ދުނިޔެ

ޖިހާދިސްޓުންނާއި އެނޮނިމަސްގެ ކުރިމަތިލުން: މިއީ ކޮން ކަހަލަ ޖިހާދެއް؟

ފްރާންސްގެ ހަފުތާ މަޖައްލާއެއް ކަމުގައިވާ ޗާލީ އެބްޑޯ އަށް މިދިޔަ ހަފުތާގައި ދިން ޓެރަރިސްޓް ހަމަލާ އަކީ ވަރަށް ގިނަ ގޮތް ގޮތުން ދުނިޔެ އަށް މެސެޖުތަކެއް ދިން ހަމަލާ އެކެވެ.

ފްރާންސްގައި މުސްލިމުންގެ އާބާދީ އިތުރުވަމުންދާއިރު އެގައުމުގައި ހަރުކަށި ފިކުރުމުގެ ބާރު އިންތިހާ އަށް ގަދަކުރަމުންދާކަން ވެސް އެނގުނެވެ. ޒަމާނުއްސުރެ ސެކިއުލާ މުޖުތަމައަކަށް ވަކާލާތުކުރާ ފްރާންސްގައި މުސްލިމުންނާ ދެކޮޅަށް ނަފުރަތުގެ ކެމްޕޭނެއް ފަށައި ހުޅު ރޯކޮށްލާފައި އޮތްކަން ވެސް އެނގުނެވެ.

އަދި ހައްދުފަހަނަޅާފައި ވަނީ މުސްލިމުންގެ ބަޔަކު އެކަނި ނޫންކަން ވެސް ވަނީ ހާމަވެގެން ގޮސްފަ އެވެ.

ކޮންމެއަކަސް މި ހަމަލާއާ އެކު އިތުރު ބަހުސްތަކެއް ހޫނުވެގެން ދިޔައިރު ހައްދުފަހަނެޅުމާ ދެކޮޅަށް ފަށާފައިވާ ކެމްޕޭން ވެސް ވަރުގަދަކޮށްފިކަން ޔަގީނެވެ. އަދި ވަކިވަކި ދައުލަތްތަކުގެ އިތުރުން އަމިއްލަ ގިނަ ފަރާތްތަކެއް ވެސް ހަރުކަށި ފިކުރާ ދެކޮޅަށް ނުކުމެއްޖެ އެވެ.

އޭގެ ތެރެއިން އެންމެ ބާރުގަދަ އެއް ބަޔަކީ ޔަގީނަށް ވެސް އެނޮނިމަސް އެވެ. ހެކަރުންގެ ބައިނަލްއަގުވާމީ ގްރޫޕެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ އެނޮނިމަސް، ހަރުކަށި ފިކުރާ ދެކޮޅަށް ނުކުތުމަކީ މި ފިކުރާ ދެކޮޅު މީހުން ހަގީގަތުގައި ވެސް އުފާކުރަން ޖެހޭ ކަމެކެވެ.

ނަމަވެސް އޭގެ ކުރިން، ހަރުކަށި ފިކުރަކީ އަދި އެނޮނިމަސް ނުކުމެފައި ވަނީ ކޮން ފިކުރަކާ ދެކޮޅަށް ތޯ ވެސް ބަލައިލަން އެބަ ޖެހެ އެވެ. ހަރުކަށި ފިކުރުގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވެފައި ވަނީ އިސްލާމުންގެ ތެރޭގައި ބާރުގަދަކުރަމުންދާ ވިސްނުމެކެވެ. މި ފިކުރު ޕްރޮމޯޓްކޮށް، އޭގެ ގަދަކަން ދެއްކުމަށް އެންމެ ބޮޑަށް ބާރު އަޅަމުން ދަނީ އިރާގާއި ސީރިއާގައި އަތްގަދަކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) އެވެ.

ހަރުކަށި ފިކުރަކީ އެއްގޮތަކަށް ވެސް ހުރިހައި މުސްލިމުންނެއް ނޫނެވެ. އިސްލާމް ދީނުގެ ނަމުގައި ލާއިންސާނީ އަމަލުތައް ހިންގަމުންދާ ފަރާތްތަކެވެ. އިސްލާމް ދީނުގެ އެންމެ މަޝްހޫރު އިލްމުވެރިން ވެސް އެބައި މީހުން މި ކަނޑައަޅަނީ މުސްލިމުންގެ ގޮތުގައެއް ނޫނެވެ.

އެހެންވީމަ އެނޮނިމަސް ނުކުމެފައި ވަނީ މުސްލިމުންނަކާ ދެކޮޅަކަށް ނޫނެވެ. ސުލްހަ ނަގާލުމަށް ހިތްވަރުދޭ ހަރުކަށި ފިކުރުތަކާ ދެކޮޅަށެވެ. ވަކިން ހާއްސަކޮށް، އައިއެސްގެ ފިކުރާ ގުޅިފައިވާ ފަރާތްތަކާ ދެކޮޅަށެވެ.

