އޮމްބަޑްސްޕާސަންގެ އޮފީސް

ޗީފް އޮމްބަޑްސް ޕާސަންގެ މުސާރަ ކުޑަވެގެން ޝަކުވާކޮށްފި

އެކި އެކި އަނިޔާތައް ލިބިފައިވާ މީހުންގެ މައްސަލަ ބަލައި ބަދަލު ދިނުމަށް އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އައްޔަނުކޮށްފައިވާ ޗީފް އޮމްބަޑްސްޕާސަންއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ކަނޑައެޅި އަދަދު ކުޑަވެގެން ޝަކުވާކޮށްފި އެވެ.

މިދިޔަ މަހު ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަނުކުރި އަބްދުއް ސަލާމް އާރިފްއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 37،500 ރުފިޔާ ދޭން މިދިޔަ ހަފްތާގައި މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެއީ މުސާރައިގެ ގޮތުގައި މަހަަކު 25،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 12،500 ރުފިޔާ އެވެ. ނަމަވެސް ފިނޭންސުން ލަފާދީފައި އޮތީ ސަލާމްއަށް ޖުމްލަ 40،000 ރުފިޔާ ދޭށެވެ.

ސަލާމް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓީގައި ވަނީ އެ މުސާރައާ ދޭތެރޭ ހިތްހަމަ ނުޖެހޭތީ މުސާރާ މުރަޖާކޮށްދޭން އެދިފަ އެވެ. ނަމަވެސް އެކަން އެކަން އެގޮތަށް ނުކޮށްދޭން މާލިއްޔަތު ކޮމެޓީން ވަނީ ނިންމައިފަ އެވެ.

" އެހެން ނަމަވެސް އަޅުގަނޑުމެން ގަސްދުކުރަނީ އަޅުގަނޑުމެން ކޮމެޓީން ނިންމާ ފާސްކުރިގޮތް އެގޮތަށް އެކަން ހިނގާފައޮތް ގޮތް އަލުން މިސިޓީގެ ޖަވާބުގައި އެބޭފުޅާއަށް ފޮނުވަން" މާލިއްޔަތު ކޮމިޓީގައި މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒު އިއްޔެ ވިދާޅުވި އެވެ.

ޗީފް އޮމްބަޑްސްޕާސަންއާއި އޮމްބަޑްސްޕާސަންއަށް ބޭފުޅުންގެ މުސާރައާ އިނާޔަތްތަކުގެ ގޮތުގައި ދޭން މާލިއްޔަތު ކޮމެޓީން ނިންމި ނިންމުން މަޖިލީހުން ފާސްވީ 40 މެމްބަރުންގެ ވޯޓާ އެކު އެވެ.

ޗީފް އޮމްބަޑްސްޕާސަންގެ ދަށުން ތިބޭ އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި މަހަަކު 25،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 8،500 ރުފިޔާ ދޭންވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.