ޗެމްޕިއަންސް ލީގް

ޗެމްޕިއަން ބަޔާން މޮޅުވެ ލެވަންޑޮސްކީ ގަދަ ތިނަކަށް

ލާޒިއޯގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ކާމިޔާބު ހޯދައި، ޗެމްޕިއަންސް ލީގްގެ ލަނޑު ލިސްޓްގެ ގަދަ ތިނަކަށް ރޮބަޓް ލެވަންޑޮސްކީ ޖެހިލައިފި އެވެ.

މެޗުގައި ބަޔާން އަށް ފުރަތަމަ ލީޑް ނަގައި ދިނީ ލެވަންޑޮސްކީ ކާމިޔާބު ކުރި ލަނޑުންނެވެ. އެ ލަނޑާއެކު އޭނާ ވަނީ، ރެއާލް މެޑްރިޑްގެ ކުރީގެ ފޯވަޑް ރައުލް ގޮންޒާލޭޒް ބެލަންކޯއަށް ވުރެ ގިނަ ލަނޑު ޖަހައިގެން ޗެމްޕިއަންސް ލީގްގެ ލަނޑު ލިސްޓްގެ ތިން ވަނަ މަގާމުން ޖާގަ ހޯދާފަ އެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގައި މިހާރު ހުރި ލެވަންޑޮސްކީ ޖެހި އެ ލަނޑަކީ އެ މުބާރާތުގައި އޭނާ ކާމިޔާބު ކުރި 72 ވަނަ ލަނޑެވެ. ރައުލް ޖަހާފައި ވަނީ 71 ލަނޑެވެ. ޗެމްޕިއަންސް ލީގްގެ ލަނޑު ލިސްޓްގެ އެއް ވަނައިގައި އޮތީ 134 ލަނޑު ޖެހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ލިއޮނެލް މެސީ 119 ލަނޑު ޖަހައިގެން އޮތީ ލިސްޓްގެ ދެ ވަނައިގަ އެވެ.

ޗެމްޕިއަންސް ލީގްގެ ރަން މެޑަލް މިިދިޔަ ސީޒަންގައި ކަރުގައި އަޅުވާލި ލެވަންޑޮސްކީ އަކީ މިދިޔަ ސީޒަންގައި އެ މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އެވެ.

ޗެމްޕިއަންސް ލީގްގެ ގޯލެއް ލެވަންޑޮސްކީ އެންމެ ފުރަތަމަ ޖެހީ، ބޯރޫޝިއަޑޯ ޑޯޓަމުންޑުން އޮލިމްޕިއާކޯސް އާ ދެކޮޅަށް އޮކްޓޯބަރ 19 2011 ގައި ކުޅުނު މެޗުގަ އެވެ. ޑޯޓަމުންޑްގެ ޖޯޒީގައި އެ މުބާރާތުގައި 17 ލަނޑު ޖެހި އެވެ. އޭގެ ތެރޭގައި 2013-2014 ގެ ދެ ވަނަ ބުރުގެ މެޗުގައި ޒެނިޓް ޕީޓާސްބާގް ކޮޅަށް ޖެހި ދެ ލަނޑުވެސް ހިމެނެ އެވެ. ބަޔާންގެ ޖޯޒީގައި ޖެހީ 55 ލަނޑެވެ.

ރޯމްގައި ކުޅުނު މެޗުގައި، ބަޔާންގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޒުވާން މިޑްފީލްޑާ ޖަމާލް މުޒިއާލާ އެވެ. އެ ލަނޑާއެކު އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގްގައި ބަޔާންއަށް ލަނޑު ޖެހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އަދި އޭނާ އަކީ އިންގްލެންޑަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ޗެމްޕިއަންސް ލީގްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަކީ ވެސް މިހާރު އޭނާ އެވެ. ރޭ އޭނާ ލަނޑު ޖެހިއިރު އުމުރަކީ 17 އަހަރާއި 363 ދުވަހެވެ.

ބަޔާންގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރި ލިރޮއީ ސަނޭ އެވެ. ހަތަރު ވަނަ ލަނޑަކީ ލާޒިއޯގެ ފްރެންޗެސްކޯ އަޗޭރަބީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ލާޒިއޯގެ ލަނޑު ކާމިޔާބު ކުރީ ހޯކިން ކޮރެއާ އެވެ.