އުތުރު ތިލަ ފަޅު

ޔޫޓީއެފް އެއްބަސްވުން މަޖިލިސް މެމްބަރުންނާ ހިއްސާ ނުކުރޭ

މިދިޔަ ހޮނިހިރު ދުވަހު އިންޑިއާއާ ރާއްޖެއާ ދެމެދު ސޮއިކުރި އުތުރު ތިލަފަޅު (ޔޫޓީއެފް) އެއްބަސްވުން މަޖިލީހުގެ މެމްބަރުންނާ ހިއްސާކޮށްފައި ނުވާ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

ޔޫޓީއެފް އެއްބަސްވުމުގެ ދަށުން ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން ނިންމާފައިވާއިރު ރާއްޖޭގައި އިންޑިއާ ސިފައިން އެކި ނަންނަމުގައި ތިބެން މަސައްކަތް ކުރާކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

އެކަމާ ގުޅޭގޮތުން ޕީޕީއެމް/ ޕީއެންސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ ބޭރު ގައުމަކާ އެއްބަސްވުމެއް ގާއިމްކުރާނަމަ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގަައި ބަޔާންކޮށްފައި އޮތް ނަމަވެސް އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މަޖިލީހަށްވެސް ނުގެނެސް ކަމަށެވެ.

"މަޖިލީހަށް ގެންނަން ޖެހޭނެ ކޮންމެ އެއްބަސްވުމެއްވެސް. ކޮންމެ އެއްބަސްވުމަކީވެސް ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަަމަށް ބުނެ އެ ވަންހަނާކުރުމަކީ ގާނޫނު އަސާސީވެސް ތަންދޭ ކަމެއް، ނޫން. އެ ހިސާބުން ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީއާ ހިލާފުވެވަޑައިގަންނަވަނީ. " މުންދު ވިދާޅުވި އެވެ.

ޔޫޓީއެފް އެއްބަސްވުން މަޖިލީހުގެ މެމްބަރުންނަށް ދެއްވާނެ ކަމަށް މިދިޔަ ހޯމަ ދުވަހު ރައީސް ނަޝީދު މަޖިލީހުގައި ވިދާޅުވި އެވެ.

"ސިއްރުން އެއްްވެސް ކަމެއް ނުކުރައްވާނެ ކަމަށް" ރައީސް ނަޝީދު ވިދާޅުވިޔަސް އެ އެއްބަސްވުން އަދިވެސް ނުލިބޭކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ޑޮކްޔާޑު އެޅުމަށް ސޮއިކުރި ރަސްމިއްޔާތަަށް ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރާ ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ބައްދަލުކުރައްވައިފަ އެވެ. ނަަމަވެސް އެ ބައްދަލުވުމުގައި ޔޫޓީއެފްގެ އެއްވެސް ވާހަކައެއް ނުދައްކަވައި އެ އެއްބަސްވުމުގެ ތަފްސީލް ހޯދަން މަޖިލީހަށް ކުއްލި މައްސަލައެއް
ހުށަހެޅުމުން އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. އެ ބައްދަލުވުމުގައި ޔޫޓީއެފްއާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދެއްވީ އެކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީ ކަމަށް މުންދު މިއަދު ވިދާޅުވި އެވެ.

އުތުރުތިލަފަޅުގެ ބަނދަރާއި ޑޮކްޔާޑުގެ އެއްބަސްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ދެ ގައުމުން އިންޑިއާގައި ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ ބައެކެވެ. ނަމަވެސް އެ އެކްޝަން ޕްލޭނަކީ ހަމައެކަނި ތަސައްވަރެއް ކަމަށާއި އޭގައި އެއްވެސް ތަފްސީލެއް ހިމަނައިފައި ނުވާނެ ކަމަށް މުންދު ވިދާޅުވި އެވެ.

ޑޮކްޔާޑު ތަރައްގީކޮށް ދޭން އިންޑިއާއިން އެދުނީ އެގައުމަށް ހާއްސަ "އެކްސްކުލޫސިވް" ނުވަތަ އިމްތިޔާޒްތަކެއް ދޭން ޖެހޭ ގޮތަށް ކަމަށް މުންދު ވިދާޅުވި އެވެ. ނަމަވެސް އެމްއެންޑީއެފްގެވެސް ލަަފަޔާއެކު އެއްވެސް ގައުމަކަށް ހާއްސަ އިމްތިޔާޒެއް ނުދީ ރައީސް ޔާމީން ނިންމެވީ ރާއްޖޭގައި މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެމްއެންޑީއެފްއިން އެތަން ތަރައްގީކުރާށެވެ. އަދި "އެކްސްކްލޫސިވިޓީ" ދެވޭނެ ހާލަތެއް ނެތް ކަމަށް އިންޑިއާއަށް ފަހުން އެންގި ކަމަށާއި އޭގެ ފަހުން ޔޫޓީއެފްއާ ގުޅޭގޮތުން އިންޑިއާގެ ހުށަހެޅުމެއް ނުލިބޭ ކަމަށް މުންދު ވިދާޅުވި އެވެ.