ދުނިޔެ

ހައްޖުގައި މަރުވި މީހުންގެ އަދަދު ސައުދީން އޮޅުވާލަނީތަ؟

ރިއާދު (ރޮއިޓާސް) - ނިމިގެންދިޔަ ހައްޖު މޫސުމުގައި ހިނގި ފިތިބާރުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 2070 އަށް އަރާ ކަމަށް ރޮއިޓާސްއިން އެއްކުރި ހިސާބުތަކުން ދައްކައިފިއެވެ.

މިއީ ސައުދީ އަރަބިއްޔާގެ ރަސްމީ އިދާރާތަކުން ހާމަ ކޮށްފައިވާ އަދަދުގެ ތިން ގުނަ އާއި ގާތްކުރާ އަދަދެކެވެ.

ރޮއިޓާސްއިން ވަނީ މި ހާދިސާގައި މަރުވި މީހުން ނިސްބަތްވާ ގައުމުތަކުން މައުލޫމާތު އެއްކޮށް ހިސާބު ހަދާފައެވެ. މަރުވި އެންމެ ގިނަ މީހުން ނިސްބަތްވާ ގައުމު ތަކަށް ބަލާއިރު، އީރާނުން ބުނީ އެގައުމުގެ 465 މީހުން މަރުވި ކަމަށެވެ. އަދި އިންޑޮނޭޝިޔާގެ 127 މީހުންނާއި އިންޑިޔާގެ 116 މީހުންނާއި ޕާކިސްތާނުގެ 99 މީހުން މިނާގެ ހާދިސާގައި މަރުވި ކަމަށް އެގައުމުތަކުގެ ސަރުކާރުން ބުނެއެވެ. މި ހަތަރު ގައުމުގެ ހިސާބުތަކަށް އެކަނި ބެލިޔަސް މިއީ ސައުދީން ބުނާ އަދަދަށްވުރެ އިތުރު އަދަދެކެވެ.

ސައުދީން އަދިވެސް ބުނަނީ މި ހާދިސާގައި މަރުވީ 769 މީހުން ކަމަށާއި އަނިޔާވީ 934 މީހުންނަށް ކަމަށެވެ. މިއީ ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން ސައުދީން ހާމަ ކުރި އަދަދެވެ. އޭގެ ފަހުން މި ހިސާބުތައް އަޕްޑޭޓް ކޮށް އެގައުމުން ހާމަކޮށްފައެއް ނުވެއެވެ.

ސައުދީން ބުނަނީ މަރުވި މީހުން ނިސްބަތްވާ ގައުމު ތަކުން ބުނާ އަދަދާ ސައުދީގެ ރަސްމީ ހިސާބުތައް ދިމާ ނުވަނީ އެހެން ގައުމުތަކުން މި ހާދިސާގައި މަރުވި މީހުންގެ އަދަދަށް ގުދުރަތީ މަރު ތައް ވެސް އެއްކުރާތީއެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ސައުދީ ރަސްގެފާނު އެކުލަވާލި ކޮމިޓީގެ ރިޕޯޓް އިއްވުމުން ހުރިހާ ކަމެއްވެސް ސާފު ވާނެ ކަމަށް އެގައުމުން ބުނެއެވެ.

ރޮއިޓާސްގެ ހިސާބު ތަކުން ދައްކާގޮތުން މި ފަހަރުގެ ހާދިސާއަކީ ހައްޖުގެ ތާރީހުގައި ވެސް ހިނގި އެންމެ މަރު ގިނަ ހާދިސާއެވެ. މީގެ ކުރިން މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެއް ހިނގީ 1990 ވަނަ އަހަރުއެވެ. އެފަހަރު ފިތިގެން މަރުވި މީހުންގެ އަދަދަކީ 1400 އެވެ.