އާދަމް ޝަރީފު އުމަރު

ސަޕޯޓަރުންގެ ހިތައް ތަދުވާނެ ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދީފި

ދަ ޑިމޮކްރެޓްސްއާއެކު ސިޔާސީ މަޝްވަރާތައް ކުރި ނަމަވެސް ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން ހިތައް ތަދުވާވަރުގެ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު މިއަދު ދެއްވައިފި އެވެ.

އާދަމް ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ އަމާޒު ވަރަށް ސާފުކަމަށާއި އަމާޒު ހުރީ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.

"ސަޕޯޓަރުންގެ ހިތަށް ތަދުވާ ވަރުގެ ކަމެއް، ޕާޓީގެ އަސާސްތަކާ ހިލާފު ކަމެއް ނުކުރާނެ،" މަޑުއްވަރި ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

ވަސްވާސް އުފައްދަން ޖާގަ ނުދޭނެ ކަމަށް ވިދާޅުވެ އާދަމް ޝަރީފު ވަނީ އުންމީދާއި ސާބިތުކަމާއެކު ތިއްބެވުމަށް އެދިވަޑައިގެންފަ އެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި ދަ ޑިމޮކްރެޓްސްގެ ރަސްމީ މަޝްވަރާތައް ފެށިފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިއްސާ އޮންނަ މަޖައްލާއެއްގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ރައީސް ނަޝީދު އަދި ރައީސް ޔާމީނެއް ނޫން ކަމަށާއި ނުކުންނަވާނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް ކަމަށް ބުނެފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ޕީޕީއެމް ސެނެޓް މެންބަރުން ވަނީ އެކަން ކުށްވެރިކުރުމަށް ޕީޕީއެމް-ޕީއެންސީ ލީޑަޝިޕަށް ގޮވާލާފަ އެވެ.