ރާއްޖޭގެ ފަސްވެރިކަމެއް ގައި ދައުލަތުގެ ފަރާތުން އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އުފައްދާފައިވާ ޓްރާންސިޝަނަލް ޖަސްޓިސްގެ އޮފީސް ނުވަތަ އިންތިގާލީ އިންސާފުގެ އޮފީހަށް އަންނަ އަހަރު ދޭން ހުށަހަޅާފައިވާ ބެޖެޓު މާކުޑަ ކަަަމަށް ބުނެ ބެޖެޓު އިތުރުކުރަން އެ އޮފީހުން އެދިއްޖެ އެވެ.
އިންތިގާލީ އޮފީހުގެ ވެރިން އެކަމަށް އެދުނީ މިއަދު މަޖިލީހުގައި އޮތް ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަމުން ނެވެ.
އިންތިގާލީ އޮފީހަށް ދޭން އަންނަ އަހަރު ފިނޭންސް މިނިސްޓްރީން ހުށަހަޅާފައި ވަނީ 15 މިލިއަން ރުފިޔާގެ ބެޖެޓެކެވެ.
މިއަދު ބަޖެޓު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އިންތިގާލީ އޮފީހުގެ އިސްވެރިޔާ އަދި ޗީފް އޮމްބަޑްސްޕާސަން އަބްދުއް ސަލާމް އާރިފް ވިދާޅުވީ އަންނަ އަހަރު އެ އޮފީހަށް ދޭން ކަނޑައެޅި ބަޖެޓުން މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ކަަމށެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރާއި މިއަހަރު ވެސް އެ އޮފީހަށް ދިން ބަޖެޓުގެ ބޮޑު ބައެއް ހޭދަވީ މުވައްޒަފުންނާއި އިދާރާ ހަރަދުތަކަަށް ކަމަށެވެ. އަދި އެ އޮފީހުން ބަލާ މައްސަލަތައް ދިރާސަކޮށް އަދި ކުރަން ޖެހޭ ދަތުރުތަކަާއި ކަމާ ބެހޭ މާހިރުން ހޯދަން ވެސް އެ ބެޖެޓުން ދަތިވި ކަމަަށެެވެ.
އިންތިގާލީ އޮފީހަށް މައްސަލަ ހުށަހަޅަން ހުޅުވާލުމުން ހުށަހެޅީ 487 މައްސަލަ އެކެވެ. ނަަމަވެސް އޭގެ ތެރެއިން ބަލަން ނިންމީ 449 މައްސަލަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައިސް މުހައްމަދު އަމީންއަށް އިންސާފު ހޯދައިދޭން ހުށަހެޅި މައްސަލަ ވެސް ހިމެނެ އެވެ.
ސަލާމް ވިދާޅުވީ އެހާ ގިނަ މައްސަލަތައް ބަލައި ނިންމަން ދަތިވެފައިވާ ކަަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެ މައްސަލަތައް ތަހުގީގުކުރަން ތިބި އިންވެސްޓިގޭޝަން އޮފިސަރުންގެ އަދަދު މަދުކަން ފާހަގަކުރެއްވި އެވެ.
އެގޮތުން އެކަމަށް ތިބީ އެންމެ ހަ އިންވެސްޓިގޭޝަން އޮފިސަރުން ކަަމަށާއި ކޮންމެ އޮފިސަރަކު 80 އެއްހާ މައްސަލަ އެވްރެޖުކޮށް ބަލަން ޖެހޭ ކަމަށެވެ. އެހެންކަމުން އިތުރު އަށް އިންވެސްޓިގޭޝަން އޮފިސަރުންނާއި އިންޓާނުންގެ ގޮތުގައި ހަ މުވައްޒަފުން ނަގަން ބޭނުންވާ ކަަމަށް ވިދާޅުވި އެވެ.
މުވައްޒަފުން އިތުރުކޮށް އަދި ދަތުުތުތައް ކުރުމަށާއި އެހެނިހެން ކަަމަށް ރިއާޔަތް ކޮށް އަންނަ އަހަރަށް އިންތިގާލީ އޮފީހަށް ކަނޑައަޅާފައިވާ 15 މިލިއަން ރުފިޔާގެ ބަޖެޓަށް 10 މިލިއަން އިތުރުކޮށް ޖުމްލަ 25 މިލިއަން ރުފިޔާ ހަމަޖެއްސުމަށް ސަލާމް މިއަދު އެދިވަޑައިގެންނެވި އެވެ.
ސަލާމް އެދިވަޑައިގެންނެވި ގޮތަށް ބަޖެޓު ކޮމިޓީގެ މެމްބަރުން ވެސް ތާއިދުކުރެއްވި އެވެ. މެމްބަރުން ވިދާޅުޅި އިންތިގާލި އޮފީހަކީ ވަކި ގާނޫނެއްގެ ދަށުން މަޖިލީހުން ފާސްކޮށްގެން އުފެއްދި އޮފީހެއް ކަމަށާއި އަދި އެ އޮފީސް އުފެއްދުމުގެ މަގުސަދާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަން ޖާގަ ދޭން ޖެހޭނެ ކަމަށެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބެލުމެވެ
އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އިންތިގާލީ އިންސާފުގެ އޮފީހެއް އުފެއްދުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ވެސް ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަން އުފައްދަވާފަ އެވެ. ނަމަވެސް ރައީސް އުފައްދަވާފައިވާ ކޮމިޝަންތަކުންނާއި އެކިއެކި ކޮމިޓީތަކުގެ މަސައްކަތުން އިންސާފު ނުލިބޭތީ އާންމުންގެ ފާޑުކިޔުން ބޮޑެވެ.