާއަށް ޝޮކެއް ލިބި އެމީހުންނާ ދިމާލަށް ފާޑަކަށް ބަލަން ހުރި ކަމަށް އެލެކްސެންޑްރާ ބުންޏެވެ.

މިގޮތަށް ޗޭނު ޖަހައިގެން ދިރިއުޅުމަށްޓަކައި އެ ދެ މީހުން ވަނީ ޚާއްސަ ހެދުންތަކެއް ވެސް ފަހާފަ އެވެ. އެމީހުންގެ އަތް ވަކި ނުކުރެވޭނެތީ އަތަށް ޒިޕް ލައްވައިގެން ފަހާފައި ހުރި ހެދުމެވެ.

މި މީހުން ގަބޫލުކުރާ ގޮތުގައި އެއްވެސް އުނދަގުލަކާ ނުލާ ދެ މީހުންނަށް މިގޮތަށް ތިން މަސް ދުވަސް ހޭދަކޮށްލެވިދާނެ އެވެ.

ޒޮރިން ބުނި ގޮތުގައި ތިން މަސް ދުވަސް ހަމަވުމުގެ ކުރިން ޗޭނުގަނޑު ކަނޑާލަން ދެ މީހުން ބޭނުންވެއްޖެނަމަ އިމަޖެންސީ ސާވިސަސްގެ ސްޕެޝަލިސްޓުން ގެނެސްގެން ނޫނި އެކަމެއް ނުކުރެވޭނެ އެވެ.