އެގޮތުން އެމީހުން ވަނީ މިފަހުން އިސްލާމިސްޓުންނަށް އިންޒާރުގެ މެސެޖެއް ދީފަ އެވެ. ދީނީ ގޮތުން ހައްދުފަހަނަޅައި ގޮސްފައިވާ މީހުންނާ ދެކޮޅަށް އޮންލައިންކޮށް ހަނގުރާމަ އިއުލާނުކޮށްފަ އެވެ.

"އަޅުގަނޑުމެންނަކީ އެނޮނިމަސް. ޓެރަރިސްޓުންނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރަން އަޅުގަނޑުމެން ނިންމައިފިން،" ޔޫޓިއުބުގައި އާންމުކޮށްފައިވާ މެސެޖެއްގައި އޮނޮނިމަސް އިން ބުނެފައި ވަނީ މިހެންނެވެ.

އެމީހުންގެ މި މެސެޖުގައި ފާހަގަކޮށްފައި ވަނީ އައިއެސް އާއި އަލްގައިދާ ޖަމާއަތެވެ. އެމީހުންގެ ފިކުރު އޮންލައިންކޮށް ފޮހެލާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.

ރަނގަޅު ވާހަކަ އެކެވެ. އެނޮނިމަސް އަކީ އިންޓަނެޓް ހުއްޓުވަން ވެއްޖެ ނަމަ އެކަމަށް ވެސް ކުޅަދާނަ ގްރޫޕެއްކަން ޔަގީނެވެ. މިއޮތް ހާ ދުވަހު އެމީހުންގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެކި ދައުލަތްތަކުގެ ރަސްމީ ހައިސިއްޔަތުތަކަށެވެ.

އެންމެފަހުން އެމީހުން މި ވަނީ ޓެރަރިސްޓުންނާ ދެކޮޅަށް "ޖިހާދަށް" ނުކުމެފަ އެވެ. މިހާރު ވެސް އަލްގައިދާ އާއި އައިއެސްއާ ގުޅިފައިވާ ގިނަ ވެބްސައިޓްތަކެއް ވަނީ ހަލާކުކޮށްލައިފަ އެވެ. މިއީ ހަރުކަށި ފިކުރާ ދެކޮޅު މީހުންނަށް އުފާވެރި ޚަބަރެއްކަން ޔަގީނެވެ.

ނަމަވެސް މިހާ ހިސާބުން އުފެދޭ ސުވާލެއް ވެސް އެބައޮތެވެ. އެނޮނިމަސް އިން އައިއެސް އާއި އަލްގައިދާގެ ވެބްސައިޓްތަކަށް ހަމަލާދީ މި ވެބްސައިޓްތައް ހަލާކުކޮށްލުން ފެތެނީ ކޮން ކެޓަގަރީއަކަށްތޯއާ މެދު ކުރެވޭ ސުވާލެވެ.

އައިއެސްގެ ފިކުރު ހުރި ބަޔަކު ފްރާންސްގެ ނޫހަކަށް ހަމަލާ ދީ ބަޔަކު މަރާލުމުން ދުނިޔެ އިން އެކަން ސިފަކުރީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ދިން ހަމަލާއެއްގެ ގޮތުގަ އެވެ.

އެހެންވީމަ އެނޮނިމަސް ވެސް މި ހަރަކާތްތެރިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ހެއްޔެވެ؟

އައިއެސް އާއި އަލްގައިދާގެ ސަޕޯޓަރުން ބުނާނީ އެހެންނެވެ. ސަބަބަކީ އެމީހުން ބޭނުންވާ ހިޔާލާއި ފިކުރު ފާޅުކުރުމުގެ މިނިވަންކަން އެމީހުންނަށް ވެސް ހުރަހެއް ނެތި ލިބެން ޖެހޭނެތީ އެވެ.

އަނެއް ވާހަކަ އަކީ އެނޮނިމަސް އާއި އައިއެސްގެ ހަނގުރާމަވެރިންނާއި ޗާލީ އެބްޑޯއަކާ ވެސް ތަފާތެއް ނެތް ކަމެކެވެ. އެންމެން ވެސް މި ހިފަނީ ސުލްހަޔާ ދިމާ އިދިކޮޅަށެވެ. އެންމެން ވެސް މި ފަތުރަނީ ނަފުރަތުގެ ހުޅުކޮޅެވެ.

އެނޮނިމަސް އިން ޖިހާދިސްޓުންގެ ވެބްސައިޓްތައް ހެކްކުރުމުގެ ކެމްޕޭނެއް ފަށާފައިވާއިރު ޖިހާދިސްޓުން މި ވަނީ އެމެރިކާ އަށް ސައިބަރުގެ ވަރުގަދަ ހަމަލާތަކެއް ވެސް ދީފަ އެވެ. އެމީހުން ބުނަނީ މިއީ "ސައިބަރު-ޖިހާދު" ކަމަށެވެ.