މި ސަރުކާރާ ހަވާލުކުރި ހުރިހާ ކަމެއް ބޮއްސުންލާފައިވާ ކަމަށާ އެފަދަ ބަޔަކަށް ކައުންސިލްތައް ހަވާލުކުރަން ހެޔޮނުވާނެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުން އެއް ކޮޓަރީގެ ފްލެޓްތަކަށް ހާއްސަ ކުރި ތިން ކެޓަގަރީއަށް ހުށައެޅި ފޯމްތައް ބާތިލުކޮށް އެ ކެޓަގަރީތައް އުވާލުމުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައެވެ.
ޖަމީލް ވިދާޅުވީ މުޅި ގައުމަށް ފެންނަން އޮތް ކަމެއްގައި ސަރުކާރުން ދޮގު ހަދާފައިވާ ކަމަށެވެ. ޖަމީލް އެ އިޝާރާތް ކުރައްވަނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު ހުޅުމާލެ ފޭސް ދޭއް ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައި ކަމަށާ އެ މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓް ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނި ބުނުމަށެވެ.
އޭނާ ވިދާޅުވީ ނިމިފައި ހުރި ހިޔާ މަޝްރޫއުގެ ހަތްހާސް ފްލެޓްތައް ދޭނެ މީހުންގެ ލިސްޓް ދެ އަހަރުވީއިރު ނުނިމުމު ކަމަށާ އެވަރު ކަމެއް ނުވި ބަޔަކަށް ކައުންސިލްތައް ހަވާލުކުރަން ހެޔޮނުވާނެ ކަމަށެވެ.
"މުޅި ގައުމަށް ފެންނަން އޮތް ކަމެއްގައި ސަރުކާރު މި ވަނީ ދޮގުހަދާފައި. ނިމިފައި ހުރި ފްލެޓްތަކެއްގެ ލިސްޓް ދެ އަހަރުވީއިރުވެސް ނުނިންމުނު. އަގުހެޔޮކުރަން ވައުދުވެ ކުރީ އަގުބޮޑު. ތިޔަވަރުގެ ކަމެއް ނުވި ބަޔަކު ގުންފައިޖަހާފައި ކައުންސިލޭ ނުކިޔާ! ހަވާލުވި ހުރިހާ ކަމެއް ބޮއްސުންލައިފި،" ޖަމީލް ވިދާޅުވިއެވެ.